ވިލާ ކޮލެޖުން މި އަހަރު 1،237 ދަރިވަރުން ދަސްވެނިވާނެ

ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ، ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތިން ދަންފަޅިއާއެކު 30 ސެޕްޓެމްބަރު 2026 ގައި ފަށައިފިއެވެ. ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ދެ ދުވަހަށް ކުރިއަށްދާ މި ޙަފްލާގައި، މި އަހަރު ޖުމްލަ 1،237 ދަރިވަރުން ދަސްވެނިވާނެއެވެ. ފުރަތަމަ ދުވަހުގެ ޙަފްލާތަކުގައި ސަނަދު ހަވާލުކުރެވުނީ، ވިލާ ކޮލެޖުގެ އެކި ފެކަލްޓީތަކާއި ސްކޫލްތަކުން ކިޔެވުން ފުރިހަމަކުރި ދަރިވަރުންނަށެވެ. މި ތިން ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ސަރުކާރުގެ ތިން ވަޒީރުންނެވެ.

މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދަސްވެނިވާ ދަރިވަރުންގެ 60 އިންސައްތައަކީ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތައް ފުރިހަމަކުރި ދަރިވަރުންނެވެ. ބާކީ ދަރިވަރުން ދަސްވެނިވާނީ 1 އޮކްޓޯބަރު 2026 ގައި ބާއްވާ ދެވަނަ ދުވަހުގެ ޙަފްލާތަކުގައެވެ. އެއީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫ.ޑަބްލިޔު.އީ) އާއި ގުޅިގެން ވިލާ ކޮލެޖުން ހިންގާ ޕްރޮގްރާމްތަކުގެ ދަރިވަރުންނެވެ. މީގެ އިތުރުން، މި އަހަރު ދަސްވެނިވާ ދަރިވަރުންގެ 70 އިންސައްތައަކީ އަންހެން ދަރިވަރުންނެވެ.

ފުރަތަމަ ދަންފަޅީގައި ދަސްވެނިވީ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ދަރިވަރުންނެވެ. މި ދަންފަޅީގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދެވެ. މާސްޓަރ އޮފް ޓީޗިންގ އިން އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން ޕްރޮގްރާމުން މި އަހަރު ވަނީ އަލަށް ދަރިވަރުން ދަސްވެނިވެފައެވެ. ދަސްވެނިންގެ ފަރާތުން ޝުޢޫރު ފާޅުކޮށް ވާހަކަ ދެއްކެވީ މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ ފުރިހަމަކުރި ފާޠިމަތު ޝެރެލީނެވެ.

ދަސްވެނިންނާ މުޚާޠަބުކުރައްވައި ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމަށް މުހިންމު ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރި ދިވެހި ދަރިން ދަސްވެނިވާ މިފަދަ ޙަފްލާތަކުން މުޅި ޤައުމަށް އުފާވެރިކަން ގެނެސްދޭ ކަމަށެވެ. ޤައުމެއްގެ ދިރުން ބިނާވަނީ އެ ޤައުމެއްގެ ތެރޭގައި ޢިލްމީ އަދި ފިކުރީ ސިކުނޑިތައް އުފެދެމުންދާ މިންވަރެއްގެ މައްޗަށް ކަމަށް ވިދާޅުވެ، ޤައުމު އީޖާދީ އަދި ފިކުރީ ވިސްނުންތަކެއްގެ މައްޗަށް ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އެޅިފައިވަނީ ކުދިން ތަރުބިއްޔަތުކޮށް އުނގަންނައިދޭ މުދައްރިސުންގެ މައްޗަށް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޢިލްމު ޙާޞިލްކުރުމުގެ މަޤްޞަދަކީ ހަމައެކަނި ވަޒީފާއެއް ހޯދުން ނޫން ކަމަށާއި، ޢިލްމަކީ އިންސާނާގެ ހިތަށް އަލިކަން ގެނެސްދޭ އެއްޗެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ޢިލްމުވެރިން މުޖުތަމަޢަށް ނިކުންނައިރު މީހުން ބަލާނީ ހަމައެކަނި އެބޭފުޅުންގެ މަޢުލޫމާތަށް ނޫން ކަމަށާއި، ޢިލްމީ ތެދުވެރިކަމާއި އަޚްލާޤަށްވެސް ކަމަށް ވިދާޅުވެ، ދިވެހި ޤައުމުގެ މާދަމާ ވަނީ ދަސްވެނިންގެ އަތްޕުޅުމަތީގައި ކަމަށް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.

ދެވަނަ ދަންފަޅީގައި ދަސްވެނިވީ ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ އާއި ޤާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސްގެ ދަރިވަރުންނެވެ. މި ދަންފަޅި ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ. މާސްޓަރ އޮފް އިންޖިނިއަރިންގގެ އިލެކްޓްރިކަލް، މެކޭނިކަލް އަދި މެކަޓްރޯނިކްސް ސްޕެޝަލައިޒޭޝަނުން ރާއްޖޭގައި އަލަށް ދަރިވަރުން ދަސްވެނިވީ މި އަހަރުއެވެ. މިއީ ރާއްޖޭގައި ތިބެގެން ޙާޞިލްކުރެވޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާވަމުން އަންނަކަމުގެ ހެއްކެކެވެ. ދަސްވެނިންގެ ފަރާތުން ވާހަކަ ދެއްކެވީ މާސްޓަރ އޮފް އިންޖިނިއަރިންގ (މެކޭނިކަލް) ފުރިހަމަކުރި މުޙައްމަދު ޒިދާން ޙަސަނެވެ.

ވާހަކަފުޅު ދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ފުރިހަމައަށް ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއްގެ ތަޞައްވުރު ޙާޞިލްކުރެވޭނީ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މައިގަނޑު ދާއިރާތަކުން ދިވެހި ދަރިން ތަމްރީނުކޮށް ބިނާކޮށްގެން ކަމަށެވެ. ޤައުމީ ތަރައްޤީއަށް ބޭނުންތެރި ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ވިލާ ކޮލެޖުން ކުރާ މަސައްކަތް ވަޒީރު ވަރަށް ބޮޑަށް ތަޢުރީފުކުރެއްވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުހިންމު ސިނާޢަތްތަކުގެ އިސް މަޤާމުތަކުގައި ދިވެހިން ނެތުން ނުވަތަ ދިވެހިންގެ ޢަދަދު މަދުވުން ކަމަށް ވިދާޅުވެ، ދަސްވެނިން އެމީހުންގެ ދާއިރާތަކުގެ އިސް ސަފަށް ވާޞިލުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޖަޒީރާ ޤައުމަކަށް ވާތީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި އުޞޫލުތަކަށް އިސްކަންދިނުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިންވަނަ ދަންފަޅީގައި ދަސްވެނިވީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ސްކޫލް އޮފް ސައިކޮލޮޖީ އެންޑް ކައުންސެލިންގގެ ދަރިވަރުންނެވެ. މި ދަންފަޅީގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީއެވެ. މާސްޓަރ އޮފް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ އަދި ބެޗްލަރ އޮފް ފާމަސީ ޕްރޮގްރާމުން ވެސް މި އަހަރު ވަނީ އަލަށް ދަރިވަރުން ދަސްވެނިވެފައެވެ. ދަސްވެނިންގެ ފަރާތުން ވާހަކަ ދެއްކެވީ ބެޗްލަރ އޮފް ފާމަސީ ފުރިހަމަކުރި މުޙައްމަދު ފަޒީނެވެ.

ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ ޢަލީ ވިދާޅުވީ، ޞިއްޙީ ދާއިރާގެ ގިނަ ފަންނުތަކުން ދިވެހިންގެ ޚިދުމަތަށް ބޭނުންވާ ޕްރޮފެޝަނަލުން ވިލާ ކޮލެޖުން ތަމްރީނުކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި މިހާރު ޚިދުމަތްކުރާ ގިނަ ބޭފުޅުން، އެބޭފުޅުންގެ މަތީ ތަޢުލީމުގެ ކޮންމެވެސް މަރުޙަލާއެއް ނިންމާފައިވަނީ ވިލާ ކޮލެޖުގައި ކިޔަވައިގެން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވިލާ ކޮލެޖުން ޞިއްޙީ ދާއިރާއަށް 2،000 އަށްވުރެ ގިނަ ގްރެޖުއޭޓުން ނެރެދީފައިވާ ކަމަށާއި، ދަރިވަރުންނަށް އުނގަންނައިދިނުމަށް ޒަމާނީ ވަސީލަތްތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ނަރސިންގ އާއި ފާމަސީ ފަދަ ދާއިރާތަކުން ދަސްވެނިވި ދަރިވަރުންގެ އަރިހުން، ފަންނީ އަޚްލާޤު ހުރިހާ ވަގުތެއްގައި ހިފަހައްޓައި، އިޚްލާޞްތެރިކަމާއި މުރާލިކަމާއެކު ޤައުމީ ޚިދުމަތުގައި ކުރިއަށްދިއުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *