ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގެ ދަރިވަރުންނަށް، އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި އެމްއޭ.ސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މުސްޠަފާއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ ޢިލްމީ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ވަޒީފާގެ މާޙައުލަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށް ވީއައިއެޗްއެސްއިން ބުނެއެވެ.
"އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާޙައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުޢާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ދަރިވަރުންގެ ލޯހުޅުވިގެންދާނެ ކަމަށް އެމްއޭސީއެލް ބުނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މެންޓަރޝިޕް ދިނުމުގެ އިތުރުން ޢަމަލީ މަސައްކަތުގެ މާޙައުލު ތަޖުރިބާކުރުމުގެ ގިނަ ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެއެވެ.
advertisment
ހިޔާލު