ދިރާސާ ވިސްނުން ފުޅާކޮށް، ގައުމީ ތަރައްގީއަށާއި މުޖުތަމައުގެ ކުރިއެރުމަށް ބޭނުންވާ އިލްމީ ހައްލުތައް ހޯދުމުގެ މަގުސަދުގައި ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ދަރިވަރުންނަށް "ޕޯސްޓްގްރެޖުއޭޓް ރިސާޗް ސިމްޕޯޒިއަމް 2026″ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މަތީ ތައުލީމުގެ ދާއިރާގައި ދިރާސާކުރުމުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި ބޭއްވި މި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އޮނަރަބަލް ޑރ. ޢަބްދުﷲ ނަޒީރެވެ.
ރަސްމިއްޔާތު ފައްޓަވައިދެއްވަމުން ވިލާ ކޮލެޖުގެ ސެންޓަރ ފޯރ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީން ޑރ. އިބްރާހީމް ލަޠީފް ދެއްކެވި ވާހަކަފުޅުގައި، ދިރާސާތަކަކީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޑރ. ލަޠީފް ވިދާޅުވީ "ދިރާސާތަކަކީ ހަމައެކަނި ތީސިސްއަކަށް، ރިޕޯޓަކަށް ނުވަތަ ކްލާސްރޫމަކަށް އެކަނި ހަނިވެފައި އޮންނަންޖެހޭ އެއްޗެއް ނޫން ކަމަށާއި، އޭގެ ހަގީގީ އަގު ވަޒަންކުރެވެނީ އިލްމީ ގޮތުން މުއްސަނދިވެ، ސިޔާސަތުތަކަށާއި ޕްރޮފެޝަނަލް ދާއިރާތަކަށް މައުލޫމާތު ފޯރުކޮށްދީ، އަޅުގަނޑުމެންގެ މުޖުތަމައަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދިރިއުޅުން އިތުރަށް ރަނގަޅުކުރުމަށް އެހީތެރިވެދޭ ހިނދުގައި" ކަމަށެވެ. މީގެ އިތުރުން ދަރިވަރުންގެ ދިރާސާ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގެ ޖާނަލްތަކުގައި ޝާއިއުކުރުމަށް މަގުފަހިވާނޭހެން ގެނެވުނު ބަދަލުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ޝަރަފުވެރި މެހެމާން ސްޓޭޓް މިނިސްޓަރ އޮނަރަބަލް ޑރ. ޢަބްދުﷲ ނަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ތަރައްގީކުރުމުގައި ވިލާ ކޮލެޖުން ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކަށް ތައުރީފުކުރެއްވިއެވެ. އެގޮތުން ޑރ. ނަޒީރު ވިދާޅުވީ ވިލާ ކޮލެޖުން ވަނީ ދިވެހިރާއްޖޭގެ މަތީ ތައުލީމު ތަރައްގީކުރުމުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދީފައި ކަމަށާއި، އެ ކޮލެޖުން ހޯދަމުންދާ ކާމިޔާބީތަކަކީ ހަމައެކަނި ވިލާ ކޮލެޖަށް ލިބޭ ޝަރަފެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާއަށްވެސް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ވިލާ ކޮލެޖުގެ މުސްތަގުބަލަށް އަލިއަޅުއްވާލައްވަމުން ޑރ. ނަޒީރު އިތުރަށް ވިދާޅުވީ ވިލާ ކޮލެޖު ކުރިމަގުގައި މުއައްސަސާއެއްގެ ގޮތުން ދެން އޮތް މަރުހަލާއަށް ކުރިއަރައިގެން ދިއުމަކީ އެބޭފުޅާގެ ހުވަފެނެއް ކަމަށެވެ. އަދި ކޮލެޖުގެ ކުރިއެރުމާއި، އިލްމީ ގާބިލުކަމާއި، ދިރާސީ ސަގާފަތް، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާ އިރު، މަތީ ދަރަޖައެއްގައި ގައުމަށް މިއަށްވުރެވެސް ބޮޑު ޚިދުމަތްތަކެއް ކުރުމުގެ ފުރިހަމަ ގާބިލުކަން ވިލާ ކޮލެޖުގައި އެބަހުރި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސިމްޕޯޒިއަމްގެ ތެރެއިން މުހިންމު ދެ ދާއިރާއަކުން ޕެނަލް މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. ފުރަތަމަ ޕެނަލްގައި ފެކަލްޓީ އޮފް އެޑިޔުކޭޝަނަލް ސްޓަޑީޒްގެ ފަރާތުން އަލިއަޅުއްވާލެއްވީ ދަރިވަރުން ސްކޫލަށް ހާޒިރުނުވުމާއި ކިޔެވުމާ ދުރުހެލިވާ ސަބަބުތަކާއި އެކަމަށް ސްކޫލް މާހައުލުން ގެނެވިދާނެ އަމަލީ ހައްލުތަކުގެ މައްޗަށެވެ. މި މަޝްވަރާގައި، ކުދިން ގަވާއިދުން ސްކޫލަށް ނައުމަކީ ހަމައެކަނި ދަރިވަރުގެ ފަރުވާކުޑަކަން ނޫން ކަމަށާއި، އޭގެ ފަހަތުގައި ކްލާސްރޫމްގެ މާހައުލާއި، އިމްތިހާނުތަކުގެ ޕްރެޝަރާއި، ބުލީކުރުމާއި، ދަތުރުފަތުރާއި އާއިލީ ދަތިތައް އެކުލެވޭކަން ފާހަގަކުރެވުނެވެ. އަދި ދަރިވަރުންނަށް ސްކޫލަކީ އެކުދިން ބަލައިގަންނަ ރައްކާތެރި މާހައުލަކަށް ހެދުމަށާއި، ދަރިވަރުންގެ މެދުގައި އެކުވެރިކަން އިތުރުކުރުމަށް އިސްކަންދިނުމަށް ބާރުއެޅިއެވެ.
ދެވަނަ ޕެނަލްގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ފަރާތުން އަލިއަޅުވާލެއްވީ ސިއްހީ ޚިދުމަތްތެރިންގެ ދުޅަހެޔޮކަމާއި އެކަމުގައި ފޮރުވިފައިވާ ގޮންޖެހުންތަކުގެ މައްޗަށެވެ. އެގޮތުން ނަރުހުންނަށް ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ވަރުބަލިކަމާއި، ބުރަކަށީގެ ރިހުމާއި، މަސްތަކާއި ކަށިތަކުގެ މައްސަލަތަކާއި، ޝިފްޓް ޑިއުޓީތަކުގެ ސަބަބުން ނިންޖަށް ބުރޫއެރުމާއި، ބޭސް ދިނުމުގައި ދިމާވާ ރައްކާތެރިކަމުގެ މައްސަލަތަކާ ގުޅޭގޮތުން ހެދިފައިވާ ފުޅާ ދިރާސާތަކަށް ބަލައި މަޝްވަރާކުރެވުނެވެ. މި ޕެނަލުން ފާހަގަކުރި ގޮތުގައި، ނަރުހުންގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ހަމައެކަނި އެމީހުންގެ އަމިއްލަ ޒިންމާއެއް ނޫން ކަމަށާއި، މުއައްސަސާތަކުގެ މަސައްކަތުގެ މާހައުލާއި ޑިއުޓީ ޝެޑިއުލްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ބަލިމީހުންގެ ފުރާނައިގެ ރައްކާތެރިކަމާވެސް ސީދާ ގުޅިފައިވާ ކަމެކެވެ.
މި ސިމްޕޯޒިއަމްގައި ތައުލީމީ، ސިއްހީ، ވިޔަފާރި އަދި މެނޭޖްމަންޓް ދާއިރާތަކުން ފަސްދޮޅަހަށްވުރެ ގިނަ ދިރާސީ ޕޯސްޓަރާއި އިލްމީ ކަރުދާސްތައް ދަރިވަރުން ވަނީ ހުށަހަޅާފައެވެ. މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ޕްރެޒެންޓޭޝަންގެ އެވޯޑް ހާސިލުކުރެއްވީ މާސްޓަރ އޮފް ޕަބްލިކް ހެލްތު ޕްރޮގްރާމްގެ ދަރިވަރު ޑރ. އަންގކަން އިޝްތީ ޗައުދުރީއެވެ. ޑރ. އަންގކަން ހުށަހެޅުއްވީ އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މަސައްކަތުގެ މާހައުލާއި، ނަފްސާނީ އަދި އިޖުތިމާއީ ގޮންޖެހުންތަކާއި، ސިއްހީ ފަރުވާ ހޯދުމުގެ އާދަތަކާ ގުޅޭ ދިރާސާއެކެވެ. އަދި އެންމެ މޮޅު ޕޯސްޓަރުގެ އެވޯޑް ހާސިލުކުރެއްވީ މާސްޓަރ އޮފް އެޑިޔުކޭޝަން އިން ޓީޗިންގ ޕްރޮގްރާމްގެ ދަރިވަރު ފާޠިމަތު ޒުހާ ޙަމްދޫނެވެ. އޭނާގެ ދިރާސާ ޚާއްޞަކޮށްފައިވަނީ އާންމު ކްލާސްރޫމްތަކުގައި އެންމެން ޝާމިލުކޮށްގެން ކިޔަވައިދިނުމުގައި މުދައްރިސުންގެ ވިސްނުމާއި ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށެވެ.
ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢަލީ ނަޖީބް ދެއްވި ކީނޯޓްގައި، ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ކިބައިގައި ދިރާސާވެރިއެއްގެ ވިސްނުން އަށަގަންނުވައި، ދިރާސީ ޝަޚްސިއްޔަތެއް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ޑރ. ނަޖީބް ވިދާޅުވީ ޕޯސްޓްގްރެޖުއޭޓް ޑިޒަރޓޭޝަނަކީ ހަމައެކަނި ކިޔެވުމުގެ ޝަރުތެއް ފުރިހަމަކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އޭގެ ބޭނުމަކީ ދިރާސާވެރިއެއްގެ ގޮތުގައި ވިސްނަން ދަސްވެ، ދިރާސާވެރިއެއްގެ ޝަޚްސިއްޔަތު ބިނާކުރުން ކަމަށެވެ. އަދި އެންމެ ރަނގަޅު މެތޮޑޮލޮޖީއަކީ ތިމާގެ ދިރާސާގެ ސުވާލުތަކަށާއި މައްސަލައަށް އެންމެ އެކަށޭނަ މެތޮޑޮލޮޖީކަމަށާއި، ކޮންމެ ދިރާސާއަކުންވެސް މުޖުތަމައަށާއި ސިޔާސަތުތަކަށް ގެނެވޭނެ ހެޔޮ ބަދަލުތައް ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ކުރިމަގުގައި ކޮންމެ އަހަރަކުވެސް މިފަދަ ދެތިން ސިމްޕޯޒިއަމް ބާއްވައި، އެންމެ މޮޅު ޑިޒަރޓޭޝަންތަކަށް ޚާއްޞަ އެވޯޑްތައް ތައާރަފުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު އިއުލާނުކުރެއްވިއެވެ.
advertisment
ހިޔާލު