ރިދީމާ މިސް: ކިޔަވައިދެއްވި މުދައްރިސުންގެ ފަރާތުން ހިތްވަރު ލިބިގެން މުދައްރިސަކަށް

ކިޔަވައިދެއްވި މުދައްރިސުން ގެ ފަރާތުން ހިތްވަރު ލިބިގެން ތައުލީމީ ދާއިރާއަށް ނުކުތް ރިދީމާ ނަޡީރު ކިޔަވައިދިނުމުގެ ޒިންމާ އަދާކުރަމުން ގެންދާތާ މިއީ 14 ވަނަ އަހަރެވެ. ތަޢުލީމީ ޚިދުމަތުގެ ފުރަތަމަ 10 އަހަރު ހިރިޔާ ސްކޫލުގައި ހޭދަކުރެއްވުމަށްފަހު، 2020 ވަނަ އަހަރު އެ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ މަޤާމު އަދާކުރިއެވެ. އޭގެފަހުން 2021 ވަނަ އަހަރު ޢިއްޒުއްދީން ސްކޫލު ޓީޗަރެއްގެ ގޮތުގައި އަދި ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް، 2024 ވަނަ އަހަރު ދަރުމަވަންތަ ސްކޫލާއި ޢިއްޒުއްދީން ސްކޫލް އެއްކޮށްލުމާ ގުޅިގެން، މިއަދާ ހަމައަށްވެސް މަސައްކަތް ކުރަ މުން ގެންދަނީ ދަރުމަވަންތަ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައެވެ.

ރިދީމާ މިސްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ކުދިންގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ދިރިއުޅުމުގައި ހޯދާ ކުރިއެރުންތަކެވެ. އަދި ކޮންމެ ދަރިވަރަކީވެސް ތަފާތު ކުއްޖެއްކަންދަނެ އެ ކުދިންގެ ކިބައިގައިވާ ހުނަރުތައް ދެނެގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ، ރަނގަޅު މަގު ދެއްކުމުގައި އެހީތެރިވެދެވޭތީ ލިބޭ ހިތްހަމަޖެހުމެވެ. މާދަމާގެ މުޖުތަމައު ބައްޓަންކުރާނެ ރަނގަޅު އަހުލާގެއްގެ އަހުލުވެރި، ހުނަރުވެރި، އަދި ގާބިލު ފަރުދުންތަކެއް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު އަދާކުރެވޭކަމުގެ އިހުސާސެވެ.

މިއަދުގެ ކިޔަވާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް:

ރިދީމާ މިސް ފާހަގަކުރި ގޮތުގައި، މިއަދުގެ ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަކީ، ހަމައެކަނި ފޮތްތަކުން އުނގަންނައިދޭ ތަޢުލީމީ ބައިތަކާ ގުޅުންހުރި ކަންތައްތަކެއް ނޫނެވެ. ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކާއެކު، ދަރިވަރުންގެ އިޖުތިމާއީ، ނަފްސާނީ އަދި އަމަލީ ދިރިއުޅުމަށް އަންނަމުންދާ ބޮޑެތި ގޮންޖެހުންތަކެއެވެ. ކިޔެވުމުގެ ނަތީޖާއަށް އޮންނަ އިމްތިޙާނީ ޕްރެޝަރާއި، އާއިލާއާއި މުޖުތަމައުގެ އުއްމީދުތައް ބޮޑުވުމުގެ ސަބަބުން ކަންބޮޑުވުމާއި އެންޒައިޓީއާއި ސްޓްރެސްއާ ކުރިމަތިލާންޖެހުމެއެވެ. ސްކްރީން ތަކަށް ދެވިހިފުމުގެ ސަބަބުން ސަމާލުކަން ދެވޭ ވަގުތު ކުރުވުމާއި، ނިދުމުގެ އާދަތަކަށް ބުރޫއެރުމާއި ސައިބަރ ގަނާ ފަދަ ކަންކަމާ ކުރިމަތިލާންޖެހުމެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ ސަބަބުން އެހެން މީހުންނާއި އަމިއްލަ ނަފްސު އަޅާކިއުމުގެ ނޭދެވޭ އާދަ ދަނީ އަށަގަންނަމުންނެއެވެ. މިކަން ހައްލު ކުރުމަށް ސްކޫލާއި މުދައްރިސުންނާއި ބެލެނިވެރިންނާއި މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.

ހަމައެއާއެކު އުނގެނުމުގައި ތަފާތު ގޮންޖެހުންތައް ހުންނަ ކުދިންނަށް ކްލާސްރޫމުގެ ތެރެއިން އެކަށީގެންވާ ވަސީލަތްތަކާއި، ވަކިވަކި އެހީތެރިކަން  އެންމެ ފުރިހަމައަށް ނުލިބުމަކީ އެކުދިންގެ ކިޔެވުމަށް އޮންނަ ޝައުގު ކުޑަވާ ކަމަށް ރިދީމާ ފާހަގަކުރިއެވެ. އަދި އެހެންމެ ޑިޖިޓަލް ވަސީލަތްތަކަށް ބަރޯސާވާ މިންވަރު ބޮޑުވުމުގެ ސަބަބުން، ކުރިމަތިލައިގެން މުއާމަލާތްކުރުމުގެ ހުނަރާއި އެކުވެރިކަން ބަދަހިކުރުމާއި، އަދި އިޖުތިމާއީ ގުޅުންތައް ބެހެއްޓުމުގައި ވެސް ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.

ރިދީމާ ޤަބޫލުކުރާ ގޮތުގައި، ކިޔަވައިދިނުމަކީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުން ނޫންކަން ދަނެ އެއީ ދަރިވަރުގެ ސިކުނޑި ހުޅުވާލައި، އަމިއްލައަށް އުނގެނުމުގެ ޝައުޤުވެރިކަން އުފައްދައި، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުއްޖާ ތައްޔާރުކޮށްދިނުމެވެ. މުދައްރިސަށް އިސްކަންދޭ، މުދައްރިސް އެކަނި ކިޔައިދޭއިރު ދަރިވަރުން އަޑުއަހަން ތިބުމުގެ ބަދަލުގައި ދަރިވަރުންނަށް ފުރުސަތުދީ ދަރިވަރުން އަމިއްލައަށް ސުވާލުކޮށް، އުނގެނުމުގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން އިތުރުވެ ފޮތާއި ބޯޑު އެކަނި ބޭނުންކުރުން މަދުވެ ޓެކްސްޓްބުކާއި ބްލެކްބޯޑަށް އެކަނި ބަރޯސާވުން ކުޑަވެ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުންއިތުރުވެ އިންޓަރެކްޓިވް ބޯޑު، އެޕްލިކޭޝަންތައް، އަދި އޮންލައިން ވަސީލަތްތައް ބޭނުންކުރަން ޖެހެއެވެ. އެކަން ގޮތަށް ކުރަން ސްކޫލުތަކުން ވެސް ބާރުއަޅަންޖެހެއެވެ. ވަޞީލަތްތައް ހޯދައިދޭންޖެހެއެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރުމުން ދިރިއުޅުމާ ބެހޭގޮތުން ދަސްވި އެންމެ މުހިންމު ފިލާވަޅެއްގެ ގޮތުގައި ރިދީމާ މިސް ފާހަގަކުރި ގޮތުގައި، "ކޮންމެ އިންސާނަކީވެސް ތަފާތު ގާބިލުކަމާއި، ވަކި ސްޕީޑެއްގައި ކުރިއަރާ، ތަފާތު މީހެކެއެވެ.  ހަގީގީ ބަދަލެއް އަންނަނީ މަޖުބޫރުކުރުމުގެ ބަދަލުގައި، އަޅާލުމާއި އިހުސާސްތައް ދެނެގަނެގެންނެވެ."

Screenshot

ކިޔަވައިދިނުމަކީ ހަމައެކަނި ފޮތުގައި ހުންނަ އެއްޗެއް އުނގަންނައިދިނުމެއް ނޫނެވެ. އޭގެ އެންމެ ބޮޑު ފިލާވަޅަކީ އިންސާނިއްޔަތުކަމާއި، އޯގާތެރިކަން، އަދި އެކަކު އަނެކަކަށް އިޙްތިރާމްކުރުން ދިރިއުޅުމުގެ މައިގަނޑު ސިފައަށް ހެދުމެވެ.

އުނގަންނައިދިނުމުގެ މި ދަތުރުގައި، އެތައް ސަތޭކަ ދަރިވަރުންނާ ބައްދަލުވެ، އެއިން ކޮންމެ ކުއްޖެއްގެ ނަމާއި ހަނދާންތައް ވަނީ ރިދީމާ މިސްގެ ހަޔާތުގެ ސަފުޙާތަކުގައި އުމުރަށް ފެވިފައެވެ. އެއިން ކޮންމެ ދަރިވަރަކީ އަދި އެކުދިންނާއެކު ހޭދަވި ކޮންމެ ވަގުތަކީ މުޅި އުމުރަށްވެސް ހިތުގައި ބިނާވެފައިވާ އުފާވެރި، އަގުނުކުރެވޭނެ ބިނާއެކެވެ. އެކި ފެންވަރުގެ، ތަފާތު ގާބިލުކަން ހުންނަ އެތައް ދަރިވަރުންނަކަށް ކިޔަވައިދިނުމުގެ ނަސީބު ލިބުމަކީ މިސްއަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އެއިން ކޮންމެ ކުއްޖެއްގެ ކިބައިން ފެނުނު ކުރިއެރުމާއި، ހިއްސާކުރި ހަނދާންތަކަކީ އުމުރަށް ހިތުގައި ރައްކާކުރެވިފައިވާ އަގުހުރި ޖަވާހިރުތަކެކެވެ. ޚާއްޞަކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތައުލީމަށްޓަކައި ކުރެވުނު ކޮންމެ މަސައްކަތަކީ، އިންސާނިއްޔަތުކަމާއި، ކެތްތެރިކަމާއި، އަދި އޯގާތެރިކަމުގެ ހަގީގީ މާނަ ދިރިއުޅުމަށް އަންގައިދީ، މުޅި ހަޔާތް ބައްޓަންކުރުމަށް ލިބުނު އެންމެ ބޮޑު ނުފޫޒުކަމަށް އޭނާ ގަބޫލު ކުރެއެވެ.

ކިޔަވައިދިނުމުގެ ބުރަ، ޝަރަފުވެރި މަސައްކަތުގައި ދެމިހުރުމަށް މައިގަނޑު ގޮތެއްގައި ހިތްވަރުލިބެނީ މުދައްރިސެއްގެ މަސައްކަތުން ދަރިވަރުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަން މިސް ފާހަގަކުރިއެވެ. ފިލާވަޅެއް ދަސްވުމުން ކުއްޖާގެ މޫނުމަތިން ފެންނަ އުފާވެރި ކަމުގެ އިހުސާސްތަކާއި ކުރިން އުނދަގޫތަކާ ކުރިމަތިލި ދަރިވަރުން ތަޢުލީމު ނިންމައި މުޖުތަމަޢަށް ނުކުމެ ޒިންމާދާރު މީހުންނަށްވާ މަންޒަރު ފެނުމަކީ ރިދީމާ މިސްއަށް ކުރެވޭ މަސައްކަތުގެ އަގު ވަޒަންކުރެވޭ ހިނދުކޮޅެކެވެ. އަދި އަހަރުތަކެއް ފަހުން ބައްދަލުވެ ދަރިވަރުންގެ ފަރާތުން ލިބޭ އިޙްތިރާމާއި ތެދުވެރި ލޯތްބަކީ އެހެން އެއްވެސް ވަޒީފާއަކުން އަގުނުކުރެވޭނެ މާތް ސިފައަކަށްވާއިރު، ކޮންމެ ދުވަހަކު ކްލާސްރޫމަށް ވަންނަނީ މުސްތަޤުބަލުގެ ޑޮކްޓަރުންނާއި، އިންޖިނިއަރުން އަދި ޤައުމުގެ ވެރިން ބައްޓަންކުރުމުގެ ބޮޑު ޤައުމީ މަސްއޫލިއްޔަތާއެކުގައެވެ. ހަމައެހެންމެ، ކިޔަވައިދިނުމުގެ ތެރެއިން ކޮންމެ އައު ޖީލެއްގެ ފަރާތުން މުދައްރިސަށްވެސް އައު ފިލާވަޅުތަކާއި ކެތްތެރިކަން ދަސްވެ، އަމިއްލަ ނަފްސަށް ނުހުއްޓި ކުރިއެރުން ލިބިގެންދެއެވެ.

"ކިޔަވައިދިނުމަކީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އޭގެ ހަގީގީ ހިތްވަރަކީ "އިންސާނުންގެ ހިތްތަކާ ކުޅެ، މުސްތަޤުބަލު ބައްޓަންކުރުމުގެ" ތެރެއިން އަމިއްލަ ރޫޙަށް ލިބޭ ނުހަނު ބޮޑު އުފަލާއި ހިތްހަމަޖެހުން" ރިދީމާ މިސް ބުންޏެވެ.

މުދައްރިސެއްގެ ގޮތުން ކޮށްދެއްވި މަސައްކަތްތައް މީހުން ހަނދާން ބަހައްޓަން ބޭނުންވަނީ:
  • ދަރިވަރުންގެ ދިރިއުޅުން ބަދަލުކޮށްދިން އޯގާތެރި މުދައްރިސެއްގެ ގޮތުގައި
  • ހަމައެކަނި ފޮތުގައިވާ ފިލާވަޅުތައް ކިޔައިދިން މީހެއްގެ ބަދަލުގައި، ދަރިވަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކޮށްދީ، އެކުދިންގެ ޤާބިލުކަން ދެނެގަނެ ހިތްވަރުދިން މީހެއްގެ ގޮތުގައި.
  • ދަރިވަރުންނަށް އެންމެ އުނދަގޫވި ވަގުތުތަކުގައި އެކުދިންގެ އަޑުއަހައި، އޯގާތެރިކަމާއެކު އަޅާލި ފަރާތެއްގެ ގޮތުގައި.
  • އުނގެނުމަށް ލޯބިޖައްސައިދިން އިލްމީ ނަމޫނާއެއްގެ ގޮތުގައި
  • ފިލާވަޅުތައް ޝައުޤުވެރިކޮށް، އީޖާދީ ގޮތްގޮތަށް ކިޔައިދީ، އުނގެނުމަކީ އުފާވެރި ދަތުރަކަށް ހަދައިދިން މުދައްރިސެއްގެ ގޮތުގައި.
  • ކްލާސްރޫމަކީ ކޮންމެ ކުއްޖަކަށްވެސް ބިރުވެރިކަމެއް ނެތި ސުވާލުކޮށް، އުނގެނެން ރައްކާތެރި މާހައުލަކަށް ހަދައިދިން މީހެއްގެ ގޮތުގައި.
  • ރީތި އަޚްލާޤާއި އިންސާނިއްޔަތުކަން އުނގަންނައިދިން އެދުރުރުއެއްގެ ގޮތުގައި.
  • ތަޢުލީމީ މާރކްސްއަށްވުރެ އަޚްލާޤާއި، ތެދުވެރިކަމާއި، އަދި އެހެން މީހުންނަށް އިޙްތިރާމްކުރުމުގެ މުހިންމުކަން އަމަލީ ނަމޫނާއިން ދައްކުވައިދިން މުދައްރިސެއްގެ ގޮތުގައި.
  • އެކުވެރި މުދައްރިސުންނަށް އެހީތެރިވި ބައިވެރިއެއްގެ ގޮތުގައި.
  • ތަޢުލީމީ ދާއިރާގައި އުޅޭ އެހެން މުދައްރިސުންނަށް އެހީތެރިވެ، އައު އުސޫލުތަކާއި ތަޖުރިބާތައް ހިއްސާކޮށް، މުޅި ތަޢުލީމީ މާހައުލު ކުރިއެރުވުމަށް މަސައްކަތްކުރި މީހެއްގެ ގޮތުގައި.

ރިދީމާ މިސްގެ އެންމެ ބޮޑު އެދުމަކީ "އެ މުދައްރިސެއްގެ ސަބަބުން މަގުއޮޅެން ގޮސްފައިވާ ކުއްޖަކަށް ފުރިހަމަ ހިތްވަރެއް ލިބި، ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެވުނު" ކަމުގެ އިހުސާސް ދަރިވަރުންނަށް ވުމެވެ.

ނިންމާލުމުގެ ކުރިން ދެތިން ނަސޭހަތެއް:

ކުދިންނަށް-  އަމިއްލަ ނަފްސަށް އިތުބާރުކުރާށެވެ. ނާކާމިޔާބީއަކީ ހުއްޓެންވީ ސަބަބެއް ނޫނެވެ؛ އެއީ އިތުރަށް އުނގެނެން ލިބޭ ފުރުސަތެކެވެ ތިޔައީ ތަފާތު ހުނަރަކާއި ޤާބިލުކަމެއް ލިބިގެންވާ ކުއްޖެކެވެ. އެހެން ކުދިންނާ އަމިއްލަ ނަފްސު އަޅާނުކިޔައި، އަމިއްލަ މަސައްކަތުން ކުރިއަށްދާށެވެ.

ބެލެނިވެރިންނަށް: ދަރިފުޅަށް މާރކްސްއާއި ގްރޭޑަށްވުރެ ބޮޑަށް، ތިޔަ ފަރާތުގެ ލޯތްބާއި، ބަލައިގަތުމާއި، ވަގުތު ބޭނުންވެއެވެ."

ކުއްޖާގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ނަމޫނާއަކީ ބެލެނިވެރިޔާއެވެ. ގޭތެރެއަކީ ކުއްޖާއަށް ބިރުވެރިކަމެއް ނެތި އަމިއްލަ އިހުސާސްތައް ހިއްސާކުރެވޭނެ ރައްކާތެރި މާހައުލަކަށް ހަދައިދޭށެވެ. ދަރިފުޅަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ "އަގުނުކުރެވޭ ފަދަ ލޯތްބާއި، ބަލައިގަތުމާއި، އަދި އިތުބާރެވެ." ދަރިފުޅު ކޮންމެ ހާލަތެއްގައި ހުރިނަމަވެސް، ބެލެނިވެރިޔާ އެކުއްޖާއާއެކު ހުރިކަމުގެ އިހުސާސްކޮށް ދިނުމަކީ ކުއްޖާގެ ދިރިއުޅުން ކާމިޔާބުވުމުގެ ތަޅުދަނޑިއެވެ.

މުދައްރިސުންނަށް: ތިޔަ ފޯރުކޮށްދެނީ ހަމައެކަނި ފޮތުގައިވާ ފިލާވަޅެއް ނޫނެވެ؛ ތިޔަ ބައްޓަންކުރަނީ އިންސާނެއްގެ މުޅި ދިރިއުޅުމާއި މުސްތަޤުބަލެވެ."

ކޮންމެ ކުއްޖަކީވެސް ތަފާތު ގޮތަކަށް އުނގެނޭ ކުއްޖެކެވެ. ކްލާސްރޫމުގައިވާ ކޮންމެ ކުއްޖެއްގެ ކިބައިގައިވާ ޚާއްޞަ ހުނަރު ދެނެގަނެ، އޯގާތެރިކަމާއެކު އެކުދިންނަށް ހިތްވަރުދޭ ފަރާތަކަށްވާށެވެ.

މި ތިން ފަރާތުގެ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އިޙްތިރާމާއި އެއްބާރުލުން ދެވޭނަމަ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލުކަމާ ހަމައަށް ދެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *