މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހިމެނި، އަދި މުޅި ދުނިޔެއިން ވެސް އެއްވަނަ ހޯދި ދަރިވަރުންނަށް ޚާއްޞަ އިނާމް ދިނީ ހުސްވި އަދީއްތަ ދުވަހުގެ ރޭ ގައެވެ. މަތީ ސަނަވީ އިމްތިޙާނުން ގައުމީ ގަދަ ދިހައެއްގައި 219 ދަރިވަރުން ހިމެނުނެވެ. އަދި އޭގެ ތެރެއިން އަށް ދަރިވަރަކު މުޅި ދުނިޔެއިން އެއްވަނަ ހޯދިއެވެ. މިއީ ބޮޑު ކާމިޔާބީއެކެވެ. އެފަދަ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ވެސް މިފަހަރު ވަނީ ދީފައެވެ.
2019 ވަނަ އަހަރު އެލެވެލްގައި 3،655 ދަރިވަރުން ކިޔަވަމުން ދިޔަކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް އޭލެވެލްގެ އެޑެކްސެލް އިމްތިހާނުގައި ބައިވެރިވި ކަމަށް ތަފާސް ހިސާބުން ދައްކަނީ 1،677 ދަރިވަރުންނެވެ. އެއީ 1،009 އަންހެން ދަރިވަރުންނާއި 706 ފިރިހެން ދަރިވަރުންނެވެ. މި ހިސާބުތަކުން ދައްކާގޮތުގައި، އޭލެވެލްއަށް ކިޔަވަން ފެށި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އޭލެވެލްގެ އިމްތިޙާނު ހޯލަށް 1،978 ދަރިވަރުން ނުވަދެއެވެ. މިއިން އެނގެނީ މަތީ ސާނަވީއަށް ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ނިސްބަތުން ގިނަ އަދަދެއްގެ ދަރިވަރުން އެ މަރުހަލާ ނިންމާ ނުލާ ކަމެވެ.

ވަކިވަކި މާއްދާތަކަށް ބަލާއިރު، ސައިންސްގެ މާއްދާތަކުގެ ނަތީޖާއިން ލިބެނީ ހައިރާން ކަމެކެވެ. ސައިންސްގެ މާއްދާތަކާއި ބިޒްނަސް ސްޓްރީމްގެ މާއްދާތަކާ ދެމެދު ބޮޑު ފަރަގެއް އެބަ ހުއްޓެވެ. ސައިންސް ސްޓްރީމްގެ މާއްދާތަކުގެ ތެރެއިން ދަރިވަރުންނަށް އެންމެ އުނދަގޫ މާއްދާއަކީ ފިޒިކްސްއެވެ. އެ މާއްދާއިން ފާސްވީ އެންމެ 17.5 އިންސައްތައެވެ. ފާއިތުވި ހަތަރު އަހަރުގެ ނަތީޖާއަށް ބަލާއިރު އެ ނިސްބަތް 20.1 އިންސައްތައަށް ވުރެ މައްޗަކަށް ނުދެއެވެ. ބައިލޮޖީއަށް ބަލާއިރު، ފާސްވި އިންސައްތަ ހުރީ 23.5 އިންސައްތައިގައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 9.2 އިންސައްތައިގެ ދަށްވުމެކެވެ. އެ އަހަރު ބައިލޮޖީން ފާސްވީ 32.7 އިންސައްތަ ދަރިވަރުންނެވެ. ކެމިސްޓްރީއަށް ބަލާއިރު، އެ މާއްދާއިން ފާސްވީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ 25.2 އިންސައްތައެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ 0.9 އިންސައްތަ ދަށް އަދަދެކެވެ.
ބިޒްނަސް ސްޓްރީމަށް ބަލާއިރު، ބިޒްނަސްއިން 77.3 އިންސައްތަ ދަރިވަރުން ފާސްވިއެވެ. އެކައުންޓިން ފާސްވީ 55.4 އިންސައްތައެވެ. ކޮމާސްއިން ފާސްވީ 61.1 އިންސައްތައެވެ. ސައިންސްގެ މާއްދާތަކުގެ އިތުރަށް ހިސާބަށް ވެސް ދިވެހި ދަރިވަރުން ދަށް ކަމަށް ތަފާސް ހިސާބު ބުރަވެއެވެ.
2019 ވަނަ އަހަރު ހިސާބުން ފާސްވި ނިސްބަތަކީ އެންމެ 27 އިންސައްތައެވެ. ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވެސް ހިސާބުން އެންމެ މަތިން ފާސްވި ނިސްބަތަކީ 32.1 އިންސައްތައެވެ.

ވަކިވަކި އެހެން މާއްދާތަކަށް ބަލާއިރު، 2019 ވަނަ އަހަރު ލިޓްރޭޗަރ އިންގުލިޝް ގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފައެވެ. ބައިވެރިވި ހުރިހާ ދަރިވަރުން ފާސްވި ހަމައެކަނި މާއްދާއަކީ ވެސް އެއީއެވެ. ދެން އެންމެ ގިނަ ދަރިވަރުން ފާސްވީ ސޯސިއޮލޮޖީންނެވެ. އެ މާއްދާގައި ބައިވެރިވި 90 އިންސައްތަ ދަރިވަރުން ފާސްވިއެވެ.
ދިވެއްސާ އިސްލާމަށް ބަލާއިރު، އެ ދެ މާއްދާއިން ފާސްވި ނިސްބަތް ހުރީ ދާދި އެއް ހަމައެއްގައެވެ. އިސްލާމް މާއްދާއިން ފާސްވި ނިސްބަތް 79 އިންސައްތައިގައި ހުރިއިރު، ދިވެހިން ފާސްވި ނިސްބަތް ހުރީ 79.3 އިންސައްތައިގައެވެ. އެހެން މާއްދާތަކަށް ބަލާއިރު، އިނގިރޭސިން ފާސްވި ނިސްބަތް 76.9 އިންސައްތައިގައި ހުރިއިރު، ބީޓެކް އިން ފާސްވި ކުދިންގެ ނިސްބަތަކީ 79.2 އިންސައްތައެވެ.
ތަފާތު މާއްދާތަކުން ގުރޭޑްތައް ލިބިފައިވާ ނިސްބަތަށް ބަލާއިރު، އޭ ސްޓަރ ލިބިފައި ވަނީ ފަސް އިންސައްތަ ދަރިވަރުންނަށެވެ. 14 އިންސައްތަ ދަރިވަރުންނަށް އޭ ލިބުނުއިރު، ބީ ލިބުނު ދަރިވަރުންގެ އިންސައްތައަކީ 18 އެވެ. އަދި ސީ ގުރޭޑް ލިބުނީ މަތީ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ 19 އިންސައްތައަށެވެ.
ބާރަ އިންސައްތަ ދަރިވަރުންނަށް ޑީ ގުރޭޑް ލިބުނުއިރު، ނުވަ އިންސައްތަ ކުދިންނަށް އީ ގުރޭޑް ލިބި، 22 އިންސައްތަ ދަރިވަރުންނަށް ޔޫ ގުރޭޑް ލިބުނެވެ. މި ހިސާބުތަކަށް ބަލާއިރު، ސީ ގުރޭޑުން މަތިން ލިބިގެން ފާސްވި ކުދިންގެ ނިސްބަތަކީ 57 އިންސައްތައެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު، 2.5 އިންސައްތަ ދަށް އަދަދެކެވެ. 2018 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުން ސީ ގުރޭޑުން މަތީ ގުރޭޑް ހޯދި ދަރިވަރުންގެ ނިސްބަތަކީ 59.5 އިންސައްތައެވެ.
advertisment
ހިޔާލު