10 ނިންމުމަށްފަހު،11 އަށް ވަންނަނީ 40 އިންސައްތައަށްވުރެ މަދު ދަރިވަރުން

ފާއިތުވި 10 އަހަރުގެ ތަޢުލީމީ ތަފާސްހިސާބުތަކާއި، 2,606 ދަރިވަރުންވެސް ހިމަނައިގެން ހެދި ދިރާސާއިން ދައްކަނީ، ި، ގްރޭޑް 10 ނިންމުމަށްފަހު ގްރޭޑް 11 އަށް ބަދަލުވުމުގައި "ބޮޑު ފަރަގެއް" ނުވަތަ ހުރަސްތަކެއް ހުރިކަން.

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ޔުނިވަރސިޓީން "ލޮސްޓް އިން ޓްރާންސިޝަން"ގެ ނަމުގައި ކުރިއަށްގެންދިޔަ މުހިންމު ދިރާސާ މިއަދު އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން ތައްޔާރުކުރި މި ދިރާސާ އިފްތިތާޙްކުރީ 12 އޯގަސްޓް 2026 ގައި ބޭއްވި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ "ޕޮލިސީ ޑައިލޮގް" ގައެވެ.

މި ދިރާސާއަކީ ދިވެހި ދަރިވަރުން ސާނަވީ ތަޢުލީމުން މަތީ ސާނަވީއަށް، އަދި މަތީ ސާނަވީ ނިންމުމަށްފަހު މަތީ ތަޢުލީމަށް ނުވަތަ ވަޒީފާގެ މައިދާނަށް ބަދަލުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަތުމަށް ކުރެވުނު ފުޅާ ދިރާސާއެކެވެ. ތަފާތު ގޮތްގޮތުން މަޢުލޫމާތު އެއްކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާގައި، ފާއިތުވި 10 އަހަރުގެ ތަޢުލީމީ ތަފާސްހިސާބުތަކާއި، 2,606 ދަރިވަރުންގެ ތަޖުރިބާ ހިމަނާފައިވެއެވެ. މީގެ އިތުރުން، ދަރިވަރުންނާއި، ތަޢުލީމީ ދާއިރާ ދޫކޮށްލާފައިވާ ފަރާތްތަކާއި، މުދައްރިސުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބެލެނިވެރިން އަދި ވަޒީފާދޭ ފަރާތްތައް ހިމެނޭހެން 76 ފޯކަސް ގްރޫޕް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ގްރޭޑް 10 ނިންމުމަށްފަހު ގްރޭޑް 11 އަށް ބަދަލުވުމުގައި "ބޮޑު ފަރަގެއް" ނުވަތަ ހުރަސްތަކެއް އެބަހުއްޓެވެ. އެގޮތުން ޤައުމީ ފެންވަރުގައި ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ގްރޭޑް 11 އަށް ވަންނަނީ 40 އިންސައްތައަށްވުރެ މަދު ދަރިވަރުންނެވެ. އަދި މިކަމުގައި ސަރަޙައްދީ ގޮތުންނާއި ޖިންސުގެ ތަފާތުތައް ހުރިކަން ފާހަގަކުރެވިފައިވެއެވެ.

ކާމިޔާބުކަމާއެކު ތަޢުލީމީ މަރުހަލާތައް ކަނޑަނޭޅި ކުރިއަށްގެންދިއުމަށް ހުރި މައިގަނޑު ހުރަސްތަކުގެ ތެރޭގައި:

  • މާލީ ދަތިތަކާއި ތަޢުލީމަށް އޮތް ފުރުޞަތުތަކުގެ މަދުކަން.
  • ކެރިއަރ ގައިޑެންސް ނުވަތަ މުސްތަޤުބަލު ބައްޓަންކުރާނެ ގޮތުގެ އިރުޝާދު މަދުވުމާއި ސްކޫލްތަކުން ލިބޭ އެހީތެރިކަން ކުޑަވުން.
  • އިޖުތިމާޢީ އަދި ސަގާފީ ސަބަބުތައް.
  • ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ކިޔެވުމަށް އޮންނަ ޝައުޤުވެރިކަން.
  • ވަސީލަތްތަކާއި އުމްރާނީ ތަރައްޤީގެ ދަތިތައް.
  • ތަޢުލީމީ ނިޒާމުގެ ތެރެއިން އުނގަންނައިދޭ މާއްދާތަކާއި މަސައްކަތްތެރިކަމުގެ ދާއިރާތައް، ވަޒީފާގެ މައިދާނާ ގުޅުން ކުޑަވުން.

2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރޭގައި، ގްރޭޑް 11 އަށް ވަނުމުގެ ޝަރުޠުތަކަށް ލުއިދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށްދެވޭނެ ފުރުޞަތުތައް އިތުރުކުރުން ފަދަ ކަންކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މިކަންކަމާއެކުވެސް، ކަންކަން އިޞްލާޙުކުރުމަށްޓަކައި 10 ހުށަހެޅުމެއް މި ދިރާސާގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ކެރިއަރ ގައިޑެންސް ހަރުދަނާކުރުމާއި، ވަޒީފާގެ ބާޒާރާ ގުޅޭ މަންހަޖެއް އެކުލަވައިލުމާއި، މާލީ އެހީތެރިކަން އިތުރުކުރުމާއި، މުދައްރިސުން ތަރައްޤީކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުން ހިމެނެއެވެ.

"ލޮސްޓް އިން ޓްރާންސިޝަން" ދިރާސާ މެދުވެރިކޮށް، ރާއްޖޭގެ ޒުވާނުންނަށް ހަމަހަމަ ތަޢުލީމީ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *