އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ފުރިހަމަކުރުމުގެ ތަޖުރިބާ

ޑރ. އިބްރާހިމް ޢާކިފް އަޙްމަދު

މެޑިކަލް އިންޓާންޝިޕަކީ، މެޑިކަލް ޑިގްރީ ފުރިހަމަކުރުމަށްފަހު، މެޑިކަލް އޮފިސަރެއްގެ ގޮތުގައި ޢަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ މުހިންމު ތަމްރީނެވެ. މީގެކުރިން މި ތަމްރީނު ރާއްޖޭގައި ފުރިހަމަކުރެވެނީ ހަމައެކަނި އައިޖީއމްއެޗާއި އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައެވެ. މިއީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދެއްގައި މި ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި އިންޓާންޝިޕް ފުރިހަމަކޮށް، ފެންވަރު ރަނގަޅު ކްލިނިކަލް ތަޖުރިބާއާއި ތަމްރީނަކީ މާލެއިން ބޭރުންވެސް ލިބިދާނެ އެއްޗެއްކަން ދެނެގަނެވުނު ގޮތުގެ މައްޗަށް ބިނާކޮށް އަޅުގަނޑު ކުރި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

އޭއީއެޗްގައި އިންޓާންޝިޕް ފުރިހަމަކުރަން ނިންމިީ، ޚިޔާރު މި ކުރެވެނީ ތަފާތު މަގެއްކަން އެނގިހުރެއެވެ. އަދި މެޑިކަލް ސްކޫލުގެ ދުވަސްތައް ހޭދަކުރި ދުވަސްތަކާ އަޅާބަލާއިރު ސިއްޙީ ވަސީލަތްތަކާއި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ގިނަ މާލޭގެ މާހައުލާ ދުރަށް ދާންޖެހޭނެކަން ވެސް އެނގި ހުރެއެވެ. ނަމަވެސް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގައި ހުރި ގޮންޖެހުންތަކާ މެދު ދެކެވޭ ވާހަކަތަކުގެ ސަބަބުން ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް ވެސް އުފެދުނެވެ.

ކެޝުއަލްޓީ ޑްރިލްގެ ތެރެއިން އާކިފު މަސައްކަތުގައި

އެހެން ނަމަވެސް، އެ ފުރުޞަތުގެ ބޭނުން ހިފަން އަޅުގަނޑު ބޭނުންވި ސަބަބެއް އޮތެވެ. މާލެއިން ބޭރުގައި، އަތޮޅުތެރޭގެ މާހައުލެއްގައި ސިއްޙީ ނިޒާމުގެ ޢަމަލީ މަސައްކަތް ހުންނަ ގޮތް ތަޖުރިބާކޮށްލަން އަޅުގަނޑު ބޭނުންވީއެވެ. މެޑިކަލް ސްކޫލުގައި އުޅުނުއިރު، ރަށްރަށުން މާލެއަށް ގެންނަ ބަލިމީހުން އަޅުގަނޑުމެންނަށް ފެނެއެވެ. ނަމަވެސް އެ ބަލިމީހާ ގެންނަން ޖެހުނު ހާލަތާއި، އެ ރަށެއްގައި ހުރި ވަސީލަތްތަކާއި، އެ ވަގުތު ޑޮކްޓަރުން ނިންމަންޖެހުނު އުނދަގޫ ނިންމުންތަކެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ.

އަޅުގަނޑު އަބަދުވެސް ބޭނުންވަނީ މާލެއިން ބޭރުން އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް މަސައްކަތް ކުރާށެވެ. އެހެންކަމުން، އެކަން ކުރެވޭނީ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ގޮތް ރަނގަޅަށް ދެނެގަނެގެން ކަމަށް އަޅުގަނޑު ގަބޫލުކުރީމެވެ. މިއީ އަޅުގަނޑުގެ ތައުލީމީ ހަަޔާތުގައި ނިންމި އެންމެ ރިސްކު ބޮޑު އެއް ނިންމުމެވެ. މި ފެށޭ ދަތުރު ނިމޭނީ ކިހިނެއްކަމެއް އޭރު ނޭނގެއެވެ. ނަމަވެސް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން މި ޕްރޮގްރާމް ހުއްދަކޮށްފައިވާ ނަމަ، އޭގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮންނާނެކަމަށް އަޅުގަނޑު ގަބޫލުކުރީމެވެ.

މުޅިން އާ ޕްރޮގްރާމެއްގެ ފުރަތަމަ ބައިވެރިން

އާ ބިންގަލެއް އެޅުމަކީ އުންމީދުން ފުރިގެންވާ ޝަރަފެއް ނަމެވެސް، އެއީ ނުދަންނަ ކަނޑަކަށް ފުރަތަމަ ފީނުންފަދަ ކަމެކެވެ. އޭއީއެޗްގެ އިންޓާންޝިޕަކީ މުޅިން އާ ފެށުމެކެވެ. ކުރިން ކޮށާފައިވާ މަގެއް ފެންނަން ނެތުމުން ދިމާވާ ކޮންމެ ކަމަކީ އާ ތަޖުރިބާއެކެވެ. އެހެންކަމުން އަޅުގަނޑުމެން ދިޔައީ އޮޑިދެވޭވަރަކަށް ދިޔަހިއްކަމުންނެވެ.

އިންޓާންޝިޕް ސްޓްރަކްޗަރ އާއި އަމަލީ މަސައްކަތް

މި އިންޓާންޝިޕަކީ މެޑިކަލް ކައުންސިލްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއްކަމުން މާލޭގެ ހޮސްޕިޓަލްތަކުގެ ޕްރޮގްރާމްތަކާއި މާބޮޑު ސްޓްރަކްޗަރަލް ތަފާތެއް ނުހުރެއެވެ. ޕްރޮގްރާގައި ހިމެނެނީ އިންޓާނަލް މެޑިސިންގ، ސާޖަރީ، ޕީޑިއެޓްރިކްސް، އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ، އަދި އިމަޖެންސީ މެޑިސިންގ ފަދަ މައިގަނޑު ދާއިރާތަކުގެ އިތުރުން އެނެސްތީސިއާ، އޯތޯޕިޑިކްސް، އީ.އެން.ޓީ، އޮފްތަލްމޮލޮޖީ، ޑާމަރޓޮލޮޖީ، އަދި ކޮމިއުނިޓީ މެޑިސިންގެ ފަދަ ދާއިރާތަކެވެ. އެހެން ތަންތަނާ ހިލާފަށް އޭއީއެޗްގެ ޕްރޮގްރާމްގެ ތެރެއިން ސިއްޙީ މަރުކަޒެއްގައި ހޭދަކުރި އެއް ހަފުތާއަކީ ސިއްޙީ ޚިދުމަތާމެދު މުޅިން ތަފާތު ނަޒަރަކުން ދެކެން ލިބުނު ފުރުޞަތެކެވެ.

2. އޮޕްރޭޝަން ތިއެޓަރ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭއީއެޗްބޭއްވި ހަރަކާތުގެ ތެރެއިން

މައި ރޮޓޭޝަން ތަކުގައި ޑިއުޓީ ވަގުތުތަކަކީ 8 އިން 8 އަށް އޮންނަ 12 ގަޑިއިރުގެ ޝިފްޓުތަކެވެ. އަދި އެހެނިހެން ރޮޓޭޝަންތަކުގައި އޮންނަނީ ރަސްމީ ގަޑީގެ 8 ގަޑިއިރުގެ ޑިއުޓީއެވެ. ކޮންމެ ދުވަހަކު ވެސް ކޮންސަލްޓަންޓުންނާއެކު ބަލިމީހުން ބެލުމާއި، ވޯޑުތަކުގެ މަސައްކަތްތަކާއި، އޯ.ޕީ.ޑީ ކްލިނިކްތަކުގައި ބައިވެރިވުން އޮވެއެވެ. އެންމެ ފައިދާހުރި ކަމަކީ އަމިއްލައަށް ބަލިމީހުން ބަލައި، ބަލި ދެނެގަނެ، މެނޭޖްމެންޓް ޕްލޭންތައް ތައްޔާރުކުރުމަށް ލިބުނު ފުރުޞަތެވެ. އަޅުގަނޑުމެން މަސައްކަތް ކުރީ ސީނިއާ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ކަމަށް ވިޔަސް، އަމިއްލައަށް ވިސްނާ ފިކުރު ކުރުމުގެ ފުރުޞަތު ފުރިހަމަށް ލިބުނެވެ. މެޑިކަލް ސްކޫލުންނާއި އައި.ޖީ.އެމް.އެޗް އިން ލިބުނު ޢިލްމީ ބިންގާގެ މައްޗަށް ބިނާކޮށް، އަމަލީ ދާއިރާގައި އެ ޢިލްމު ބޭނުންކުރާނެ ގޮތް އޭއީއެޗުން ދަސްވިއެވެ.

ޕްރޮގްރާމްގެ މައިބަދަ، "މެންޓަރޝިޕް"

އޭއީއެޗްގެ އިންޓާންޝިޕް ޕްރޮގްރާމުގެ އެންމެ މުހިންމު އެއް އަސާސަކީ، ކޮންސަލްޓަންޓުންގެ ފަރާތުން ފޯރުކޮށްދޭ "މެންޓަރޝިޕް" ނުވަތަ އިރުޝާދު ދިނުމުގެ ހަރުދަނާ ނިޒާމެވެ. މިއީ މި ޕްރޮގްރާމްގެ އިސްތިރާޖީ ތަނބެވެ. ކޮންމެ އިންޓާން ޑޮކްޓަރަކަށް ކޮންސަލްޓަންޓަކު ހުންނަ ނިސްބަތުން ބަލާއިރު، ވަރަށް ގާތުން އުނގަންނައިދިނުމުގެ ފުރުޞަތު އޮވެއެވެ. އަޅުގަނޑުމެންގެ "މެންޓަރސް" އަކީ ކަންކަމުގައި މަޝްވަރާކުރަން ފަސޭހަ، އަދި އުނގަންނައިދިނުމަށް ލޯބިކުރާ ބައެކެވެ. ނޭނގޭ އެއްޗެއް އަހާލަން ޖެހިލުންވާން ނުޖެހޭ މާހައުލެއް އޮތުމަކީ އައު ޑޮކްޓަރަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ހަމައެއާއެކު ނަރުހުންގެ ފަރާތުން ލިބުނު ފިލާވަޅުތަކަކީ ފޮތްތަކުން ފެންނާނެ އެއްޗެއް ނޫނެވެ. ބަލިމީހުންނަށް އަޅާލުމުގައި ހުންނަ ކުދިކުދި ނަމަވެސް މުހިންމު ކަންކަން އަޅުގަނޑަށް ދަސްވީ އެމީހުންގެ ފަރާތުންނެވެ.

އިމަރޖެންސީ އަލްޓްރާސައުންޑް ސްކޭން ޓްރެއިނިންގް ތެރެއިން އާކިފު، ސްކޭނެއް ހެދުމުގެ މަސައްކަތުގައި
ދަތިކަމުގެ ހިޔަލުގައި ނޫނީ، އާދަޔާޚިލާފު ހޯދުމެއް ފިކުރަކަށް ނާންނާއެވެ.

މާލެއިން ބޭރުގައި މަސައްކަތް ކުރުމުގެ މާނައަކީ މަދު ވަސީލަތްތަކާއެކު މަސައްކަތް ކުރަން ޖެހުމެވެ. ބައެއް ކަހަލަ ބޭސްތަކާއި، މެޝިނަރީޒް އަދި ޚާއްޞަ އޮޕަރޭޝަންތައް ކުރެވެން ނުހުރެދާނެއެވެ. ފުރަތަމަ މިއީ ކަންބޮޑުވުމަކަށް ވިޔަސް، ފަހުން މިއީ ވަރަށް އަގުހުރި ފިލާވަޅަކަށް ވިއެވެ. ވަސީލަތްތައް މަދުވުމުން ތަފާތު ގޮތަކަށް ވިސްނަން މަޖުބޫރުވެއެވެ. ކޮންމެ ޓެސްޓެއް ހެދޭނެ ކަމަށް ނުބަލައި، ބަލިމީހާގެ ފަރާތުން ފެންނަ ނިޝާންތަކަށް ބަލައިގެން ބަލި ދެނެގަންނަން ދަސްވެއެވެ. އަދި ބަލިމީހާ އިތުރު ފަރުވާއަށް ފޮނުވާލަންޖެހޭ ވަގުތު ދެނެގަތުމުގެ ހުނަރު ލިބެއެވެ.

ހަނދާނުން ފޮހެލަން އުނދަގޫ ބަލިމީހުން

މި އަހަރުގެ ތެރޭގައި ދިމާވި ބައެއް ހާދިސާތައް މުޅި އުމުރަށް ހަނދާނުގައި ހުންނާނެއެވެ. އޭގެ ތެރޭގައި، ދުވަސް ނުފުރާ އުފަންވި އެއްމާބަނޑު ދެކުދިން ސަލާމަތްކުރުމަށް ކުރި މަސައްކަތް ހިމެނެއެވެ. އެއީ އޭއީއެޗްގެ ތާރީޚުގައި ސަލާމަތްވި ތުއްތުތުުއްތު އެއްމާބަނޑު ދެކުދިންނެވެ. މީގެ އިތުރުން، އޮޕަރޭޝަން ތިއޭޓަރުގައި ދަސްވި ކަންކަމާއި، ބައެއް ހިތާމަވެރި ނަތީޖާތަކުން ލިބުނު ފިލާވަޅުތަކަކީ މި ދާއިރާގެ ހަޤީޤަތެވެ. ބައެއް ފަހަރު ހުރިހާ މަސައްކަތެއް ކުރިޔަސް ބޭނުންވާ ނަތީޖާ ނުލިބިދާނެކަން ގަބޫލުކުރަން ދަސްވިއެވެ.

އޮޕަރޭޝަން ތިއޭޓަރުގައި އާކިފު މަސައްކަތް ކުރަނީ
އަތާއި އަތް ގުޅިއްޖެނަމަ، ނުއުފުލޭނެ ބަރެއް ނޯންނާނެއެވެ.

ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މީގެ ކުރިން އަޅުގަނޑަށް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އޭއީއެޗްގެ އިމަޖެންސީ ޑިޕާޓްމަންޓުގައި ކުރި މަސައްކަތުން، ކަންކަން ހަލުވިކޮށް ހިނގަމުންދާއިރު ޓީމެއްގެ މުހިންމުކަން ވަރަށް ބޮޑަށް ދަސްވިއެވެ. އެކަކު އަނެކަކަށް އިތުބާރުކުރުމާއި، މުއާމަލާތްކުރުމުގެ ހުނަރު އިތުރުވިއެވެ. އެކަކު ދޫކުރި ތަނުގައި އަނެކަކު ހިފުމުގެ މުހިންމުކަން ހާމަވިއެވެ. މީގެ އިތުރުން ކެތްތެރިކަން އޭގެ އެންމެ އިންތިހާއަށް އިސްކުރަންޖެހޭކަން ދަސްވިއެވެ. ޑޮކްޓަރެއްގެ ދައުރަކީ ހަމައެކަނި ކުރަންވީ ކަންތައް އެނގުމެއް ނޫނެވެ. އެއީ ކަމެއް ކުރަންވީ ވަގުތާއި، މަޑުކުރަންވީ ވަގުތާއި، އެހީއަށް އެދެންވީ ވަގުތު ދެނެގަތުމެވެ. ބައެއް ފަހަރު އެންމެ މޮޅުކަމަކީ ވަގުތުން ޖަވާބު އެނގުމެއް ނޫނެވެ، ނަމަވެސް އެ ޖަވާބު ހޯދާނެ ގޮތް އެނގުމެވެ.

މިއީ ފުރިހަމަ ތަޖުރިބާއެއްތަ؟

ނޫނެކެވެ. އަދި އެއްވެސް ތަނެއްގެ ޕްރޮގްރާމަކީ އެންމެ ފުރިހަމަ އެއްޗަކަށް ވާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އާއިލާއާ ދުރުގައި އަހަރެއް ހޭދަކުރުމަކީ ފަސޭހަކަމަކަށް ނުވެއެވެ. ނަމަވެސް އެކުގައި މަސައްކަތްކުރި އެކުވެރިންގެ ސަބަބުން އެކަން ފަސޭހަވިއެވެ. ބައެއް ފަހަރު މަސައްކަތުގެ ބުރަކަމާއި، ނިދި މަދުވުމާއި، ރޭގަނޑު ޝިފްޓުތަކަށް ފަހު ކްލާސްތަކަށް ދާންޖެހުމަކީ ދިމާވި ގޮންޖެހުންތަކެވެ. އަދި އަޅުގަނޑުމެން މަޑުކޮށްލައި، އަރާމުކޮށްލާނެ ޚާއްޞަ ސްޓަޑީ ރޫމެއް ހޮސްޕިޓަލުގައި ހުރި ނަމަ މި ތަޖުރިބާ އިތުރަށް ފުރިހަމަވީހެވެ. މި ހުރިހާ ކަމަކީ ވެސް ކުރިމަގުގެ އިންޓާން ޑޮކްޓަރުންނަށް އެނގުން މުހިންމު ކަންތައްތަކެވެ. ނަމަވެސް މިކަންކަމުގެ ސަބަބުން އަޅުގަނޑުގެ ނިންމުން ބަދަލެއް ނުވެއެވެ. މި އުނދަގޫތަކަކީ ވެސް ޑޮކްޓަރެއްގެ މަސައްކަތުގެ ބައެކެވެ.

އަހަރެން އޭއީއެޗް ރިކޮމެންޑް ކުރާނަންތަ؟

އާ ޑޮކްޓަރަކު އަޅުގަނޑު ގާތުގައި "އަހަރެން އޭއީއެޗަށް ދާންވީތަ؟ މާލޭގައި މަޑުކުރުން މާ ރަނގަޅެއް ނުވާނެތަ؟" މިހެން އަހައިފި ނަމަ، އަޅުގަނޑުގެ ޖަވާބަކަށްވާނީ "އެހެން ސުވާލުތަކެއް އަމިއްލަ ނަފްސާ ކޮށްލާށެވެ. އަހަރެންނަށް އަމަލީ ގޮތުން ބަލިމީހުން ބެލުމުގެ ފުރުޞަތު ކިހާވަރަކަށް ލިބޭނެ ހެއްޔެވެ؟ އަހަރެންނަށް އަމިއްލަ ޒިންމާ ނަގަން ކިހާ ޖާގައެއް ލިބޭނެ ހެއްޔެވެ؟ އެހީއަށް ބޭނުންވާ ވަގުތު ސީނިއާ ޑޮކްޓަރުންގެ އެހީތެރިކަން ލިބޭނެ ހެއްޔެވެ؟ މިއީ މެޑިކަލް އޮފިސަރެއްގެ ހަގީގީ މަސައްކަތަށް އަހަރެން ތައްޔާރުކޮށްދޭނެ ތަޖުރިބާއެއް ހެއްޔެވެ؟" މިއެވެ.

ލެޕްރޯސްކޯޕިކް ސާޖަރީއެއްގައި އެހީތެރިވުމުގެ ގޮތުން އާކިފް މަސައްކަތް ކުރަނީ

މި ހުރިހާ ކަމެއް އަޅުގަނޑު އުއްމީދު ކުރިވަރަށް ވުރެ ފުރިހަމައަށް އޭއީއެޗުން ލިބުނެވެ. އަޅުގަނޑު އެތަނަށް ދިޔައީ މާލެއިން ބޭރުގެ ސިއްޙީ ޚިދުމަތް ދެނެގަންނާށެވެ. ނަމަވެސް އަޅުގަނޑަށް ފެނުނީ އަމިއްލަ ނަފްސު ކުރިއަރުވަން ލިބުނު މުއްސަނދި މާހައުލެކެވެ. ދަސްކޮށްދޭން ތައްޔާރަށް ތިބި ކޮންސަލްޓަންޓުންނާއި، މެޑިކަލް އޮފިސަރުންނާއި، ހިތްހެޔޮ ނަރުހުންނާއި، ހަނދާނުން ފޮހެލަން އުނދަގޫ ބަލިމީހުންނެވެ. ވަސީލަތްތައް މަދުވުމަކީ އުނގެނުމަށް އޮތް ހުރަހެއް ނޫންކަން އަހަރެންނަށް ދަސްވިއެވެ.

އަލަށް އިންޓާންޝިޕަށް ތައްޔާރުވަމުން ދާ ޑޮކްޓަރުންނަށް މެސެޖެއް

އަލަށް އިންޓާންޝިޕަށް ތައްޔާރުވަމުންދާ ޑޮކްޓަރުންނަށް ބުނެލަން ބޭނުންވަނީ، އިންޓާންޝިޕް ހަދާނެ ތަނެއް ނިންމާއިރު، ހަމައެކަނި އެތަނެއް ހުރި ރަށަކަށް ނުވަތަ އެތަނުގެ މަގުބޫލުކަމަށް ނުބަލާށެވެ. ޗާޓުން ބޭރަށް ބަލާލާށެވެ. ލިބޭނެ ތަޖުރިބާއާއި އިރުޝާދުތަކުގެ އިތުރުން އަމިއްލައަށް ކުރިއަރައިދާން ލިބޭނެ ފުރުޞަތުތަކަށް ބަލާށެވެ. އަޅުގަނޑު އޭއީއެޗަށް ދިޔައީ ކަންތައްތައް ވާނެ ގޮތެއް އެނގިގެން ނޫނެއެވެ. ނަމަވެސް އެނބުރި އައީ އުއްމީދު ކުރިވަރަށް ވުރެ ގިނަ ކަންތައްތަކެއް ދަސްކޮށްގެންނެވެ.

ޕީޑިއެޓްރިކްސް/އޮބްސްޓެޓްރިކްސް ގައިނިކޮލޮޖީ ޑިޕާޓްމެންޓުގެ ފަރާތުން ބޭއްވި ހަރަކާތެއްގެ ތެރެއިން

ބައެއް ހާލަތްތަކުގައި އެންމެ ތަފާތު ގޮތަކީ ތިބާއަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ވެދާނެއެވެ. ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވިޔަސް، އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ އަމިއްލައަށް ކުރާ ހިތްވަރާއި މަސައްކަތުގެ ނަތީޖާއިންނެވެ. އަމިއްލަ އަތުން ކޮށި މަގަކުން ނޫނީ މަންޒިލަށް ނުދެވޭނެއެވެ. އެހެންކަމުން، އެންމެ މުހިންމު ކަމަކީ އަމިއްލަ އިސްނެގުމާއެކު އާ ކަންކަން ދަސްކޮށް، ކުރިއަށް ދިއުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *