އޮންލައިން ލާރނިންގ ކޮންސޯޓިއަމްގެ އިންސްޓިޓިއުޝަނަލްގެ މެންބަރުކަން އެމްއެންޔޫއަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އޮންލައިން ލާރނިންގ ކޮންސޯޓިއަމް (އޯ.އެލް.ސީ) ގެ އިންސްޓިޓިއުޝަނަލް މެންބަރަކަށް ވެއްޖެއެވެ. މީގެ ސަބަބުން ފެންވަރު ރަނގަޅު ޑިޖިޓަލް އުނގަންނައިދިނުމާއި އުނގެނުމަށް ބޭނުންވާ ފަންނީ ތަރައްޤީގެ ފުރުޞަތުތަކާއި، ވަޞީލަތްތަކާއި، އަދި ބައިނަލްއަޤުވާމީ ނެޓްވޯކްތަކާ ގުޅުމުގެ ފުރުޞަތު އެ ޔުނިވަރސިޓީއަށް އިތުރަށް ފަހިވެގެންދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި މެންބަރޝިޕްގެ ދަށުން އެމް.އެން.ޔޫގެ މުވައްޒަފުންނަށް އޯ.އެލް.ސީގެ ގިނަގުނަ ވަޞީލަތްތަކާއި، ފަންނީ ތަރައްޤީގެ ޕްރޮގްރާމްތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ސެޓްފިކެޓް ޕްރޮގްރާމްތަކުގެ އިތުރުން ތަފާތު އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ހަރުދަނާ ޑިޖިޓަލް އުނގަންނައިދިނުމުގެ އުސޫލުތައް ތަރައްޤީކުރުމަށް އެހީތެރިވެދޭ ފަންނީ އުނގެނުމުގެ ވަޞީލަތްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، އޯ.އެލް.ސީގެ ބޮޑު މުޖުތަމަޢާ ގުޅި، އޮންލައިން އަދި ޑިޖިޓަލް ތަޢުލީމީ ދާއިރާގައި ބައިނަލްއަޤުވާމީ ގޮތުން އަންނަ ކުރިއެރުންތަކާއި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އިންސްޓިޓިއުޝަނަލް މެންބަރޝިޕާ ގުޅޭ މަޢުލޫމާތާއި، އޯ.އެލް.ސީގައި އަމިއްލަ އެކައުންޓް ހުޅުވާނެ ގޮތުގެ އިރުޝާދާއި، ލިބެން ހުރި ޕްރޮގްރާމްތަކާއި ވަޞީލަތްތަކުގެ ތަފުސީލު އެ ޖަމްޢިއްޔާއިން މިހާރު ވަނީ ޔުނިވަރސިޓީއާ ހިއްސާކޮށްފައެވެ. މި ފުރުޞަތުތަކުގެ ބޭނުން ހިފުމަށާއި ފަންނީ ގޮތުން ކުރިއެރުން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން، ޔުނިވަރސިޓީގެ ކަމާބެހޭ މުވައްޒަފުންނާ މި މަޢުލޫމާތުތައް ހިއްސާކުރާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި މެންބަރޝިޕަކީ އުނގަންނައިދިނުމާއި އުނގެނުމުގެ ފެންވަރު މެދުކެނޑުމެއްނެތި ރަނގަޅުކުރުމަށާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ޑިޖިޓަލް ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި އާ އުސޫލުތައް ތަޢާރަފުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *