ދަރުމަވަންތަ ސްކޫލުގައި އެންމެ ޒަމާނީ ހޯލެއް އަޅަން، މާލޭގެ ޖަލު ހިންގި އިމާރާތް ތަޅާލަން ފަށައިފި

ދަރުމަވަންތަ ސްކޫލުގައި އެންމެ ޒަމާނީ ފެންވަރުގެ ހޯލެއް އަޅަން، މާލޭގެ ޖަލު ހިންގި އިމާރާތް ތަޅާލަން ފަށައިފިއެވެ.

ދަރުމަވަންތަ ސްކޫލުގެ ހޯލު އިމާރާތްކުރަން ކުރިން ވެސް ނިންމާފައި ވަނީ އެ ސްކޫލާ ޖެހިގެން އޮތް މާލޭ ޖަލު ހުރި ބިމުގައެވެ. މާލޭ ޖަލު ހުސްނުކުރެވުމުގެ ސަބަބުން ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގައި ކިޔަވައިދޭން ފެށިތާ ތިން އަހަރުވި އިރުވެސް ހޯލު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވެއެވެ.

މާލެ ޖަލު ތަޅާލުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ބަޔަކާ ހަވާލުކޮށްގެން ކުރަމުންނެވެ.

ޕީއެސްއެމްނިވްސްއަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ، ދަރުމަވަންތަ ސްކޫލުގައި އިމާރާތް ކުރާ ހޯލަކީ މާލޭގައި ހުންނާނެ އެންމެ ޒަމާނީ އެއް ހޯލަށް ވާނެކަމަށެވެ. އަދި އެ ހޯލު ތަރައްޤީ ކުރަނީ ތަފާތު ބޭނުންތަކަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ.

ދަރުމަވަންތަ ސްކޫލުގައި ހޯލެއް ނެތުމުން އެ ސްކޫލުގައި ބާއްވާ މުހިންމު ހަރަކާތްތައް ކުރިއަށް ގެންދަނީ އެ ސްކޫލުގެ ގޯތިތެރޭގައި އަޅާފައި އޮތް ޓާފުދަނޑުގައެވެ.

1700 އެއްހާ ދަރިވަރުން މިހާރު ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުން ގެންދެއެވެ. ކުރިން އެއް ދަންފަޅިއަށް ކިޔަވައިދެމުން އައި އިއްޒުއްދީން ސްކޫލް ބަންދުކޮށް، އެ ސްކޫލުގެ ދަރިވަރުން ބަދަކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *