ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ، އެ ގައުމުގެ މުހިންމު ޓެކްނޮލޮޖީގެ ދާއިރާތަކުން 550 ޕީއެޗްޑީ ދަރިވަރުން ތަމްރީނުކުރުމުގެ މަޝްރޫއެއް ދާދި ފަހުން އިއުލާން ކުރައްވާފައެވެ. މަރުކަޒީ އިމްތިހާނަކުން ހޮވައިލެވޭ މި ދަރިވަރުން ތަމްރީނު ކުރާނީ އާޓިފިޝަލް އިންޓެލިޖެންސް، ސައިބަރ ސެކިއުރިޓީ އަދި ޗިޕް ޓެކްނޮލޮޖީ ފަދަ ސްޓްރެޓީޖިކް ދާއިރާތަކުން، ތުރުކީގެ ރިސާޗް ޔުނިވަރސިޓީތަކުގައެވެ. މި މަޝްރޫއުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 3،000 ޒުވާން ދިރާސާވެރިން ގައުމީ ސައިންޓިފިކް ނިޒާމުގެ ތެރެއަށް ނެރުމެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އުރުދުޣާން ވިދާޅުވެފައި ވަނީ، އާޓިފިޝަލް އިންޓެލިޖެންސާއި ސައިބަރ ސެކިއުރިޓީއާއި ޗިޕް ޓެކްނޮލޮޖީ އަދި އެޑްވާންސް ކޮމްޕިއުޓިންގ ސިސްޓަމް ފަދަ މުހިންމު ދާއިރާތަކުން ފުރަތަމަ ފިޔަވަހީގައި 550 ޕީއެޗްޑީ ދަރިވަރުން ހޮވައި، 20 ރިސާޗް ޔުނިވަރސިޓީތަކުގައި ތަމްރީނު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން "ތުރުކީގެ ޤަރުނު" ބިނާކުރާނީ ސައިންސާއި، ޓެކްނޮލޮޖީ އަދި ޒުވާނުންގެ ބާރުވެރިކަމާއެކު" އުރުދުޣާން ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ މުސްތަގުބަލުގެ ޓެކްނޮލޮޖީތައް އަމިއްލައަށް އުފައްދައި، ދުނިޔެއަށް ތައާރަފުކުރާ، އިގްތިސާދީ ގޮތުން ކުރިއަރާފައިވާ، ފުދުންތެރި، އަދި ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި ތުރުކީ ދެމިއޮތުމެވެ.
މި ނިންމުމަކީ ހައި-ޓެކް ސިނާއަތްތަކުގައި ތުރުކީގެ އަމިއްލަ ގާބިލިއްޔަތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. މީގެ ކުރިންވެސް ތުރުކީން ވަނީ ސެމީކޮންޑަކްޓަރ އުފައްދާ ބޭރުގެ ކުންފުނިތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި މުހިންމު ރޭވުންތަކެއް އެކުލަވާލާފައެވެ.
advertisment
ހިޔާލު