ދަނަތު ލާނިންގް – ދިވެއްސާއި އިސްލާމަށް ފަހި މަގެއް

ދިވެހި އަދި އިސްލާމް މާއްދާގެ އިމްތިޙާންތަކަށް ތައްޔާރުވާ ދިވެހި ދަރިވަރުންނަށް އަބަދުވެސް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ގޮންޖެހުމަކީ، ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް މަދުވުމާއި، ލިބެންހުރި ތަކެތި އެކި ތަންތަނަށް ބެހިފައިވުމުގެ އިތުރުން، މި ދެ މާއްދާއިން އެކަށީގެންވާ އެހީތެރިކަން ނުލިބުމެވެ. މި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، 'ދަނަތު ލާނިންގ' (www.dhanathu.com) އިން ދަނީ މުޅި ރާއްޖޭގައި އެޗް.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިޙާން ހަދާ 19،000 އަށްވުރެ ގިނަ ދަރިވަރުންނަށް އަމާޒުކޮށް، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އުނގަންނައިދޭ މަންސަ މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ.

މުޙައްމަދު ޝަޔާން ޝިޒާން އަދި ޢަލީ ދާނިޝް ޢަބްދުﷲ އިސްނަގައިގެން އުފެއްދި "ދަނަތު ލާނިންގ" ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ 2 އޮގަސްޓް 2026 ގައި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ހުޅުމާލޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

"ދަނަތު އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ މިހާރުގެ ދަރިވަރުންނަށް ދިމާވާ ދަތިތަކަކީ އަޅުމެންވެސް ތަޙައްމަލުކުރި ކަންތައްތަކަށް ވާތީ، އެކަމަށް ހައްލެއް ހޯދައިދިނުން. މި މަންސަޔާއި، އަޅުގަނޑުމެން ނެރޭ ފޮތްތަކުގެ އިތުރުން މިހާރު ކުރިއަށްދާ ސްޓަޑީ ކޭމްޕްތަކަކީ އަޅުގަނޑުމެން ކިޔެވި ދުވަސްވަރު ލިބޭނެނަމައޭ ހިތަށްއެރި ފަދަ ވަސީލަތްތަކެއް،" ދަނަތު ލާނިންގގެ ސީ.އީ.އޯ ޝަޔާން ޝިޒާން ވިދާޅުވިއެވެ.

ދަނަތުން ލިބޭ ޚިދުމަތްތައް

މި މަންސައިގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) ގެ މުޤައްރަރާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަފްޞީލީ ނޯޓްތަކާއި، ފިލާވަޅުތަކަށް އަމާޒުކޮށްފައިވާ ފަރިތަކުރުންތަކާއި، އިމްތިޙާނަށް ތައްޔާރުވާނެ ގޮތުގެ އިރުޝާދުތައް ހިމެނެއެވެ. މީގެ އިތުރުން، މި މަންސައިގައި ހިމެނޭ އޭ.އައި ވަސީލަތްތައް ބޭނުންކޮށްގެން، 2000 އަށްވުރެ ގިނަ ސުވާލު ހިމެނޭ ބޮޑު ސުވާލު ބޭންކަކުން، އެޗް.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ފޯމެޓާ އެއްގޮތަށް ތަފާތު މޮކް އިމްތިޙާންތައް ތައްޔާރުކޮށްދެއެވެ. އަދި ކޮންމެ ދަރިވަރަކުވެސް މާއްދާތަކަށް ހުންނަ ޝައުޤުވެރިކަމާއި ފެންވަރަށް ރިއާޔަތްކޮށް، އަމިއްލައަށް ފަރިތަކުރެވޭނެ 'ޓާގެޓް ޓެސްޓް' ތައްޔާރުކުރުމުގެ ފުރުޞަތުވެސް މި މަންސައިން ފަހިކޮށްދެއެވެ.

މި ހުރިހާ ވަސީލަތްތަކެއް ތައްޔާރުކުރުމުގެ ފަހަތުގައި ތިއްބެވީ ދިވެހި އަދި އިސްލާމް މާއްދާގެ ތަޖުރިބާކާރު މުދައްރިސުންގެ ޓީމެކެވެ. މީގެ ތެރޭގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ބޮޑެތި ސްކޫލްތަކުގެ މާއްދާތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ އަދި ގައުމީ އިމްތިހާންތަކުގެ ޕޭޕަރުތައް މާކުކުރުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އަތޮޅުތެރެއަށް "ސްޓަޑީ ކޭމްޕް" ތައް ފުޅާކުރުން

މިދިޔަ އޮގަސްޓް 23 ގައި ފެށި މި ޓާމުގެ އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން، އޮގަސްޓް 11 އިން 15 އަށް ދަނަތުގެ ފުރަތަމަ "ސްޓަޑީ ކޭމްޕް" ވަނީ ކުރިއަށް ގެންގޮސްފައެވެ. މުދައްރިސުންގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މި ފިލާވަޅު މުރާޖައާ ކުރުމުގެ ސެޝަންތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ވަނީ ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕުގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ޙާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ޝަރަފުއްދީން ސްކޫލް، ފޭދޫ ސްކޫލް، ނޫރާނީ ސްކޫލް އަދި އިރުޝާދިއްޔާ ސްކޫލް ހިމެނެއެވެ.

ކުރިއަށް އޮތީ ކޮން ކަމެއް؟

ކުރިއަށް އޮތް އިމްތިޙާނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން، "ދަނަތު" ގެ ސްޓަޑީ ކޭމްޕްތަކުގެ އައު ބުރެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ. މި ފަހަރުގެ ކޭމްޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މިއީ ހުރިހާ ދަރިވަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން، މިފަދަ މުހިންމު ސެޝަންތަކެއްގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު އެންމެހާ ކުދިންނަށް ފޯރުކޮށްދިނުމަށްޓަކައި ނިންމި ނިންމުމެކެވެ.

މި ސްޓަޑީ ކޭމްޕްތައް ފެށުމަށް ހަމަޖެހިފައިވަނީ 14 ސެޕްޓެމްބަރ 2026 އިން ފެށިގެން 17 ސެޕްޓެމްބަރ 2026 އަށެވެ. މި ސެޝަންތަކުގައި އެސް.އެސް.ސީ (SSC) އަދި އެޗް.އެސް.ސީ (HSC) އިމްތިޙާނަށް ދަރިވަރުން ތައްޔާރުކުރުވުމަށްޓަކައި، މުހިންމު މައުޟޫޢުތަކަށް ވަރަށް ފުޅާދާއިރާއެއްގައި އަލިއަޅުވާލެވޭނެއެވެ.

ދަރިވަރުންނާއި ބެލެނިވެރިންނަށް "ދަނަތު ލާރނިންގ" ގެ ސޯޝަލް މީޑިއާ އެކައުންޓްތައް [@dhanathulearning] ފޮލޯކުރައްވައިގެން އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދޭނެއެވެ. ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް info@dhanathu.com އަށް އީމެއިލް ކުރެއްވުން ނުވަތަ 9455520 960+ އަށް ގުޅުއްވުން އެދެމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *