13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ފޮތް ހަދަން ދަސްކޮށްދިނުމަށް "ދަރިވަރު ނޫސް" މެދުވެރިކޮށް ބާއްވާ ޚާއްޞަ ސެޝަނުގައި ބައިވެރިވުމަށް 303 އަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީ ކޮށްފިއެވެ.
މިއީ ދަރިވަރު ނޫހުން މިހާރު އިޢުލާންކޮށްފައިވާ "ފޮތްތެރި ފަތިސް" ފޮތް ލިޔުމުގެ މުބާރާތަށް ފޮތް ހުށަހެޅުމަށް ދަރިވަރުންނަށް މަގުފަހިކޮށްދިނުމަށާއި، ފޮތް ފަރުމާކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތާއި އިރުޝާދު ދިނުމުގެ މަޤްޞަދުގައި ބާއްވާ ސެޝަނެކެވެ. މާދަމާ ހެނދުނު 10:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ސެޝަން ގާތްގަނޑަކަށް ދޮޅުގަޑިއިރަށް ކުރިއަށްދާނެއެވެ.
މި ސެޝަން ނަންގަވައިދެއްވާނީ މީގެ ކުރިން ވެސް މިފަދަ ގިނަ ތަމްރީނު ސެޝަންތަކެއް ކާމިޔާބުކަމާއެކު ނަންގަވައިދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ނިއުމާ މުޙައްމަދު (ނިއުމާ މިސް) އެވެ.
މި ސެޝަންގެ ތެރެއިން ދަރިވަރުންނަށް މުހިންމު ގިނަ ކަންތައްތަކެއް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑިޖިޓަލްކޮށް ފޮތް ހަދާނެ ގޮތްތަކާއި، ފޮތުގެ ލޭއައުޓް އަދި އެކުލަވައިލުމުގައި ގެންގުޅެންޖެހޭ މުހިންމު ހަމަތަކުގެ އިތުރުން ފޮތް ޝާއިއުކުރުމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ޤަވާއިދުތައް ހިމެނެއެވެ.
ޔުނިވަރސަލް ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ "ފޮތްތެރި ފަތިސް" ފޮތް ލިޔުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.
މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން ވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް 3،000 (ތިންހާސް) ރުފިޔާ، ދެވަނައަށް ހޮވޭ ފަރާތަކަށް 2،000 (ދެހާސް) ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1،000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މި މުބާރާތަށް ފޮތް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 30 ވަނަ ދުވަހެވެ.
advertisment
ހިޔާލު