ޣާޒީ ސުކޫލަށް 19 އަހަރު ފުރުން ފާހަގަކުރަން ތަފާތު ހަރަކާތްތަކެއް

ޣާޒީ ސްކޫލަށް 19 އަހަރު ފުރުން  އެ ސްކޫލުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ޣާޒީ ސްކޫލަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިޘާ އާއި ގުޅިގެން ދިވެހިރާއްޖެއަށް ލިބުނު އަގުނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކަށް، ލުޔެއް ހޯއްދަވައިދެއްވުމަށްޓަކައި ދިވެހިސަރުކާރުން ފެއްޓެވި މަސައްކަތަށް އެހީއެއްގެ ގޮތުން ސިންގަޕޫރު ސަރުކާރުންނާއި ސިންގަޕޫރު ރެޑްކްރޮސް ސޮސައިޓީގެ ފަރާތުން ދެއްވި ދީލަތި އެހީގެ ދަށުން ޢިމާރާތް ކުރެވުނު ސްކޫލެކެވެ. ޣާޒީ ސްކޫލް ނިސްބަތްވަނީ އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ނަން ފުޅަށެވެ. މިއީ ހުޅުމާލޭގައި ބިނާކުރެވުނު ދެވަނަ ސްކޫލެވެ. މި ސްކޫލް ރަސްމީކޮށް ހުޅުވިފައިވަނީ 25 އޮކްޓޯބަރ 2007 ގައެވެ. އަދި މި ސްކޫލްގައި ކިޔަވައިދިނުން ފެށިފައިވަނީ 2008 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެންނެވެ.

19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސްކޫލުން ވަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ހުޅުމާލޭގެ އަތިރިމަތި ސާފުކުރުމަށް ޓަކައި ކުރިއަށް ގެންދެވުނު ހަރަކާތަކީ ދަރިވަރުން ތިމާވެއްޓަށް ލޯބިޖައްސައި، ދަރިވަރުންނަކީ ސާފުތާހިރުކަމަށް ލޯބިކުރާ ބަޔަކަށް ހެދުމުގެ މަތިވެރި މަޤްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ތަޢުލީމީ ވުޒާރާއިން އިސްނަންގަވައިގެން ޤައުމީ ފެންވަރުގައި ކުރިއަށް މިގެންދާ ތަރުބަވީ ޚާއްޞަ ޕްރޮގްރާމް "ބިންގާ" ޕްރޮގްރާމްގެ އޮކްޓޫބަރު މަހުގެ ތީމު "ސާފުތާހިރުކަން" މި ތީމާވެސް ގުޅުވައިގެންނެވެ.  މި ހަރަކާތުގައި ސްކޫލުގެ ގިނަ އަދަދެއްގެ މުއައްޒަފުންނާ، ކެޑޭޓުންނާ، ސްކައުޓުން އަދި ގާލްގައިޑުގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.  އަދި މީގެ އިތުރުން ސްކޫލުގެ ޕީޓީއޭ އެކްސްކޯ އާއި ސްޓޫޑެންޓް ލީޑާރސް ކައުންސިލުގެ ދަރިވަރުންވެސް މިހަރާކާތުގައި ބައިވެރިވެފާވެއެވެ.

ޣާޒީ ސްކޫލުގެ 19 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ޓަކައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތަކީ ސިލްސިލާ ހަރާކާތެއްގެ ގޮތުގައި ފާއިތުވެ ދިޔަ ތިން އަހަރުވެސް ކުރިއަށް ގެންގޮސްފައިވާ ކާމިޔާބު ހަރާކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނާ، ބެލެނިވެރިން އަދި މުވައްޒަފުންގެ މެދުގައި ދަރުމަވެރިކަމާއި މުޖުތަމަޢަށް ޚިދުމަތް ކުރުމުގެ ރޫހު ޢާލާކުރުމެވެ. އަދި ސްކޫލުގެ ސްޓޫޑެންޓް ލީޑާރސް ކައުންސިލުން އިސްނަގައިގެން ލޭހަދިޔާ ކުރުން ކުރިޔަށް އިރު، ތެލެސީމިއާ ސެންޓަރުގައި ލޭއެޅުމުގެ ޚިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ވަނީ ޚާއްޞަ ހަދިޔާއެއް ވަނީ ދީފައެވެ.

ޣާޒީ ސްކޫލުގެ ދަރިވަރުންނަކީ ކިޔުންތެރި މަޢުލޫމާތު މުއްސަނދި ބަޔަކަށް ހެދުމުގެ މަތިވެރި މަޤްޞަދުގައި "ބުކް ޑުރައިވް ވީކް"ގެ ނަމުގައި ފޮތް ހަދިޔާ ކުރުމުގެ ހަރަކާތެއްވެސް ވަނީ ފަށާފައެވެ. މި ހަރަކާތަށް ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން އަންނަނީ ފޮތް ހަދިޔާ ކުރަމުންނެވެ.

މި ހަރާކަތުގެ އިތުރުން ކީސްޓޭޖް 1 އަދި 2ގެ ކުލާސްތަކަށް އަމާޒުކޮށްގެން ރިސައިކަލް މެޓީރިއަލް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ ކޮލާޖް ހެދުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ ތެރެއިން ދަރިވަރުންގެ ވަރަށް ހުނަރުވެރި މަސައްކަތްތައްވަނީ ފެނިގެން ގޮސްފައެވެ.

މި މުބާރާތުގެ އިތުރުން، ދަރިވަރުންނަށް ސްކޫލާ ގުޅޭ މުހިންމު މައުލޫމާތު ދަސްކޮށްދިނުމުގެ މަޤްޞަދުގައި، ކީސްޓޭޖް 3 އަދި 4 ގެ ދަރިވަރުންނަށް ހުޅުވާލައިގެން، ސްކޫލުގެ ތާރީޚާއި މުހިންމު މައުލޫމާތު އެކުލެވޭ ކުއިޒެއް ވެސް މި ހަފްތާ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަކުގެ އިތުރުން، ބެލެނިވެރިންނާއި މުޖުތަމަޢާ ގުޅުން ބަދަހިކޮށް، ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ މަޤްޞަދުގައި، ޝުކުރުގެ ސިޓީއެއް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، ބެލެނިވެރިން ދަރިވަރުންނަށްޓަކައި ކުރައްވާ އަގުނުކުރެވޭ މަސައްކަތްތަކަށް ޝުކުރުވެރިކަން ފާޅުކުރުމުގެ ގޮތުން، ކޮންމެ ކުލާހަކުން ވެސް ދަރިވަރުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ޝުކުރުގެ ޚާއްޞަ ކާޑެއް، ކުލާސް ގުރޫޕްތައް މެދުވެރިކޮށް ބެލެނިވެރިންނާ ހިއްސާކުރެވުނެވެ.

ސުކޫލުގެ 19 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ވަރަށް ޚާއްޞަ އެސެމްބުލީއެއް ވެސް ބާއްވާފައިވެއެވެ. މި އެސެމްބުލީގައި، "އޯގާތެރި ހިތަކުން" މި ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ވަނީ އިފްތިތާޙު ކޮށްފައެވެ. މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ އެސެމްބުލީގެ ޚާއްޞަ މެހެމާނު، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ، ޑެޕިއުޓީ ސްޕްރިޓެންޑެންޓް، އާމިނަތު ޒީނިޔާއެވެ.

މި ޕްރޮގްރާމަކީ ދަރިވަރުންނާ، މުވައްޒަފުން އަދި ބެލެނިވެރިންވެސް ޝާމިލްވާނެހެން ކުރިއަށް ގެންދިޔުމަށް ރޭވިފާއިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، މާދަމާގެ ޤައުމު ބިނާކުރުމަށް ތިބި ކިޔަވާ ކުދިންނަކީ، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި، އިޚްތިރާމްކުރާ އަދި ކުލުނުވެރި ހަރުދަނާ ޝަޚްޞިއްޔަތުތަކެއް ކަމުގައި ހެދުމެވެ.

ޣާޒީ ސްކޫލަށް 19 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު މި ޚާއްޞަ އެސެމްބްލީގައި، ސްކޫލަށް 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ތެރެއިން މިވަގުތުވެސް ޚިދުމަތުގައި ދެމިތިއްބެވި މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން އެރުވުނެވެ.

ޣާޒީ ސްކޫލަކީ އަބަދުވެސް ބެލެނިވެރިންނާ އެކު ބަދަހި އެކުވެރި ގުޅުމެއް ދެމެހެއްޓެމުން އަންނަ ސްކޫލެކެވެ. މި ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި، ޣާޒީގެ ބެލެނިވެރިންނާއި މުވައްޒަފުން ގުޅިގެން ކުޅިވަރު ޙަރަކާތްތަކެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ލޮބުވެތި މުވައްޒަފުންނާއި، ބެލެނިވެރިން އަދި ހެޔޮ އެދޭ ފަރާތްތަކުން ވެދިން އެހހީތެރިކަމާއި އެއްބާރުލުމަށް އެ ފަރާތްތަކަށް ޣާޒީ ސްކޫލުން ޝުކުރުއަދާކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *