ޑރ. ހަސަން ހަމީދު އެކުލަވައިލެއްވި "އިނގިރޭސި-ދިވެހި ބަސްފޮތް" ރައީސް މައުމޫން ނެރެދެއްވައިފި

ޑރ. ހަސަން ހަމީދު އެކުލަވައިލެއްވި "އިނގިރޭސި-ދިވެހި ބަސްފޮތް" ރައީސް މައުމޫން ނެރެދެއްވަނީ- ފޮޓޯ: މައުމޫން ފައުންޑޭޝަން

ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އެކުލަވައިލެއްވި "އިނގިރޭސި-ދިވެހި ބަސްފޮތް" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެރެދެއްވައިފިއެވެ.

މި ފޮތް ނެރުމަށް ޚާއްޞަ ރަސްމިއްޔާތެއް އިއްޔެ ހަވީރު ވަނީ ޤައުމީ ޔުނިވަރސިޓީގައި ބާއްވާފައެވެ.

ޑރ. ހަސަން އެލުލަވާލި އިނގިރޭސި-ދިވެހި ބަސްފޮތުގައި 1992 ސަފުހާ ހިމެނެއެވެ. 120،000 އިނގިރޭސި ލަފުޒުގެ ދިވެހި މާނަ ހިމަނާފައިވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ނެރުނު އެންމެ ބޯފޮތެވެ.

ފޮތް ނެރެދެއްވައި، ރައީސް މައުމޫނު ވިދާޅުވީ، ޑރ. ހަސަން ހަމީދަކީ ހަޤީޤީ މާނައިގައި އިލްމުވެރިއެއް ކަމަށެވެ.

ގައުމު ބިނާކުރުމާއި ހަޟާރަތެއް ބިނާކުރަން އިލްމް ފެތުރުމަށް ބަސްފޮތުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ، ބަސްފޮތެއް އެކުލަވައިލުމަކީ ކުޑަ ދުވަސްކޮޅަކުން ނުވަތަ އަހަރަކުން ދެ އަހަރަކުން ވާނޭ ކަމެއް ނޫން ކަމަށާއި، އެއީ އިންތިހާއަށް ކަވި އަދި ބުރަ މަސައްކަތެއްކަން ކަމަށާއި ޑރ. ހަސަން ދޫކުރެއްވި އަގުބޮޑު ހަޒާނާއެއް ކަމަށެވެ.

"ޑރ. ޙަސަން ޙަމީދަކީ ހަމައެކަނި ނަމެއްގައި ޑޮކްޓަރެއް ނޫން. އެއީ އަމަލީ ގޮތުން ބޮޑެތި ޢިލްމީ މަސައްކަތްތައް ކުރައްވާ ހަޤީޤީ ޢިލްމުވެރިއެއް" އިއްޔެ ހަވީރު ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

2005 ވަނަ އަހަރު ޑރ. ހަސަން ކުރައްވަން ފެއްޓެވި މަސައްކަތް އާންމުންނާ ހަމައަށް ފޮތެއްގެ ސިފައިގައި ލިބުނުއިރު، އެ ފޮތުގައި، އިނގިރޭސި ލަފުޒުތައް ތާނައިން ކިޔާނެ ގޮތާއި، ލަފުޒުގެ މާނައާއި ބޭނުންކުރާ ގޮތުގެ އިތުރުން މަޖާޒީ މާނަތައް ވެސް ގެނެސްދީފައިވެއެވެ.

މި ފޮތުގެ ހުރިހާ މަސައްކަތެއް ކުރެއްވީ ޑރ. ހަސަން އަމިއްލައަށެވެ. އެއީ ލިޔުއްވައި ޓައިޕްކުރުމާއި، ލޭއައުޓް ހެދުމާއި، ބޭރުގަނޑު ފަރުމާކުރުމުގެ އިތުރުން ފޮތުގެ އެއްބައި ޕްރޫފް ބެއްލެވުމެވެ. ފޮތުގެ އަނެއްބައި ޕްރޫފް ބެއްލެވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު އަލީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *