ކިޔަވައިދޭން ތައްޔާރުވުމަށް ވަޒުނާ މިސް ކޮންމެ ރެޔަކު ހޭލަނީ ދަންވަރު

އަޙްމަދު ޙާމީ

އިމްތިހާނަކަށް ތައްޔާރުވުމަށް ދަރިވަރުން ދަންވަރު ހޭލާ، ފިލާވަޅުތައް ދަސްކުރަން ތިބޭ ވާހަކައަކީ އެންމެން އަހާ ވާހަކައެކެވެ. އެހެން ނަމަވެސް އެ ދަރިވަރުންނަށް ކިޔަވައިދެއްވާ މުދައްރިސަކު ދުވަހުގެ ގަޑިޔަށް ތައްޔާރުވުމަށް ކޮންމެ ދަންވަރަކުހެން ހޭލައިގެން އިންނަ ވާހަކަ އަޑުއެހީމު ހެއްޔެވެ؟

ބ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރ ވަޒުނާ ޙަސަން، ވަޒުނާ މިސް މަސައްކަތް ފަށަނީ ދަންވަރުއެވެ. ދަންވަރު 2 ނޫނީ 2:30 ގައެވެ. ލެސަންޕްލޭން ތައްޔާރު ކުރުމުންނެވެ. ކިޔަވައިދޭ މާއްދާތަކުގެ ފިލާވަޅަށް ތައްޔާރުވަމުންނެވެ. ކީސްޓޭޖް 1 ގެ ގްރޭޑް 1، 2 އަދި 3ގެ ދިވެހި އަދި ޤުރުއާން މާއްދާ ކިޔަވައިދޭ ވަޒުނާ މިސްގެ ދުވަހުގެ ބޮޑުބައެއް ހޭދަކުރަނީ، އަމިއްލަ އުފަން ދަރިންގެ ގޮތުގައި ދެކޭ ދަރިވަރުންގެ މުސްތަޤުބަލު އުޖާލާކޮށް ފައިދާހުރި ދަރިންތަކެއް ތަރުބިއްޔަތު ކުރެވޭނެ ގޮތަކަށް މަސައްކަތްތައް ރޭވުމަށާއި އެތަކެތި ދަރިވަރުންނަށް އޮޅުންފިލުވައިދީ ކިޔަވައިދިނުމުގައެވެ. ކުލާހެއްގައި އެތައް ބައިވަރު ކުދިން ތިބޭއިރު، އެއިން ކޮންމެ ދަރިވަރެއްގެ ވިސްނުމާ، މިޒާޖާ، ފެންވަރު، ވަކިވަކިން ބަލައި ދަނެގެންނެވެ. އެ ކުއްޖަކަށް އެންމެ އެކަށޭނެ މަސައްކަތެއް ދިނުމަށާއި، ޖެހިގެން އިންނަ ކުއްޖައަށްށް ފަސޭހައިން ވިސްނޭނެ ގޮތަށް ކިޔަވައިދެއްވުމުގައެވެ. ކޮންމެ އަހަރަކު ކޮންމެ މަހަކު އަދި ކޮންމެ ދުވަހެއްގެވެސް ވަޒުނާ މިސް މަސައްކަތް ކުރަނީ މި އުސޫލުންނެވެ.

"އަޅުގަނޑު ވަރަށް އަވަހަށް ނިދަން. އެއީ ސްކޫލުގެ ކަންކަމަށް ތައްޔާރުވެ ގޭގައި ކުރަން ހުންނަ މަސައްކަތްތައްވެސް ނިންމާފަ ސްކޫލަށް ދިޔުމުގެ ބޭނުމުގައި" މުދައްރިސެއްގެ މަގާމު އަދާކުރަމުން އަންނަތާ 30 އަހަރު މިހާރު ވެފައިވާ ވަޒުނާ މިސް ކިޔައިދިނެވެ. ވަޒުނާ މިސްއަކީ ކްލާސް ޓީޗަރެއްވެސް މެއެވެ.

 

ތައުލީމީ ހަޔާތް:

ވަޒުނާ މިސް ތައުލީމީ ޙަޔާތް ފެއްޓެވީ އުފަން ރަށް، ބ އޭދަފުށީންނެވެ. ބ އަތޮޅު ތައުލީމީ މަރުކަޒުގައެވެ. ގްރޭޑު 1 އިން 7 އަށް ތައުލީމު ހާސިލްކުރުމަށްފަހު މާލޭ އީޕީއެސް ސްކޫލަށް ބަދަލުވިއެވެ. އެ ސްކޫލުގައި އޯލެވެލް ނިންމާ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއިން ޑިޕްލޮމާ ހާސިލްކުރިއެވެ. އެއަށްފަހު 2018 ވަނަ އަހަރު ޑިގްރީ ފުރިހަމަކުރެއްވީ އެމް.އައި ކޮލެޖުންނެވެ.

ޓީޗަރަކަށްވުމަކީ ވަޒުނާ މިސް އެންމެ ފުރަތަމަ ބޭނުންވިކަމެއް ނޫނެވެ. ކިޔަވައި ދިނުމުގެ ދާއިރާއަށް ފުރަތަމަ ޝައުގުވެރިކަމެއްވެސް ނެތެވެ. ނަމަވެސް، ދިރިއުޅުމުގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މާލެއިން ރަށަށް ބަދަލުވުމަށް ނިންމި ހިސާބުން ޓީޗަރަކަށްވުމަށް ނިންމީއެވެ. މިހާރު އެއީ ވަޒުނާ މިސް އެންމެ ކުރާ ހިތްވާ، އެންމެ ލޯބިވާ މަސައްކަތެވެ. ދިރިއުޅުމުގެ އެއްބައެވެ. ސްކޫލަށް ހާޟިރުވާންޖެހޭ ދުވަހަކަށް، ނާދެވި ހުންނާންޖެހުމަކީ، ވަޒުނާ މިސްއަށް ވަރަށްވެސް އުނދަގޫ ހިތްދަތިކަމެއް ލިބޭ ކަމެކެވެ. ކޮންމެ ދުވަހަކު ސްކޫލަށް ހާޒިރުވަނީ އުފަލާއެކު އެވެ. ދަރިވަރުންނާ ބައްދަލުވާ ކޮންމެ ވަގުތަކީ ވަޒުނާ މިސްގެ ހިތަށް ހިތްހަމަޖެހުންލިބޭ ވަގުތުކޮޅެކެވެ. ފިލާވަޅުތައް އޮޅުންފިލުވައިދޭ ކޮންމެ ހިނދުކޮޅަކީ ޝައުގުވެރި ކުލުނުވެރި ކަމުގެ އިހުސާސް ކުރެވޭ ހިނދުކޮޅުތަކެކެވެ.

ދުވަހެއް ފެށިގެންދާއިރު ކިތަންމެ ތައްޔާރުވެގެން ހުއްޓަސް، އެއާ ޚިލާފަށް ކިތަންމެކަމެއް މެދުވެރި ވެއެވެ. އުންމީދުކުރިގޮތް މުޅިން ބަދަލުކޮށްލާ ހާލަތު މެދުވެރިވާ ކިތަންމެ ދަނޑިވަޅުތަކެއް އާދެއެވެ.

ގޮންޖެހުންތައް؛

ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިނުވެއެއް ނުދާނެއެވެ. އަމިއްލަ ދިރިއުޅުން ނުވަތަ ވަޒީފާގެ މާހައުލު ކަމުގައިވިޔަސް ކަން އޮންނަނީ އެގޮތަށެވެ. ކިޔަވައިދިނުމަކީ ކިހައިބޮޑު މަސައްކަތެއްކަމާ، އެކަމުން ކުރިމަތިވާ ގޮންޖެހުންތަކަކީ ކިހައިދަތި، އުނދަގޫ ކަމެއްކަން އެނގޭނީ ހުދު ޓީޗަރަކަށެވެ. ވަޒުނާ މިސްއަށް ދިމާވެފައިވާ އަދި ދިމާވަމުންދާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލަނީ މި ހަގީގަތާ އެކީގައެވެ.

"ބައެއް ކުދިންގެ ފަރާތުން އަނިޔާވެސް ލިބިފައި އެބަހުރި. ބައެއް ބެލެނިވެރިންގެ ނުރުހުމެ ބަސްތައް އަޑުއިވޭ ފަހަރު އާދޭ. ސްކޫލު ތެރެއިންވެސް މިކަހަލަ ކިތަންމެ ހިތްދަތިކަމެއް ދިމާވެފައި އެބަހުރި." ވަޒުނާ މިސްއަށް ދިމާވެފައިވާ ބައެއް ކަންކަން ހިއްސާކުރަމުން ކިޔައިދިނެވެ.

މިފަދަ ކޮންމެ ގޮންޖެހުމަކާ ވަޒުނާ މިސް ކުރިމަތިލަނީ ހިތްވަރާ އެކީގައެވެ. އެފަދަ ކަމެއް މެދުވެރިވާ ފަހަރުތަކުގައި ވިސްނާ އަޒުމް ކަނޑައަޅަނީ، އެ ދުވަހުވެސް ދަރިވަރުންނަށް އެއްޗެއް އުނގަންނައިދިނުމުގެ މާތް މަގުސަދަށެވެ. އެ މަގުސަދު ހާސިލްވުމަކީ، ވަޒުނާ މިސްގެ މިދެންނެވި ކަންބޮޑުވުންތަކަށް ލިބޭ އެންމެ ބޮޑު ތަސައްލީ ކަމުގައި ދެކެއެވެ. ސްކޫލު ނިންމާފައި ނުކުމެގެން ގެޔަށްދަނީ އެ ހިތްހަމަޖެހުމާ އެކީގައެވެ.

"އަޅުގަނޑުގެ ޓީޗަރުކަމުގެ ހަޔާތުގައި ސްކޫލުގެ ތެރެއިން އެންމެ ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުގެ ލީޑިންގ ޓީޗަރ އަދި އެންމެ ގާތް އެކުވެރިޔާ އަމީލިޔާ މިސް. ވަރަށްގިނަ ގޮތްގޮތުން އަޅުގަނޑަށް އެހީތެރިވެދޭ ގާތް ރަޙްމަތްތެރިއެއް. މިވީހާ ދުވަހެއް މިވަނީ އަމީލިޔާ މިސްއާއެކީ. ދުވަހަކުވެސް އަޅުގަނޑަށް ކަމުނުދާކަމެއް ފާހަގައެއްނުވޭ. ހުރިހާ ޓީޗަރުންނާވެސް ވަރަށް ރަނގަޅު ގުޅުމެއް ބާއްވާ ޓީޗަރެއް އެއީ" ވަޒުނާ މިސް ކިޔައިދިނެވެ.

މީގެ އިތުރުން އާއިލާގެ ތެރެއިން ވަޒުނާ މިސްގެ ފިރިމީހާ ވެދެއްވާ ބޮޑު އެހީތެރިކަމާ ދެއްވާ އަގުހުރި ވަގުތާނުލައި މިފަދަ ކަމެއްގައި މިހާގިނަ ދުވަހު ދެމިހުރުމަށް އުނދަގޫ ކަމަކަށްވީސްކަމުގައި ވަޒުނާ މިސް ބުނުއްވިއެވެ. އެކަމަށްޓަކައި ފިރިމީހާއާ މުޅި އާއިލާއަށް ވަޒުނާ މިސް އަބަދުވެސް ޝުކުރުވެރިވެއެވެ.

އިންޓަރވިއު ނިންމާލަމުގެ ކުރިން ވަޒުނާ މިސް ވަރަށް މުހިންމު މެސެޖެއް ދޭން ބޭނުންވިއެވެ.

"ވަޒީފާ އަދާކުރާ ތަނަކުން ތިމަންނައަށް ލިބެނީ ކޮން އެއްޗެއްތޯ ބެލުމުގެ ބަދަލުގައި ތިމާގެ ފަރާތުން އެ ތަނަކަށް ކޮށްދެވޭނީ ކޮން ޚިދުމަތެއްތޯ ބެލުން އެއީ މޮޓޯއެއް ކަމުގައި ހެދުމަށް"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *