ދެވަނަ ސެމިސްޓަރގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 13 ދަރިވަރުންނަށް ސްކޮލަރޝިޕް ދީފިއެވެ.
މިއީ. މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ އަމިއްލަ އާމްދަނީން ޚަރަދުކުރާ، ތަޢުލީމީ ގޮތުން ފާހަގަކޮށްލެވޭ ނަތީޖާ ހޯދާ ދަރިވަރުންގެ އަގުވަޒަންކުރުމަށާއި، އެންމެހައި ދަރިވަރުންނަށް ހަމަހަމަކަމާއެކު މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ސްކޮލަރޝިޕް ސްކީމެކެވެ.
މި އަހަރުގެ ދެވަނަ ސެމިސްޓަރގައި، ފުރަތަމަ ޑިގްރީ، މާސްޓަރސް އަދި ޝަހީދުންގެ ހަނދާނީ ސްކޮލަރޝިޕްގެ ދަށުން ޖުމްލަ 13 އާ ދަރިވަރަކަށް ވަނީ ފުރުޞަތު ދީފައެވެ. މި ދަރިވަރުން ހޮވާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުރިމަތިލީ ގިނަ އަދަދެއްގެ ދަރިވަރުންގެ މެދުގައި ބޭއްވުނު ވާދަވެރި މަރުޙަލާއަކަށް ފަހުގައެވެ. ސްކޮލަރޝިޕްގެ ބާވަތަށް ބަލައި، ހޮވުނު ދަރިވަރުންނަށް ކޯސް ފީގެ އެހީތެރިކަން ލިބޭއިރު، އޭގެ ތެރޭގައި ފުލް ސްކޮލަރޝިޕްތައް ވެސް ހިމެނެއެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެމް.އެން.ޔޫގެ މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ފަޤީރުކަން ނައްތާލުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ. ރާއްޖޭގެ 'މަލްޓިޑައިމެންޝަނަލް ޕަވަރޓީ އިންޑެކްސް' ގައި އެމްއެންޔޫއިން ބުނި ގޮތުގައި، ތަޢުލީމަކީ އިންސާނާގެ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ މުހިންމު ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ފެންވަރު ރަނގަޅު ތަޢުލީމަށް މަގުފަހިކޮށްދިނުމަކީ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމަށާއި، މަތީ ތަޢުލީމަށް ހުރި މާލީ ހުރަސްތައް ނައްތާލުމުގެ ސަބަބުން، ދަރިވަރުންގެ ތަޢުލީމީ އުންމީދުތައް ހާސިލުކުރުމަށާއި، އެކުދިންގެ ކިބައިގައިވާ ހުނަރުތައް ތަރައްޤީކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މަގު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ތަޢުލީމު (SDG 4) އަދި ފަޤީރުކަން ނައްތާލުމުގެ (SDG 1) ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މިފަދަ ސްކީމްތައް މެދުވެރިކޮށް، މާލީ ހާލަތުގެ ސަބަބުން ތަޢުލީމީ ޤާބިލުކަން ހުރި އެއްވެސް ދަރިވަރަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ގެއްލުނަނުދީ، އެންމެހައި ދަރިވަރުންނަށް ފުރުޞަތުތައް ފުޅާކޮށްދިނުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދެމިއޮންނާނެއެވެ. ސްކޮލަރޝިޕް ލިބުނު ހުރިހާ ދަރިވަރުންނަށް މަރުޙަބާ ކިޔައި، ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެމްއެންޔޫއިން އެދެއެވެ.
advertisment
ހިޔާލު