2024 ވަނަ އަހަރު އިމާދުއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު އީމާން ހަމީދު ހޮވައިފިއެވެ. އެ ސްކޫލުން އެންމެ މޮޅު ދެވަނަ ދަރިވަރަކަށް ހޮވުނީ އަޙްމަދު އަޔާން މުޙައްމަދުއެވެ. ތިންވަނަ ދަރިވަރަކީ ފާތިމަތު ހަޝްމާ ޙަސަން ދީދީއެވެ.
އިމާދުއްދީން ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އޮތީ އިއްޔެ ހަވީރު އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. އަޙްމަދު މުހައްމަދެވެ.

އިމާދުއްދީން ސްކޫލުން އެއްވަނަ ހޯދި އީމާން، ސާނަވީ ނިންމާ އިމްތިޙާނުތަކުން ގައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދިއެވެ. އަދި އެއީ 2024 ވަނަ އަހަރު އިމާދުއްދީނުގެ ސްކޫލުގެ ކެޕްޓަނެވެ. 2023 ވަނަ އަހަރު އިމާދުއްދީނުގެ އިތާ ހައުސްގެ ޑެޕިއުޓީ ކެޕްޓަނެވެ.

ދެވަނަ ހޯދި، އަޔާން ދިޔައީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނައަށެވެ. އަޔާންއަކީ 2024 ވަނަ އަހަރު އިމާދުއްދީން ސްކޫލުގެ އަލިމަސް ހައުސްގެ ޑެޕިއުޓީ ކެޕްޓަނެވެ.

ތިންވަނަ ހޯދި ހަޝްމާއަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނައެވެ. 2024 ވަނަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަން އޭނާ ކުރިއެވެ. އަދި 2023 ވަނަ އަހަރު ފެންފިޔާޒު ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަން ކުރިއެވެ.
2024 ވަނަ އަހަރު އިމާދުއްދީން ސްކޫލުން 154 ދަރިވަރުން ސާނަވީ ނިންމާ އިމްތިޙާނުގައި ބައިވެރިވިއެވެ. ޤައުމީ ގަދަ ދިހައެއްގައި 15 ދަރިވަރުން ހިމެނުނެވެ. 60 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވެއެވެ.
advertisment
ހިޔާލު