ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ދޭ "ޕާޓާ ފޭސް އޮފް ދަ ފިއުޗަރ 2026″ އެވޯޑުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ އަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފައިވާ ހަތަރު ޒުވާނެއްގެ އަގު ވަޒަން ކުރިއިރު އޭގެ ތެރޭގައި ރާއްޖޭގެ ދަރިވަރަކު ހިމެނިއްޖެއެވެ.
މެލޭޝިޔާގެ ޓޭލާސް ޔުނިވާސިޓީގައި އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް ކިޔެވަމުންދާ ރާއްޖޭގެ އަބްދުﷲ އިޔާން އަހްމަދަށް ދިނީ "ސްޕެޝަލް ރިކޮގްނިޝަން ފޯ ސްޓޫޑަންޓް އެކްސެލެންސް" އެވޯޑެވެ. އޭނާ އަކީ، ޕާޓާ މެލޭޝިޔާ ޓެއިލަރސް ސްޓޫޑަންޓް ޗެޕްޓަރުގެ ކުރީގެ ރައީސެވެ. އިޔާންއަށް މި އެވޯޑް ދިނީ، ޒުވާނުންގެ ސިމްޕޯޒިއަމްތައް އިންތިޒާމު ކުރުމުގައި އޭނާ ދެއްކި ލީޑަރޝިޕާއި، ދެމެހެއްޓެނިވި ތަރައްޤީ އާއި ފަންނީ ކުރިއެރުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.
އަޔާންގެ އިތުރުން ދެން އެވޯޑް ލިބުނު ޒުވާނުންނަކީ،
- އަލެވްޓީނާ ބޮރޮޑުލީނާ، ލީޑް ހެރިޓޭޖް ކޮންސަލްޓަންޓް، އެކުއަމެރިން ޕްރޮޖެކްޓްސް
- އޮރަވަން ޑިންސޯ، ޓީމް ލީޑަރ ޓްރެވަލްޕްލޭން (ލެޓިން މާކެޓްސް)، އޭޝިއަން ޓްރެއިލްސް
- އުޔަންގާ ގަލްބަދްރަކް، ކޯ-ފައުންޑަރ އަދި ސީއީއޯ، ވައިލްޑް މޮންގޯލިއާ
ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ދޭ "ޕާޓާ ފޭސް އޮފް ދަ ފިއުޗަރ 2026″ އެވޯޑަށް މި އަހަރު ގިނަ އަދަދެއްގެ ފަރާތުން ކުރިމަތިލިއެވެ. ގްރޭންޑް ވިނަރގެ ގޮތުގައި ހޮވީ، މައިސް ބޫޓާންގެ ސީއީއޯ ލިޒަމް ދޯޖީއެވެ.
2002ވަނަ އަހަރުން ފެށިގެން ދެމުން އަންނަ "ޕާޓާ ފޭސް އޮފް ދަ ފިއުޗަރ" އެވޯޑަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ޒުވާން ލީޑަރުންނަށް އެ ޖަމިއްޔާ އިން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދައްކައިދޭ ލީޑަރޝިޕާއި، ކޮށްފައިވާ މަސައްކަތްތަކާއި އެ ސިނާއަތަށް އީޖާދީ، ޒިންމާދާރު އަދި މާނަހުރި މުސްތަޤުބަލެއް ބިނާކުރުމަށް އައު ޖީލުގެ ފަންނުވެރިންގެ ކިބައިގައި ހުރި ޤާބިލުކަމަށް ބަލައި ޕާޓާ ދޭ އެވޯޑެކެވެ.
advertisment
ހިޔާލު