ނަދާ މިސް: ކްލާސްރޫމުގެ އެތެރެއިންނާއި ބޭރުން އުނގަންނައިދިނުމުގެ ނަމޫނާއެއް

"މަންމަ ދުނިޔޭގައި ހުރިއިރު އަބަދުވެސް ދިން ނަސޭހަތަކީ، ދުނިޔެ ދޫކޮށް ދާއިރު ފަހަށް ދެމިގެންދާނޭ ޞަދަޤާތެއް ދޫކޮށްފައި ދިއުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ. ކިޔަވައިދިނުމަކީ އިޚްލާޞްތެރިކަމާއެކު ކޮށްފިނަމަ ﷲ ގެ ހެޔޮ ރަޙްމަތާއި ޘަވާބު ދެމިގެންދާނޭ ޞަދަޤާތެއް ކަމުގައި އަޅުގަނޑު ދެކުނީމެވެ. އަޅުގަނޑަކީ ކުޑައިރުއްސުރެ ވެސް ކުދިންނާއެކު އުޅެން ލޯބިކުރާ މިޒާޖެއްގެ މީހަކަށް ވުމުގެ އިތުރުން، އަޅުގަނޑު ބޮޑުވަމުން އައިއިރު ދިމާވި މުދައްރިސުންގެ ފަރާތުން އަޅުގަނޑުގެ ހަޔާތަށް ވަނީ ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައެވެ. މިއަދާ ހަމައަށް ވެސް އެ މުދައްރިސުންނަކީ އަޅުގަނޑުގެ ނަމޫނާއެވެ. އަޅުގަނޑު ވެސް ބޭނުންވީ އެފަދަ ހެޔޮލަފާ އިންސާނަކަށް ވާށެވެ."

ދަރުމަވަންތަ ސްކޫލުގެ ގްރޭޑް 1 ގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ ނަދާ މިސް ތަޢުލީމީ ދާއިރާއަށް ނިކުތީ މަންމަގެ އަގުހުރި ނަސޭހަތާއި، އޭނާގެ ހަޔާތުގެ ނަމޫނާ މުދައްރިސުން ފަދަ "ހެޔޮ އިންސާނަކަށް" ވުމުގެ މަތިވެރި އަޒުމުގައެވެ. މުދައްރިސެއްގެ ބުރަ ޒިންމާއާ ހަވާލުވިތާ އަދި ވީ ފަސް އަހަރު ނަމަވެސް، މި ކުރު މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ ފުރިހަމަ ލޯތްބާއި އިތުބާރު ހޯދާފައެވެ.

ސްކޫލަށް ލޯބިޖެއްސުމަކީ މުދައްރިސުންގެ މައިގަނޑު މަސްއޫލިއްޔަތެއް

ނަދާ މިސް ގަބޫލުކުރާ ގޮތުގައި، ޓެކްނޮލޮޖީ ކުރިއަރައި ދަރިވަރުން ސްކްރީންތަކަށް ދެވިހިފާފައިވާ މި ޒަމާނުގައި، މުދައްރިސެއްގެ އެންމެ އިސް ވާޖިބަކީ ސްކޫލަށް ކުދިންގެ ހިތްޖެއްސުމެވެ. ކްލާސްރޫމަކީ އުފާވެރި މާހައުލަކަށް ހަދައި، ކުދިންނަށް އޯގާތެރިކަމާއި އަޅާލުން ދީގެން، ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ނަފްސާމެދު ފަޚުރުވެރިވާ ކުއްޖަކަށް ހަދަންޖެހެއެވެ. ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ދަރިންތަކެއް ބިނާކުރުމަކީ މުދައްރިސުންގެ މަސައްކަތުގެ މުހިންމު ބައެކެވެ. މީގެއިތުރުން، ޤައުމީ މަންހަޖުގައިވާ ފަދައިން ހުރިހާ ކުދިން ޝާމިލުކޮށްގެން، އެއްވެސް ކުއްޖަކު ބާކީނުވާނޭހެން އުނގަންނައިދިނުމަކީ ކޮންމެހެން އަދާކުރަންޖެހޭ ބޮޑު ޒިންމާއެކެވެ.

Screenshot
ކްލާސްރޫމުގެ އުނގަންނައިދިނުމުގެ ހުނަރު

ކްލާހަށް ވަނުމަށްފަހު ނަދާ މިސް އަބަދުވެސް އެންމެ ފުރަތަމަ އިސްކަންދެނީ ދަރިވަރުންނާ ވާހަކަދައްކައި، އެ ކުދިންގެ ޝުޢޫރުތައް ފާޅުކުރުމަށް ފުރުސަތު ދިނުމަށެވެ.

"ފިލާވަޅު ފެށުމުގެ ކުރިން ކުދިންގެ ޝައުޤުވެރިކަން ހޯދުމަށްޓަކައި ވިސްނާލަންޖެހޭ ފަދަ ސުވާލަކުން، ކުރު ވީޑިއޯއަކުން ނުވަތަ ދިރިއުޅުމުގެ ތަޖުރިބާއެއް ހިއްސާކުރުމުން ފަށަނީ. އަދި ކުދިންގެ ސަމާލުކަން އެއްދިމާއަކަށް ގެނައުމަށްޓަކައި އަތުގެ ހަރަކާތްތަކާއެކު ނޭވާލުމުގެ ކަސްރަތު (ބްރީތިންގް އެކްސަސައިޒް) ކުރުވުމަކީ ކޮންމެ ދުވަހަކުވެސް ކުރާ ކަމެއް،" ކްލާސް ފަށާ ގޮތް ހިއްސާކުރަމުން ނަދާ މިސް ކިޔައިދިނެވެ.

ނަދާ މިސް ދެކޭގޮތުގައި، ކުއްޖާގެ އިހުސާސްތައް ދެނެނުގަނެ، އުނގެނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ނުހޯދޭނެއެވެ. ލޯތްބާއެކު ވާހަކަދައްކައި، ދަރިވަރުންނާއެކު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން އެ ކުދިންގެ ގާބިލުކަން ދެނެގަނެވި، "ޑިފަރެންޝިއޭޓެޑް ލާނިންގް" ގެ އުސޫލުން ކޮންމެ ކުއްޖަކަށް އެކަށޭނަ މަސައްކަތް ހަވާލުކޮށްގެން އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

މީގެއިތުރުން، އޭނާ އަބަދުވެސް ދަރިވަރުންނަށް ހަނދާންކޮށްދެނީ ގޯސް ސުވާލެއް ނޯންނާނެ ކަމާއި، ނުބައިކޮށް ޖަވާބު ދެވުނަސް އެއީ ދަސްކުރުމުގެ މަރުހަލާގެ ބައެއް ކަމެވެ. ކަހަނބާއި މުސަޅުގެ ވާހަކައިން މިސާލު ނަގައި، ހިތްވަރު އެލުވާނުލައި މަސައްކަތްކޮށްފިނަމަ ކާމިޔާބާ ހަމައަށް ވާސިލުވެވޭނެކަން ކުދިންނަށް އަބަދުވެސް ބުނެދެއެވެ.

ނަދާމިސްގެ ފާހަގަކުރި ގޮތުގައި، މިއަދުގެ ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުމަކީ ކަންތައްތައް ހަދާން ނުހުރުމެވެ.   ޝައުގުވެރިކަން ކުޑަވުމާއެކީ އުގެނުމަކީ އަމިއްލަ ޒިންމާއެއްކަމުގައި ނުދެކުމެވެ.

ސޯޝަލް މީޑިއާ: ކްލާސްރޫމުން ބޭރުން އުނގަންނައިދިނުން

ކްލާސްރޫމުގެ އިތުރުން ސޯޝަލް މީޑިއާގެ ޒަރީއާއިން ތަޢުލީމީ މައުލޫމާތާއި ހޭލުންތެރިކަން ފެތުރުމުގައި ވެސް ނަދާ މިސް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ތަޢުލީމަކީ ހަމައެކަނި ހަތަރު ފާރުގެ އެތެރެއަށް ހަނިވެފައިވާ އެއްޗަކަށް ނުވާތީ، ޒަމާނާ އެއްގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އޭނާ ދެކެއެވެ.

Screenshot

ނަދާ މިސް ތައްޔާރުކުރާ ކުރު ވީޑިއޯތަކުން ކުދިންގެ އަޚުލާޤާއި، ދިރިއުޅުމުގެ ހުނަރުތަކުގެ އިތުރުން ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިންނަށް ބޭނުންވާ މުހިންމު އިރުޝާދުތައް ގެނެސްދެއެވެ. މި މަސައްކަތަށް ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

"އަޅުގަނޑު ކިޔަވައިދީފައިވާ ދަރިވަރުން ގެ ބެލެނިވެރިން ދެތިން އަހަރު ފަހުންވެސް ، އެ ދަރިވަރުގެ ކަންކަމާމެދު ފިކުރުބޮޑުވާއިރު، ދެން ކަންތަށް ކުރަންވީ ގޮތާމެދު މަޝްވާކޮށް މިސްގެ ރައުޔު ހޯދާކަމީ އެއީ އަަދި ވަކިން ބޮޑު އުފަލެއް. ކިޔަވައިދިން ބައެއް ކުދިން ވެސް މިސްގެ ހާލުބަލައި، ލިބޭ ކާމިޔާބީ ތަކާއި ދެރަކަމެއް ދިމާވި ނަމަވެސް، އެކަމެއް މިސް އާ ހިއްސާކުރުމަކީ، އަޅުގަނޑަކީ ހަގީގަތުގަ ވެސް އެ ކުދިންގެ ދެވަނަ މަންމަ ކަމުގައި އިހްސާސް ކުރެވޭ. އެގޮތުގައި ދެމިހުންނަން ހިތްވަރު ލިބިގެންދޭ" ނަދާ މިސްއާއި ދަރިވަރުންނާޢި ބެލެނިވެރިންނާ އޮތީ ހިތާހިތުގެ ގުޅުމެކެވެ.

ނަދާ މިސްއަށް ހަނދާނުން ފޮހެލަން އެންމެ އުނދަގޫ ކަމަކީ، ގާޒީ ސްކޫލުން އިސްކަންދަރަށް ބަދަލުވާން އުޅެނިކޮށް ބެލެނިވެރިންވެގެން ދިން ސަޕްރައިޒް ފެއަރވެލް ޕާޓީއެވެ.

"މިސް ގާތުގަ ބުނީ ފޮޓޯއެއްނަގަން އަންނާށޭ. އެދުވަހު ކިލާސް ހުރިހާ ކުދިންނާއި ބެލެނިވެރިން ބައިވެރިވެގެން ދިނީ ބޮޑު ސަޕަރައިޒެއް"

މުހިންމު ދެތިން މެސެޖެއް
  • ބެލެނިވެރިންނަށް: ކީ-ސްޓޭޖް 1 (ގްރޭޑް 1 އިން 3 އަށް) ނިމެންދެން ކުއްޖާގެ އުނގެނުމުގެ ކަންކަން ގާތުން ބަލައި، ޒިންމާދާރު ކުރުވުމަށް ބާރުއަޅުއްވައެވެ. ހުރިހާ ކަމެއް ބެލެނިވެރިން ކޮށްދިނުމުގެ ބަދަލުގައި، އަމިއްލަ އިސްނެގުމުގައި މަސައްކަތްކުރަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި ދަރިންގެ ކުރިމަތީގައި ރިވެތި އަޚުލާޤާއި ދީނީ ކަންކަމަށް ފަރުވާތެރިވުމުގެ ނަމޫނާ އަމަލީ ގޮތުން ބެލެނިވެރިޔާ ދައްކައިދޭން ޖެހެއެވެ.
  • މުދައްރިސުންނަށް: ފޮތުން އުނގަންނައިދޭ މިންވަރަށްވުރެ ބޮޑަށް، ދަރިވަރުންނަށް ދެވޭ ލޯތްބާއި އޯގާތެރިކަމަކީ އެ ކުދިންގެ މުޅި މުސްތަޤްބަލް ބަދަލުކޮށްލާނޭ ކަންކަމެވެ. މުދައްރިސުންނަކީ ބަހަށްވުރެ އަމަލުން ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހެއެވެ.
  • ދަރިވަރުންނަށް: ސޯޝަލް މީޑިއާއިން ފެންނަ އިސްލާމީ އުސޫލުތަކާ ޚިލާފު ނުރަނގަޅު އާދަތަކަށް ނުހެއްލި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ސްކޫލް ދައުރު ނިމޭއިރު އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފަދަ ހުނަރުވެރި، އަދި ﷲ މަތިން އަބަދުވެސް ހަނދުމަކުރާ ޒިންމާދާރު ކުދިންތަކަކަށް ވުމަށް މަސައްކަތްކުރުމެވެ.

ނަދާ މިސް އެދިވަޑައިގަންނަވަނީ، އިޚްލާޞްތެރިކަމާއެކު ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ޤައުމަށް ޚިދުމަތްކުރި، ހިތްހެޔޮ، އަދި ނަމޫނާ މުދައްރިސެއްގެ ގޮތުގައި މީސްތަކުންގެ ހިތްތަކުގައި އޭނާގެ ނަން އަބަދުވެސް ދެމިއޮތުމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *