ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ގޮންޖެހުންތަކާއި، ގައުމީ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، "ސެކިއުރިޓީ ރައުންޑްޓޭބަލް 2026″ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިއްޔެ ބާއްވައިފިއެވެ.
މި ބައްދަލުވުން އިފްތިތާހުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ. މިއީ އެމްއެންޔޫގެ ސްކޫލް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ ) ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ.
ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ދެއްކެވި ވާހަކަފުޅުގައި، ސަލާމަތީ ދާއިރާގެ ދިރާސާތައް ކުރިއެރުވުމަށާއި އެ ދާއިރާގެ އެކަޑެމިކް ޕްރޮގްރާމްތައް ހަރުދަނާކުރުމުގައި ސްކޫލް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒްގެ މުހިންމު ދައުރެއް އޮތްކަން ފާހަގަކުރެއްވިއެވެ. އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިވުމާއި، ފަންނީ ތަރައްގީ އަދި ސަރަހައްދީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް އެ ސްކޫލުން މަގުފަހިކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމްއެންޔޫ އާއި ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، މިފަދަ ބައްދަލުވުންތަކަކީ އެ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެއްކަން ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ރިސާޗް ފެލޯއިން ޔުނިވަރސިޓީގެ ސެކިއުރިޓީ ސްޓަޑީޒް ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ، އިލްމީ މުއައްސަސާތަކާއި ފަންނީ މުއައްސަސާތަކުގެ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނެޝަނަލް ޑްރަގް އެޖެންސީގެ އިތުރުން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
މި ސެމިނާގެ ސަބަބުން ބައިވެރިންގެ މެދުގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށާއި، އަލަށް ކުރިމަތިވަމުންދާ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތު ހުޅުވިގެން ދިޔަ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި ފުރިހަމަ ސިޔާސަތުތައް އެކުލަވައިލުމަށާއި، ބަދަލުވަމުންދާ ސަލާމަތީ ހާލަތްތަކަށް ރާއްޖެއިން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ތައުލީމީ ދާއިރާއާއި ގައުމީ މުއައްސަސާތަކުގެ ގުޅުން ވަރުގަދަކުރުމުގެ މުހިންމުކަން މި މަޝްވަރާތަކުގައި ބަޔާންކޮށްފައިވެއެވެ.

ސެކިއުރިޓީ ރައުންޑްޓޭބަލް ފަދަ އިސްނެގުންތަކުގެ ޒަރީއާއިން، ގައުމީ އަދި ސަރަހައްދީ ފެންވަރުގައި މުހިންމު ދާއިރާތަކުން ދިރާސާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ފަންނީ ތަރައްގީ ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އަދާކުރާ ދައުރު ފުޅާކުރަމުންދާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އަދި އެމްއެންޔޫއިން ބުނެފައވާ ގޮތުގައި، ސެކިއުރިޓީ ރައުންޑްޓޭބަލް 2026 އަކީ ތައުލީމާއި، ދިރާސާ އަދި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެ ޔުނިވަރސިޓީން ދޭ ސަމާލުކަން ހާމަކޮށްދެއެވެ. ސަލާމަތީ އަދި އިސްތިރާޖީ ދިރާސާތަކުގެ ދާއިރާއިން ފެންވަރު ރަނގަޅު ތައުލީމާއި ފަންނީ ތަމްރީނު ފޯރުކޮށްދިނުމުގެ ސަބަބުން، މި ހަރަކާތަކީ ދެމެހެއްޓެނިވި ތަރައްގީގެ 4 ވަނަ ލަނޑުދަނޑި ކަމަށްވާ "ފެންވަރު ރަނގަޅު ތައުލީމު" ހާސިލުކުރުމަށް ބާރުއަޅައެވެ. ހަމައެހެންމެ، ގައުމީ ސަލާމަތާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި މަޝްވަރާ އާއި މުއައްސަސާގެ ގާބިލުކަން އިތުރުކޮށް، ގުޅުން ބަދަހިކުރުމުގެ ތެރެއިން 16 ވަނަ ލަނޑުދަނޑި ކަމަށްވާ "ސުލްހަ، އިންސާފު އަދި ހަރުދަނާ މުއައްސަސާތައް" ބިނާކުރުމަށް އެހީތެރިވެދެއެވެ.

ގައުމީ ޔުނިވަރސިޓީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މެދުގައި އޮންނަ މި ގުޅުމުގެ ސަބަބުން 17 ވަނަ ލަނޑުދަނޑި ކަމަށްވާ "ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބަދަހިކުރާ ގުޅުންތައް" ކުރިއެރުވުމަށް މަގުފަހިވާ ކަމަށާއި މިފަދަ ގުޅިފައިވާ މަސައްކަތްތަކުގެ ތެރެއިން، ތައުލީމީ ދާއިރާ އާއި ގައުމީ މުއައްސަސާތަކާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރަމުންދާކަން ވެސް އެމްއެންޔޫއިން ފާހަގަކުރެއެވެ.
ގައުމީ ޔުނިވަރސިޓީން ބުނެފައިވަނީ، މިއީ ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމަށާއި، މުއައްސަސާތައް ހަރުދަނާކުރުމަށާއި، އަދި ގައުމުގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށެވެ.
advertisment
ހިޔާލު