އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ކުރިމަތިވެފައިވާ މާލީ ތަދިކަމުގެ ވާހަކައަކީ ޤައުމީ ސުރުޚީތަކުން އަބަދު ފެންނަން ނެތް ކަމެއް ނަމަވެސް، މި ދާއިރާތަކަށް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުއައްސަސާތައް ހިންގަމުންދަނީ ބަޖެޓު ޑެފިސިޓް ނުވަތަ މާލީ ދަތިކަމުގެ ތެރޭގައެވެ.
ދުނިޔޭގެ ފެންވަރުގައި ދިރާސާކުރުމާއި ކިޔަވައިދިނުމުގައި ނަމޫނާ ދައްކަމުން އައި އިނގިރޭސިވިލާތުގެ މަތީ ތަޢުލީމީ ނިޒާމު މިއަދު މިވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ކިޔަވައިދިނުމުގެ ފީ ބޮޑުނުކޮށް ހިފެހެއްޓިފައި ހުރުމާއި، ހިންގުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާއި، އަދި އިމިގްރޭޝަން ނުވަތަ ހިޖުރަކުރުމާ ގުޅޭގޮތުން ގެންގުޅޭ ހަރުކަށި އުޞޫލުތަކެވެ.
ޔުނިވަރސިޓީ އެންޑް ކޮލެޖް އެޑްމިޝަން ސަރވިސް (ޔޫކާސް)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ޖޫން އާއި 2026 ޖޫން އާ ދެމެދު އިނގިރޭސިވިލާތުގެ ފުރަތަމަ ޑިގްރީ ކޯސްތަކުގައި ކިޔެވުމަށް ބޭރުގެ 148,350 ދަރިވަރުން ފޯމު ހުށަހަޅާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 7.1 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުން ބޮޑަށް ފާހަގަކުރެވިފައިވަނީ ޗައިނާގެ ދަރިވަރުން ކުރިމަތިލީ ނިސްބަތް އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން 2025 ވަނަ އަހަރު 33,870 ދަރިވަރުން ކުރިމަތިލާފައިވާއިރު، 2026 ވަނަ އަހަރު މި އަދަދު ވަނީ 38,000 އަށް އުފުލިފައެވެ.
ކުރިމަތިލާ ދަރިވަރުންގެ އަދަދު އިތުރުވި ނަމަވެސް، ފާއިތުވި އަހަރުތަކުގައި ޔުނިވަރސިޓީތަކުން ޖާގަ ލިބުނު ބޭރުގެ ދަރިވަރުންގެ ނިސްބަތް ވަނީ ދަށްވެފައެވެ. ޔޫކާސްގެ ރިޕޯޓުތަކުން އެނގޭގޮތުގައި ފުރަތަމަ ޑިގްރީ ކޯސްތަކަށް ހޮވުނީ 53,740 ބޭރުގެ ދަރިވަރުންނެވެ. މިއީ ކުރީ އަހަރަށްވުރެ 2 އިންސައްތަ އިތުރު އަދަދެއް ނަމަވެސް، 2019 ވަނަ އަހަރު 60,070 ދަރިވަރުންނަށް ފުރުޞަތު ލިބުނުއިރު، އެ އަހަރާ އަޅާބަލާއިރު މިއީ ދަށްވުމެކެވެ.
މިދިޔަ ހަފުތާގައި "ސަންޑޭ ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަދަދު މަދުވުމުގެ ސަބަބުން، ދަށް މާކްސް ލިބިފައިވާ ދަރިވަރުންނަށް ވެސް ޖާގަ ދިނުމަށް ޔުނިވަރސިޓީތަކަށް ވަނީ މަޖުބޫރުވެފައެވެ. އެ ރިޕޯޓުގައިވާ ގޮތުން 2022-23 ވަނަ އަހަރު ބޭރުގެ ދަރިވަރުންގެ އަދަދު 758,865 ގައި ހުރި ނަމަވެސް، 2024-25 ވަނަ އަހަރާ ހަމައަށް މި އަދަދު ވަނީ 685,595 އަށް ދަށްވެފައެވެ.
ދަރިވަރުންގެ އަދަދު މިގޮތަށް ދަށްވާން ދިމާވީ، ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިމިގްރޭޝަން ޤަވާއިދުތަކަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ. އެގޮތުން 2024 ޖެނުއަރީގައި ސްޓޫޑަންޓް ވިސާގައި އަންނަ ދަރިވަރުންނާއެކު އާއިލާގެ މެންބަރުން ގެނައުމަށް ހުރަސްތަކެއް ކުރިމަތިކުރުވުމުންނެއެވެ. އަދި ވިސާގެ މުއްދަތު ހަމަވުމަށްފަހު އިނގިރޭސިވިލާތުގައި މަޑުކުރެވޭ މުއްދަތު ދެ އަހަރުން 18 މަސްދުވަހަށް މިދިޔަ އަހަރުގެ ތެރޭގައި ކުރުކުރުމުންނެވެ. މީގެ ސަބަބުން ދަރިވަރުންގެ ކުރިމަގަށާއި، ސަރަޙައްދީ އިޤްތިޞާދަށާއި، ބައިނަލްއަޤްވާމީ ދިރާސީ މަސައްކަތްތަކަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.
އޮފީސް ފޯ ސްޓޫޑެންޓްސް އިން އެންމެ ފަހުން ނެރުނު ދިރާސާއެއްގައި ބުނެފައިވާ ގޮތުން، އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ 45 އިންސައްތަ މުއައްސަސާތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބެލެވެއެވެ. އަދި ޕާލަމެންޓުގެ އެޑިއުކޭޝަން ސިލެކްޓް ކޮމިޓީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި 24 އިންސްޓިޓިއުޓެއް ބަނގުރޫޓުވެ، ހުއްޓާލަންޖެހުމުގެ ބިރު އެބައޮތެވެ. މީގެ ތެރޭގައި 3,000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ މެދު ފަންތީގެ އަދި ބޮޑެތި 7 އިންސްޓިޓިއުޓެއް ހިމެނެއެވެ.
މި މާލީ ތަދިކަމުގެ ސަބަބުން ފެންނަމުންދާ ނުރަނގަޅު ނަތީޖާތަކުގެ ތެރޭގައި ހިމެނެނީ:
- ވަޒީފާތައް މަދުކުރުން: 100 އަށްވުރެ ގިނަ ޔުނިވަރސިޓީން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ފަށާފައިވެއެވެ.
- ކޯސްތައް ހުއްޓާލުން: ގާތްގަނޑަކަށް 49 އިންސައްތަ ޔުނިވަރސިޓީން، ބައެއް ކޯސްތައް އެއްކޮށްލާ ނުވަތަ ހުއްޓާލާފައިވެއެވެ.
- މުދާ ވިއްކުން: މާލީ އެހީތެރިކަން ހޯދުމަށްޓަކައި ބައެއް ޔުނިވަރސިޓީތަކުން ދަނީ އެތަންތަނުގެ ބިންތަކާއި ތާރީޚީ އިމާރާތްތައް ވިއްކަމުންނެވެ.
- އިންސްޓިޓިއުޓެއް އެއްކޮށްލުން: ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ޔުނިވަރސިޓީތައް އެއްކޮށްލުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
މި މައްސަލަ ކުރިމަތިވި މައިގަނޑު ސަބަބަކީ ކިޔަވައިދިނުމަށް ކުރާ ޚަރަދާއި ލިބޭ އާމްދަނީ ދިމާނުވުމެވެ. އިނގިރޭސިވިލާތުގެ އަމިއްލަ ދަރިވަރުންގެ އަތުން ނަގާ ފީ އިންތިހާއަށް ކުޑަވެފައި، އެ ގެއްލުން ފޫބެއްދުމަށް ބޭރުގެ ދަރިވަރުންގެ އަތުން ނަގާ ބޮޑު ފީއަށް މާ ބޮޑަށް ބަރޯސާވުމެވެ. އަދި އިމިގްރޭޝަން އުޞޫލުތަކަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު، ބޭރުގެ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވުމެވެ.
ޔުނިވަރސިޓީތަކުގެ އިސްވެރިން މި ހާލަތު ސިފަކުރަނީ ބޮޑު "ތޫފާނެއް"ގެ ގޮތުގައެވެ.
ކިޔަވައިދިނުމުގެ ފީ ހިފެހެއްޓިފައި އޮތުމާއި، ހިންގުމުގެ ޚަރަދު ބޮޑުވުމާއި، އަދި ބޭރުގެ ދަރިވަރުން މަދުވުމުގެ ސަބަބުން މުޅި ނިޒާމު މިވަނީ ބަނގުރޫޓުވުމުގެ މަގުމަތީގައެވެ.
ކަމާބެހޭ މާހިރުން އިންޒާރު ދޭ ގޮތުގައި، ސަރުކާރުން ދާއިމީ އަދި ހަރުދަނާ މާލީ ރޭވުމެއް މިކަމަށް އެކުލަވާނުލައިފިނަމަ، އިނގިރޭސިވިލާތުގެ މަތީ ތަޢުލީމީ ދާއިރާއަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، ޤައުމުގެ އިލްމީ އަދި އިޤްތިޞާދީ ކުރިމަގަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ.
މައުލޫމާތު: ބިޒްނަސް ޑެސްކް ނޫސް
advertisment
ހިޔާލު