ޤައުމީ ޓީމަށް ހިތްވަރު ދޭން ސްކޫލްތަކުން ނުކުމެއްޖެ

އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން ޖާގަ ހޯދަން އިންޑިޔާއާ ދެކޮޅަށް މިރޭ ރާއްޖެ ނުކުނައިރު، ޤައުމީ ޓީމަށް ތަރުހީބު ދިނުމުގެ ގޮތުން ހަރަކާތްތަކެއް ސްކޫލްތަކުން ފަށައިފިއެވެ. ސްކޫލްތަކުން ކުރިއަށް ގެންދާ ހަރަކާތުން ދައްކުވައިދެނީ ސްކޫލްދަރިވަރުންނާއި މުދައްރިސުންނާއި ސްޓާފުންނާއި ބެލެނިވެރިން ތިބީ 12 ގައުމީޓީމުގެ ފަހަތުގައި ކަމެވެ.

މުބާރާތުގެ ފޯރި ގަދަވަމުން އަންނައިރު، ސްކޫލްތަކުން ދަނީ ގައުމީ ޓީމުގެ ޖާރޒީ ރަމްޒުވާނޭހެން ގައުމީ ރަތް ކުލައިގެން ޓީޝާޓްލައިގެން ނަގާފައިވާ ފޯޓޯތަކާއެކު ގައުމީޓީމަށް ހިތްވަރު ދެމުންނެވެ. އަދި ދިވެހި ދިދަ ވިހުރުވަމުންނެވެ.

ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް މުޅި މުބާރާތުގައިވެސް ވަރަށް ފަޚްރުވެރި ކާމިޔާބީއަކަށް އެދެމުން އައްޑީ ސިޓީ ހިތަދޫ ސްކޫލުން މިއަދު އެ ސްކޫލްގައި ފޭސްބުކުގައި ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ، އެސްކޫލްގެ ކުރީގެ ދަރިވަރު ހަސަން ރާއިފު އަހުމަދު (ހަންނަ) ޤައުމީ ޓިމުގައި ހިމެނުމަކީ ސްކޫލަށް ލިބިގެންދާ އިތުރު ޝަރަފެއް ކަމަށެވެ.  މުޅި ޤައުމީ ޓީމުންވެސް މިއަދުގެ މެޗުގައި މޮޅުކުޅުމެއް ދައްކައި މޮޅުވުން އެއީ އެ ސުކޫލްގެ ދުޢާ ކަމަށެވެ.

" ލ.އަތޮޅު ތައުލީމީމަރުކަޒްގެ މުވައްޒަފުން ޤައުމީ ޖޯޝާއި ފޯރީގައި، ޤައުމީޓީމާއެކު! ޤައުމީޓީމް މިރޭ އިންޑިއާ އާއި ބައްދަލުކުރާ މެޗުން ވަރަށްވެސް ފުރިހަމަ ކާމިޔާބީއަކަށް އެދެން. އިރާދަ ކުރެއްވިއްޔާ ސާފް ޗެމްޕިއަންޝިޕްގެ މިފަހަރުގެ ތަށްޓަކީ ދިވެހިންގެ ތަށްޓަކަށް ވެގެންދާނެ" ލ.އަތޮޅު ތައުލީމީމަރުކަޒްގެ މުވައްޒަފުން ރަތްކުލައިގެ ޖޯރޒީލައިގެން ތިބެ ގައުމީޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ޕޯސްޓެއްގައި އެ ސްކޫލުން ބުނެފައިވެއެވެ.

ގައުމީ ޓީމަށް ހިތްވަރު ދިނުމުގައި އަތޮޅުތެރޭގެ ސްކޫލެއް މާލޭގެ ސްކޫލެއް ތަފާތެއް ނެތެވެ. ހުރިހާ ސްކޫލަކުން ދަނީ ޤައުމީ ޓީމާއެކުގައިވާކަން އަމަލާ ބަހުން ސާބިތުކޮށް ދެމުންނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މި ރޭ ރާއްޖެ ކުޅޭ މެޗް ފަށާނީ 9 ޖަހާއިރުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *