ޓިއުޝަނަށް އެކަނި ބަރޯސާވުމުން ދަރިވަރުންގެ ކިޔެވުމަށް ކުރާ ނޭދެވޭ އަސަރު

ހަލީމަތު ނަޖްވާ

އުނގެނުމަކީ އިންސާނާގެ ބުއްދި ތަރައްޤީކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން ހޯދައިދޭ މަތިވެރި ދަތުރެކެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލުތަކާއެކު، މިއަދުގެ ތަޢުލީމީ މައިދާނުގައި ފެންނަމުންދާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދަރިވަރުން ޓިއުޝަނަށް މާބޮޑަށް ބަރޯސާވަމުން ދިއުމެވެ. ސްކޫލް މާޙައުލުން ލިބޭ އުނގެނުމުގެ އިތުރަށް، ކޮންމެ މާއްދާއަކަށް ޓިއުޝަން ހޯދުމަކީ ކާމިޔާބީގެ ހަމައެކަނި ތަޅުދަނޑި ކަމުގައި ދެކޭ ވިސްނުމެއް މުޖުތަމަޢުގައި ވަނީ އަށަގެންފައެވެ. ނަމަވެސް، ޙަޤީޤަތަކީ މިފަދައިން ވަކި އެއްޗަކަށް އެކަނި ބަރޯސާވުމަކީ ދަރިވަރުގެ އުނގެނުމުގެ ފުރިހަމަ ކުޅަދާނަކަމާއި ފިކުރީ މިނިވަންކަން ގެއްލުވައިލާ ނުރައްކާތެރި ކަމެއް ކަމެވެ.

އަމިއްލައަށް ވިސްނުމާއި އިސްނެގުމުގެ ޤާބިލުކަން ކުޑަވުން

ޓިއުޝަނަށް އެކަނި ބަރޯސާވުމުން ދަރިވަރުގެ ކިބައިން ފެންނަ އެންމެ ބޮޑު އުނިކަމަކީ އަމިއްލައަށް ކަންކަން ހޯދައި ދަސްކުރުމުގެ (ސެލްފް ސްޓަޑީ) ހުނަރު ނެތިދިއުމެވެ. ފިލާވަޅުތަކުގެ ޙައްލު އަބަދުވެސް އެހެން މީހެއްގެ އެހީތެރިކަމާއެކު ތައްޔާރީ ކާނާއެއް ފަދައިން ލިބެމުންދާނަމަ، ފުންކޮށް ވިސްނުމާއި، އަމިއްލައަށް ހޯދައިބެލުމުގެ ޝައުޤުވެރިކަން ދަރިވަރުގެ ކިބައިން ފަނޑުވެގެންދެއެވެ. މީގެ ސަބަބުން ކިޔެވުމަކީ ހަމައެކަނި އެހެން މީހަކު ބުނެދޭ އެއްޗެއް ހިތުދަސްކުރުން ކަމުގައި ދެކި، އުފެއްދުންތެރި އަދި ފާޑުކިޔުމުގެ ވިސްނުން (ކްރިޓިކަލް ތިންކިންގ) އުފެދުމަށް ހުރަސްއެޅެއެވެ. މިއީ މަތީ ތަޢުލީމުގެ މަރުޙަލާތަކުގައާއި ޢަމަލީ މައިދާނުގައި ކުއްޖާ ނުހަނު ފަސްޖެހޭނެ ސަބަބެކެވެ.

ސްކޫލް ގަޑިތަކަށް ދޭ ސަމާލުކަން ކުޑަވުން

ދަރިވަރުން ޓިއުޝަނަށް މާބޮޑަށް ބަރޯސާވާނަމަ، ދެން ކުރިމަތިވާ އެންމެ ހިތާމަވެރި މައްސަލައަކީ ސްކޫލުގެ ރަސްމީ ކްލާސްރޫމްތަކަށް ދޭ ސަމާލުކަން ކުޑަވުމެވެ. "މި ފިލާވަޅު ޓިއުޝަނުން ބުނެދޭނެޔޭ" ހިތައި، މުދައްރިސު ކިޔަވައިދޭ ވަގުތު ފަރުވާކުޑަކޮށްލުމުގެ ނޭދެވޭ އާދަ އަށަގަނެއެވެ. މީގެ ސަބަބުން ސްކޫލުގެ ކިޔަވައިދިނުމުގެ އަގު ވެއްޓި، ކުލާހުގެ ތަޢުލީމީ ވެށީގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގަތުމުން ދަރިވަރު މަޙްރޫމްވެއެވެ. މީގެއިތުރުން، ޓީޗަރުންގެ މަސައްކަތަށް ދަރިވަރުންގެ ފަރާތުން ދޭންވާ ޙައްޤު އިޙްތިރާމާއި ސަމާލުކަން ނުލިބިދިއުމަކީވެސް މީގެ ހިތި ނަތީޖާއެކެވެ.

ނަފްސާނީ އަދި ޖިސްމާނީ ބުރަބޮޑުވުން

ސްކޫލުގެ ދަންފަޅި ނިންމުމަށްފަހު، އެއް ޓިއުޝަނުން އަނެއް ޓިއުޝަނަށް ދުވަންޖެހުމަކީ ދަރިވަރުންގެ ނަފްސަށާއި ހަށިގަނޑަށް އޮބިނޯންނަ ވަރުގެ ބުރައެކެވެ. ކުޅިވަރާއި، އަރާމުކުރުމާއި، ޢާއިލާއާއެކު ހޭދަކުރާނެ ވަގުތެއް ނެތި މުޅި ދުވަސް ފޮތްތަކުގެ ތެރޭގައި ހޭދަކުރަން ޖެހުމުން ކުއްޖާ ނަފްސާނީ ގޮތުން ވަރުބަލިވެ، މާޔޫސްވެއެވެ. އިސްލާމްދީން ބާރުއަޅަނީ ހުރިހާ ކަމެއްގައިވެސް މެދުމިންކަން ޚިޔާރުކުރުމަށެވެ. ކުއްޖާގެ ޙަޔާތުން ޅަފަތުގެ އުފާވެރިކަން ގެއްލި، އަބަދު އިމްތިޙާނުގެ ބިރުވެރިކަމާއި ޓިއުޝަނުގެ ވާދަވެރިކަމުގެ ތެރޭގައި ތާށިވުމަކީ ކުއްޖާގެ ޝަޚްޞިއްޔަތު ފުރިހަމައަށް ބިނާވުމަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ.

ޓިއުޝަނަކީ އުނގެނުމުގައި ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ދަރިވަރަކަށް ވަގުތީ ފާލަމަކަށް ވެދާނެއެވެ. ނަމަވެސް، އެއީ ތަޢުލީމީ ޙަޔާތުގެ ދާއިމީ ބިންގަލަކަށް ވެގެން ނުވާނެއެވެ. ޙަޤީޤީ ތަޢުލީމަކީ އަމިއްލަ މަސައްކަތުން، ވިސްނައި ފިކުރުކޮށްގެން ހޯދާ ޢިލްމެވެ. ބެލެނިވެރިންވެސް ދަރިންނަށް ޓިއުޝަންގެ ފަހަތުން ދުވުމުގެ ބަދަލުގައި، އަމިއްލައަށް ކިޔެވުމުގެ އާދަ އަށަގެންނެވުމަށާއި، ސްކޫލް ގަޑިތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ބާރުއަޅަން ޖެހެއެވެ. އޭރުން ދަރިވަރުން ވެގެންދާނީ އެހެން މީހުންގެ އެހީތެރިކަމަށް އެކަނި އިންތިޒާރުކުރާ ބަޔަކަށް ނޫނެވެ؛ އަދި ކިއެއްތަ، އަމިއްލަ ފިކުރާއި ޢިލްމުގެ އަލީގައި މުޅި ޤައުމު އަލިކޮށްދޭނެ ކެރޭ، ޤާބިލު ޒުވާނުންތަކަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *