ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން ދޭ ސްކޮލަރޝިޕް ތިން ދާއިރާއަކުން 88 ދަރިވަރުންނަށް މި އަހަރު ދީފިއެވެ.
ސްކޮލަރޝިޕްތައް ހަވާލުކުރުމަށް ޚާއްޞަ ރަސްމިއްޔާތު ބޭއްވީ އިއްޔެ ހަވީރު އެ ސްކޫލުގައެވެ.
މި އަހަރު، "ޤާސިމް އިބްރާހީމް ސްކޮލަރޝިޕް ފޯ އެކްސެލެންސް' 14 ދަރިވަރަކަށް ލިބުނެއެވެ. ތައުލީމީ ގޮތުން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ މި ޝަރަފުވެރި ސްކޮލަރޝިޕްގެ ދަށުން، އެ ދަރިވަރުންނަށް ވީއައިއެޗްއެސްގައި އެއްވެސް ފީއަކާ ނުލައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން "ބްރިލިއަންޓް ސްޓޫޑެންޓްސް ސްކޮލަރޝިޕް" 52 ދަރިވަރަކަށް ވަނީ ދީފައެވެ. މި ކެޓަގަރީގެ ދަށުން، ކޮންމެ ދަރިވަރަކަށް ލިބިފައިވާ ސްކޮލަރޝިޕްގެ މިންވަރަށް ބަލައި، މަހު ފީން 500 ރުފިޔާއާއި 1,000 ރުފިޔާއާ ދެމެދުގެ އަދަދެއް އުނިކޮށްދޭނެއެވެ.
ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ 22 ދަރިވަރަކަށް "ވީއައިއެޗްއެސް ސްޕޯޓްސް ސްކޮލަރޝިޕް" ވަނީ ހަވާލުކޮށްފައެވެ. މި ސްކޮލަރޝިޕް ލިބުނު ކޮންމެ ދަރިވަރަކަށް މަހު ފީން 500 ރުފިޔާ އުނިކޮށްދޭނެއެވެ.

ވީއައިއެޗްއެސްގެ މި ސްކޮލަރޝިޕް ޕްރޮގްރާމްތަކަކީ ހުނަރުވެރި އަދި މޮޅު ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މިގޮތުން އަހަރަކު ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ސްކޮލަރޝިޕްތަކަށް ހޭދަކުރާއިރު، ދެ އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 2.6 މިލިއަން ރުފިޔާ މިކަމަށް އިންވެސްޓް ކުރެވޭނެއެވެ.
މި އިސްނެގުމަކީ ތައުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ދަރިވަރުންގެ މޮޅު ނަތީޖާތަކުގެ އަގުވަޒަންކޮށް، އެކުދިންގެ ފުރިހަމަ ޤާބިލިއްޔަތަށް ވާޞިލުވުމަށް ހިތްވަރު ދިނުމަށް ވީއައިއެޗްއެސްއިން ކުރާ މަސައްކަތެކެވެ. ތައުލީމީ އަދި ކުޅިވަރުގެ ސްކޮލަރޝިޕްތަކުގެ މަޤްޞަދަކީ މާލީ ހުރަސްތައް ކުޑަކޮށްދީ، ދަރިވަރުން އިތުރު ކާމިޔާބީތަކަށް މަސައްކަތްކުރުމަށް ބާރުއެޅުމެވެ.
advertisment
ހިޔާލު