ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް ވިލާ ކޮލެޖުގެ 54 ދަރިވަރުންނަށް

ވިލާ ކޮލެޖުގެ "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026″ ގައި މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުން ހިންގާ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހާސިލުކުރި 54 ދަރިވަރެއްގެ ފަޚުރުވެރި ޢިލްމީ ކާމިޔާބީ ފާހަގަކޮށް، "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026″ ހަފްލާގައި އެވޯޑު ހަވާލުކޮށްފިއެވެ. 2021 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މި ހަފްލާ މިއަހަރު ބޭއްވުނީ ހަވަނަ ފަހަރަށެވެ. މުޅި ރާއްޖެއަށް ޓީވީއެމް މެދުވެރިކޮށް ވަގުތުން ދެއްކި މި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ހަފްލާގައި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް (ޔޫ.ޑަބްލިޔު.އީ ބްރިސްޓަލް) ގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ސަރ ސްޓީވަން ވެސްޓް، ކޮލެޖުގެ ސީނިއަރ މެނޭޖްމަންޓާއި ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ 29 އިންޑަސްޓްރީ ޕާޓްނަރުންގެ އިސް މަންދޫބުންނާއި ދަސްވެނިންނާއި ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ، ދަސްވެނިންނާއި އެ ދަރިވަރުންގެ ލޮބުވެތި ޢާއިލާތަކުގެ މޫނުމަތިން ފެނުނު އުފާވެރިކަމަކީ، ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވާފައެވެ. އަދި ތަފާތު އެކި ދާއިރާތަކުން ދިވެހި ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޮޑެތި ކާމިޔާބީތަކެއް މިއަދު ވިލާ ކޮލެޖުން ހާސިލުކުރަމުންދާކަން ފާހަގަކުރައްވައި، ކޮލެޖުގެ ބާނީ އޮނަރަބަލް ޤާސިމް އިބްރާހީމަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި، ޤައުމީ ޚިދުމަތްތެރި ބަޠަލެއްކަން ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ވިލާ ކޮލެޖުން ތަމްރީނުވެ ނިކުތް ގާތްގަނޑަކަށް 27,000 ދަސްވެނިން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާއިރު، ދިވެހިރާއްޖޭގައި ދިވެހިންގެ އަމިއްލަ މުއައްސަސާއަކަށް މިތަން ވުމަކީ ކޮލެޖަށާއި މުޅި ޤައުމަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށާއި، ދިވެހި ދަރިންނަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ މަގު ވިލާ ކޮލެޖުން ފަހިކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި، ދަސްވެނިން ދެއްކި ހިތްވަރާއި ބުރަ މަސައްކަތުން ސާބިތުކޮށްދިނީ ކުރިއަށް އޮތް ތަޢުލީމީ މަރުޙަލާތަކަށާއި ވަޒީފާގެ ކުރިއެރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ މިންވަރުކަން ފާހަގަކުރެއްވިއެވެ. އަދި ދަސްވެނިން މި ކާމިޔާބީ ހާސިލުކުރީ ޢާއިލާގެ ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރަމުންކަން ފާހަގަކުރައްވައި، ދަސްވެނިންގެ ކާމިޔާބީއަށް ވާސިލުވުމުގައި މަގުދައްކައި އެހީތެރިވެދެވުނުކަމީ ވިލާ ކޮލެޖް ފަޚުރުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ވިލާ ކޮލެޖުގެ ގްރެޖުއޭޓުންގެ ސިފަތައް ޢަމަލީ ގޮތުން ދެއްކެވުމުގައި ދެމިތިބުމަށް ރެކްޓަރ އިލްތިމާސްކުރެއްވިއެވެ.

ކޮލެޖުގެ ވައިސް ރެކްޓަރ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢަލީ ނަޖީބު ދެއްކެވި ވާހަކަފުޅުގައި، ކޮލެޖް މެޑަލް ހާސިލްކުރާ ދަރިވަރުންނަށް ރާއްޖޭގެ ނަންމަޝްހޫރު ވިޔަފާރި ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޕްރޮފެޝަނަލް ބޮޑީތަކާއި ފައުންޑޭޝަންތަކުގެ ތެރެއިން 29 ފަރާތަކުން އިންޑަސްޓްރީ ޕްރައިޒް ހުށަހަޅުއްވާކަން ފާހަގަކުރެއްވިއެވެ. އެ ފަރާތްތައް ކޮލެޖުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ، ކޮލެޖާއި އިންޑަސްޓްރީތަކުގެ މުހިންމު ބައިވެރިންނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، އަދި ކޮލެޖުގެ ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތައް ނިންމައި ވަޒީފާގެ ބާޒާރަށް ނިކުންނަ ދަސްވެނިންނަށް އިންޑަސްޓްރީގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަވާ ކަމެއް ކަމަށް ޑރ. ނަޖީބު ވިދާޅުވިއެވެ. މީގެއިތުރުން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ ޕްރޮގްރާމްތަކުން ގިނަ ދަރިވަރުންތަކެއް މަތީ ވަނަތައް ހޯދާފައިވުމަކީ، ވިލާ ކޮލެޖުގައި ތިބެގެން ކިޔަވާ ދަރިވަރުން ވެސް، ޔޫކޭގެ ބްރިސްޓޮލްގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނާ އެއް ފެންވަރެއްގައި ކުރިއަރަމުންދާ ކަމުގެ ހެއްކެއްކަން ވައިސް ރެކްޓަރ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފަޚުރުވެރި ވަނަތަކެއް ހޯދި ދަރިވަރުންގެ ތެރޭގައި، ވަޒީފާގެ ބުރަ މަސްއޫލިއްޔަތުތަކާއި ޢާއިލީ ޒިންމާތައް އަދާކުރަމުން ކިޔެވި ގިނަ ދަރިވަރުންތަކެއް ހިމެނޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮލެޖުގެ ތަޞައްވުރާ ގުޅޭގޮތުން ޑރ. ނަޖީބު ވިދާޅުވީ، ކޮލެޖުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ކުރިމަގުގެ ގޮންޖެހުންތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ (ފިއުޗަރ ޕްރޫފް) ދަސްވެނިންތަކެއް ބިނާކުރުމަށް ކަމަށެވެ. އެގޮތުން ޔޫކޭގެ ކޮލިޓީ އެޝުއަރެންސް އޭޖެންސީ (QAA UK) ގެ އިންޓަރނޭޝަނަލް އެކްރެޑިޓޭޝަންގެ ފައިނަލް މަރުޙަލާ ވިލާ ކޮލެޖުން ނިންމާފައިވާއިރު، ކިއު.އެސް ސްޓާޒް ރޭޓިންގ ސިސްޓަމުން ފަސް ތަރީގެ ރޭޓިންގ ލިބުނު ރާއްޖޭގެ ހަމައެކަނި ތަޢުލީމީ މުއައްސަސާއަކީ ވިލާ ކޮލެޖްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންގެ ޢަމަލީ ތަޖުރިބާ މުއްސަނދިކޮށް މުޖުތަމަޢާ ގުޅުވައިލުމަށްޓަކައި، ކޮލެޖުން އަލަށް ތަޢާރަފުކުރި "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓަރ" އާއި، ކްލާސްރޫމުން ބޭރުން ދަރިވަރުން ހޯދާ ތަޖުރިބާތަކާއި ހުނަރުތައް ވަޒީފާދޭ ފަރާތްތަކަށް ހާމަކޮށްދޭ "ލާނިންގ ޕްރޮފައިލް" ވެސް ވައިސް ރެކްޓަރގެ ވާހަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ހަފްލާގައި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަކޮށްގެން، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ ސީ.ޖީ.ޕީ.އޭ ނުވަތަ އެވްރެޖް މާކްސް ހޯދައިގެން ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް 36 ދަރިވަރަކު ހާސިލުކުރިއިރު، ކޮންމެ ބެޗަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ލިބޭ ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް 53 ދަރިވަރުން ވަނީ ހާސިލުކޮށްފައެވެ. ޤާސިމް އިބްރާހީމް އެވޯޑް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް ކޮލެޖް މެޑަލް ވެސް ލިބިފައިވުމާއެކު، ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން ހޯދި ދަރިވަރާއެކު މި ހަފްލާގައި ޖުމްލަ 54 ދަރިވަރެއްގެ ކާމިޔާބީ ރަސްމީކޮށް ވަނީ ފާހަގަކޮށްފައެވެ. މާސްޓަރސް ޑިގްރީ ޕްރޮގްރާމްތަކުން ޤާސިމް އިބްރާހީމް އެވޯޑް ހާސިލްކުރި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. އަދި ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކުން މި އެވޯޑު ހާސިލްކުރި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރެކްޓަރ ޑރ. އަޙްމަދު އަންވަރާއި، ވިލާ ކޮލެޖް ކައުންސިލްގެ ސަރުކާރުގެ މަންދޫބު ޑރ. އަޙްމަދު މުޙައްމަދާއި، ޔޫ.ޑަބްލިޔު.އީ ބްރިސްޓަލްގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ސަރ ސްޓީވަން ވެސްޓެވެ.

ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ 29 އިންޑަސްޓްރީ ޕާޓްނަރުންގެ ފަރާތުން ބައިވެރިވެވަޑައިގަތް އިސް މަންދޫބުންނެވެ. އޭސީސީއޭ ގެ 2026 ވަނަ އަހަރުގެ ޖޫން ސެޝަންގެ އިމްތިޙާނުގައި 'ފައިނޭންޝަލް މެނޭޖްމަންޓް' މާއްދާއިން ރާއްޖެއިން 1 ވަނަ އަދި މުޅި ދުނިޔެއިން 30 ވަނަ ހޯދި ޢާއިޝަތު އަފްނާން އިބްރާހީމް އަޙްމަދަށް ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން ހަވާލުކޮށްދެއްވީ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބެވެ. މިއަހަރުގެ އެވޯޑް ހަފްލާގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެ ދަރިވަރުންނަށް އިނާމު ހުށަހެޅި ފަރާތްތަކަކީ: ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް، ފައިސަލް ފައުންޑޭޝަން، އީވް ކްލިނިކް، ރެއިންބޯ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)، ދިރާގު، އަޒްމީ-ނަޢީމް މެޑިކަލް އެންޑް ޑައިގްނޮސްޓިކް ސެންޓަރ (އޭ.އެމް.ޑީ.ސީ)، އެސް.އެޗް.ސީ ލޯ އެންޑް ޓެކްސް އެލް.އެލް.ޕީ، ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، ހައިރައިޒް ޕްރައިވެޓް ލިމިޓެޑް، ކްރޯ މޯލްޑިވްސް އެލް.އެލް.ޕީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވިއަން، އަމާނާ ތަކާފުލް (މޯލްޑިވްސް) ޕީ.އެލް.ސީ، ޔުނިވަރސަލް ފައުންޑޭޝަން، ވިލާ ފައުންޑޭޝަން، މައުމޫން ފައުންޑޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާރޕް)، އިންސްޓިޓިއުޓް ފޮރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ (އައި.ސީ.ޕީ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، އުރީދޫ މޯލްޑިވްސް، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ، އެޑްވޮގާޑޯ ލޯ ފަރމް އެލް.އެލް.ޕީ، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، ކޮކޯ ކަލެކްޝަން ބައި ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް ޕީ.އެލް.ސީ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕީ.އެލް.ސީ (އެސް.ޓީ.އޯ) އެވެ. މި ހުރިހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް ވިލާ ކޮލެޖުން ވަނީ އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.

ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ 'ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލެންސް' ލިބެނީ، ކްލާހުގެ ފަސްޓް ކްލާސް ނުވަތަ ޑިސްޓިންކްޝަން ހާސިލުކޮށް، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ ސީ.ޖީ.ޕީ.އޭ ނުވަތަ އެންމެ މަތީ އެވްރެޖް މާކްސް ހޯދާ ދަރިވަރުންނަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އިންޑަސްޓްރީ ލީޑަރުންނާ ގުޅިގެން ދެމުން އަންނަ 'ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް' ދެވެނީ ކޮންމެ ޕްރޮގްރާމެއްގެ ކޮންމެ ބެޗަކުން ފަސްޓް ކްލާސް ނުވަތަ ޑިސްޓިންކްޝަނާއެކު އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށެވެ. މީގެއިތުރުން 'ސްޕެޝަލް އެކަޑަމިކް ޕާފޯމަންސް ރެކޮގްނިޝަން' އަކީ ބައިނަލްއަޤްވާމީ އިމްތިޙާނުތަކުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ކޮލެޖުން ދޭ ސެޓްފިކެޓް އޮފް އެޗީވްމަންޓެކެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖުގެ ގޮތުގައި ޤާއިމުކުރެވުނު ވިލާ ކޮލެޖުން މިހާތަނަށް 27,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ފުރިހަމަކޮށް ދަސްވެނިވެފައިވާއިރު، މި އެވޯޑު ނައިޓަކީ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުންނާއި މޮޅު ދަރިވަރުން ގުޅުވައިދީ، ޤައުމީ ޚިދުމަތަށް ޤާބިލު ޖީލެއް ނެރެދިނުމުގައި ވިލާ ކޮލެޖުން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *