މަތީ އަރުތަވެރިންގެ އިނާމު ދިނުމުގައި ޤުރްއާން މާއްދާގެ އިމްތިޙާނުން ދަރިވަރަށް ލިބޭ ނަތީޖާ ހިމަނާނެ
ސެކަންޑްރީ ސްކޫލް ސެޓިފިކެޓް (އެސްއެސްސީ) ފެންވަރުގައި ޤުރްއާން މާއްދާގެ އިމްތިޙާނު ޕައިލެޓް ކުރުމުގެ ގޮތުން މިއަހަރު 10 ސްކޫލެއްގައި ކުރިއަށް ގެންދަން ކަނޑައަޅައި، އަންނަ އަހަރު ހުރިހާ ސްކޫލެއްގައި އެ އިމްތިޙާނު ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި އަހަރު ޕައިލެޓްކުރާ އިމްތިޙާނު ބާއްވާނީ ދެވަނަ ޓާމުގެ އިމްތިޙާނު ނިމި، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާއެވެ. އެ މަރުހލާއަށް ސްކޫލްތައް ހޮވާފައިވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުންނެވެ. އޭގެތެރޭގައި މާލެ ހިމެނޭ ސަރަޙައްދުގެ ދެ ސްކޫލް ހިމެނެއެވެ.
ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތީހާނު ބާއްވާނެ ގޮތުގެ އުޞޫލު އެކުލަވާލާއި ތައުލީމާ ބެހޭ ވުޒާރާއިން ވަނީ އެކަމާ ގުޅުން ހުރި ސާލިއުލާއަކާއި އުޞޫލު ސްކޫލްތަކަށް ޖުލައި މަހުގެ 22 ވަނަ ދުވަހު ފޮނުވާފައެވެ.
ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތީހާނު ބާއްވާނެ ގޮތުގެ އުޞޫލުގައި ބުނެފައިވާ ގޮތުން ސާނަވީ މަރުހަލާ ނިންމާ ކޮންމެ ދަރިވަރަކަށް ވެސް ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މިންވަރު ހާސިލުވާކަން ކަށަވަރު ކުރުމަށް، ދަރިވަރުގެ ފެންވަރު ވަޒަންކުރަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެސްއެސްސީ ޤުރްއާން މާއްދާގެ އިމްތިހާނު ޕައިލެޓް ކުރުމަށް ކަނޑައަޅާފައިވާ ސްކޫލުތަކުން އެ އުޞޫލާ އެއްގޮތަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހާ ކަންކަން އިމްތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ސާކިއުލާގައި އެދިފައިވެއެވެ.
ތައުލީމީ ވުޒާރާއިން ބުނެފައިވަނީ، ޤުރްއާން މާއްދާ އުނގަންނައިދިނުމުގެ ތަޞައްވުރަކީ، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ލިބެނިބި ފަރުދަކު ބިނާކުރުމެވެ. އިމްތިޙާނު ކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ، ގުރޭޑް 10 ނިންމާ ދަރިވަރުންނަކީ ޤުރްއާން މާއްދާ އުނގެނުމުގައި ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މިންވަރު ޙާޞިލުކޮށްފައިވާ ދަރިވަރުންކަން ވަޒަންކޮށް ކަށަވަރު ކުރުމެވެ. މިގޮތުން، ގުރޭޑް 10 ނިންމާ ކޮންމެ ދަރިވަރަކީ ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން އެނގޭ ދަރިވަރެއްކަން ޔަޤީންކުރުމާއި އެކަނި ނަމާދުކުރާ ހާލަތްތަކުގައި ކުށް ނުޖެހި ރަނގަޅަށް ޤުރްއާން ކިޔަވަން ފަރިތަ ދަރިވަރުން އުފެއްދުމާއި ދަރިވަރުންގެ ހިތްތަކުގައި ކީރތި ޤުރްއާނުން މިންވަރެއް ރައްކާތެރިކުރުމާއި މާތް ﷲގެ ފޮތަށް ލޯބިޖެހި ދުނިޔެއައި އާޚިރަތް ހެޔޮ ގޮތުގައި ހޯދުމަށް މަސައްކަތްކުރުވުމެވެ.
ޤުރްއާން އިމްތިޙާނު ކުރިއަށް ގެންދަނީ ކިޔެވުމުގެ ބަޔާއި އިމްތިޙާނު ކަރުދާހުގައިދޭ ބައެކެވެ. ކިޔެވުމުގެ ބައިގައި ކުރިއަށް ގެންދަނީ ބަލައިގެން ކިޔުމާއި ނުބަލައި ކިޔުމެވެ. އިމްތިޙާނު ކަރުދާސް ބަހާލާފައި ވނީ ދެބަޔަކަށެވެ. އެއީ އުލޫމުލް ޤުރްއާނާއި ތަޖުވީދުގެ ބައެވެ.
ބަލައިގެން ކިޔުމާއި ނުބަލައި ކިޔުމުގެ ބައި ކުރިއަށް ގެންދަން ކަނޑައަޅާފައި ވަނީ އެސްއެސްސީ އިމްތީޙާނު ފެށުމުގެ އެއް ހަފުތާކުރިންނެވެ.
އުޞޫލުގައި ބުނެފައިވާ ގޮތުން، މި އިމްތިޙާނުގައި މާސްކްދޭ ގޮތަށް ބަލާއިރު، 50 އިންސައްތަ ކަނޑައަޅާފައި ވަނީ ބަލައިގެން ކިޔެވުމަށެވެ. 25 އިންސައްތަ ނުބަލައި ކިޔެވުމަށް އުލޫމުލް ޤުރްއާނަށް 10 އިންސައްތަ ތަޖުވީދަށް 15 އިންސައްތަ ކަނޑައަޅާފައިވެއެވެ.
ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުން އިމްތީޙާނު ކުރިއަށް ގެންދާނެ ގޮތް ވެސް އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ.
ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތީހާނު ބާއްވާނެ ގޮތުގެ އުޞޫލުގައި ބުނެފައިވާ ގޮތުގައި، އެ އިމްތިޙާނު ފާސްވާ ދަރިވަރުންނަށް އެސްއެސްސ އިމްތިޙާނު ސަނަދު ދޭނެ ކަމަށާއި އެއީ ޤައުމީ ފެންވަރުގެ ސަނަދެކެވެ. އިމްތިޙާނުގެ ނަތީޖާ ބަލާނީ ފާސް/ފޭލް މިންގަނޑުންނެވެ. އެ މިންގަނޑު ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ކަނޑައަޅާ ތްރެޝްހޯލްޑްގެ މައްޗަށް ބިނާކޮށެވެ.
ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގައި ޤުރްއާން މާއްދާގެ އިމްތިޙާނުން ދަރިވަރަށް ލިބޭ ނަތީޖާ ހިމެނޭނެ ކަމަށެވެ.
ޤުރްއާން މާއްދާ އިން އެސްއެސްސީ އިމްތީހާނު ބާއްވާނެ ގޮތުގެ އުޞޫލަށް ހުރިހާ ސްކޫލުތަކުން އަމަލުކުރަން ފަށާނީ އަންނަ ދިރާސީ އަހަރުން ފެށިގެންނެވެ. މި އަހަރު މި އިމްތިޙާނު ޕައިލެޓް މަރުހަލާގައި ވެސް އަމަލު ކުރާނީ މި އުޞޫލަށް ކަމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ.
advertisment
ހިޔާލު