ލީޑް 26: އަހަރީ ދުވަހާ ގުޅުވައިގެން އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، އަމަލީ ތަޖުރިބާ އާއި، އީޖާދީ ވިސްނުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ބިޒްނަސް ސްކޫލަށް 35 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ލީޑް "ގެ ނަމުގައި ޚާއްޞަ ޙަރަކާތެއް އިއްޔެ ހަވީރު ބާއްވައިފިއެވެ. މި ޙަރަކާތަކީ ދަރިވަރުންގެ ހުނަރުވެރިކަމާއި، އަމަލީ ތަޖުރިބާ އާއި، އީޖާދީ ވިސްނުން އަދި ވިޔަފާރީގެ ދާއިރާއިން އެމް.އެން.ޔޫގެ ކެމްޕަސްތަކުން ހޯދަމުންދާ ކުރިއެރުންތައް ދައްކާލުމަށް ބޭއްވުނު ޙަރަކާތެކެވެ. މި ޙަރަކާތުގައި ދަރިވަރުންނާއި، މުވައްޒަފުންނާއި، ވިޔަފާރިވެރިންގެ އިތުރުން ޢާންމުންގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

މި ޙަރަކާތުގައި، ދަރިވަރުންނަށް އެކުދިން އުނގެނުނު ތިއަރީތައް އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދައްކާލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. މާލެ، ހިތަދޫ އަދި ތިނަދޫ ކެމްޕަހުގައި ކުރިއަށްދިޔަ މި ޙަރަކާތްތައް ބަލާލުމަށް ޖުމްލަ 600 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ.

މާލޭގެ އިތުރުން އެމްއެންޔޫގެ އެކި ކެމްޕަސްތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިޔައެވެ.
މާލެ ކެމްޕަހަށް ޒިޔާރަތްކުރި 360 އަށްވުރެ ގިނަ މީހުންނަށް ދަރިވަރުން ތައްޔާރުކޮށްފައިވާ ތަފާތު ސްޓޯލްތަކާއި ހަރަކާތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބުނެވެ. އޭގެ ތެރޭގައި، މެނޭޖްމަންޓްގެ މަސައްކަތްތައް އަމަލީގޮތުން ހިނގާގޮތް ދައްކައިދިނުމާއި، އެޗް.އާރުގެ ތެރޭގައި މުވައްޒަފެއްގެ ދަތުރު ބައްޓަންވާގޮތާއި، އިޤްތިޞާދީ ކަންކަން ތަޖުރިބާކޮށްދޭ ސިމިއުލޭޝަނަކާއި މާލީ ކަންކަމާ ގުޅޭ ވާދަވެރި މުބާރާތަކާއި މާކެޓިންގެ ތަފާތު ތަޖުރިބާތަކާއި ވިޔަފާރީގެ މާޙައުލު ދެނެގަތުމާއި ލީޑަރޝިޕާއި ފަންނީ ހުނަރުތައް ވަޒަންކުރުމުގެ ގޮތުން  އެމް.ބީ.އޭ 365 ނަމުގައި ކުރިއަށް ގެންދިޔަ ޗެލެންޖް ފާހަގަކޮށްލެވެއެވެ.

ހިތަދޫ ކެމްޕަހުގައި ހަރަކާތްތައް ކުރިއަށް ގެންދިޔައީ "އެޗް.ސީ އިގްނައިޓް"ގެ ނަމުގައެވެ. މި ހަރަކާތުގައި 200 އެއްހާ މީހުން ބައިވެރިވި މި ޙަރަކާތުގައި ކުޅިވަރުތަކާއި، ވިޔަފާރިވެރިންނާ ބައްދަލުކުރުމުގެ ފުރުޞަތު ހިމެނުނެވެ. މުހިންމު ބައިތަކުގެ ތެރޭގައި، ވިޔަފާރީގެ ޙާލަތްތައް އަވަހަށް ދެނެގަނެ ތަޙުލީލުކުރުމާއި ވިޔަފާރިވެރިން ދެނެގަތުމުގެ މުބާރާތަކާއިއާދައިގެ ތަކެތިން ވިޔަފާރީގެ ޚިޔާލު އުފެއްދުމާއި މަޝްހޫރު ބްރޭންޑްތައް ދެނެގަތުމާއި "އައްޑޫ ބޮނޑި" ޚާއްޞަ ބްރޭންޑެއްގެ ގޮތުގައި ތަރައްޤީކުރުމާއި މާކެޓިންގގައި ކުޅިވަރުގެ އުކުޅުތައް ބޭނުންކުރުމާއި އެޗް.އާރުގެ މަފްހޫމްތައް އަމަލީ ކަންކަމާ ގުޅުވައިދިނުމާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީކުރުމާއި މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

ތިނަދޫ ކެމްޕަހުގައި ބެޗްލަރ އޮފް ބިޒްނަސްގެ ދަރިވަރުން ވަނީ ވިޔަފާރީގެ ޕްރޮޕޯސަލްތަކެއް ހުށަހަޅާފައެވެ. މިގޮތުން، އަތިރިމަތީގައި ހިންގޭނެ ކުޑަ ފަތުރުވެރިކަމުގެ މަޝްރޫޢެއްގެ ތަޞައްވުރު ދައްކާލާފައިވެއެވެ. މީގެ ތެރޭގައި ފްލޯޓިންގ ކެފޭއަކާއި، ބީޗް ސީޓިންގ އަދި ޕްރައިވެޓް އިވެންޓްތައް ބޭއްވޭނެ ގޮތްތައް ހިމެނެއެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 650,000 އާއި 800,000 ރުފިޔާއާ ދެމެދުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާކޮށްފައިވެއެވެ. މި ޕްރެޒެންޓޭޝަން އޮންލައިންކޮށް މާލެ ކެމްޕަހަށްވެސް ވަނީ ދައްކާލާފައެވެ.

ބިޒްނަސް ސްކޫލަށް 35 އަހަރު ފުރުނުއިރު، މި ޙަރަކާތުން ރަމްޒުކޮށްދެނީ ދަރިވަރުންނަށް އަމަލީ ތަޢުލީމާއި އައު އީޖާދުތަކަށް ފުރުޞަތު ދިނުމުގައި ޔުނިވަރސިޓީން ދޭ ސަމާލުކަމެވެ. އަދި މިއީ ރާއްޖެއާއި ރާއްޖޭއިން ބޭރުގެ މައިދާނުގައި ޚިދުމަތްކުރާނެ ޤާބިލު ދަރިވަރުން ބިނާކުރުމަށް އެމް.އެން.ޔޫ އިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *