އެސް.އެސް.ސީ އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށާއި، ދިވެހި ބަހުގެ ހުނަރުތައް އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި ހިތަދޫ ސްކޫލުން އިންތިޒާމުކުރި "ފިޔަވަތި ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޯގަސްޓް 9 އިން 11 އަށް ކުރިއަށްދިޔަ މި ކޭމްޕަކީ ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ހިންގުނު ހާއްސަ ހަރަކާތެކެވެ.
ހިތަދޫ ސްކޫލުގެ އިސްނެގުމާއެކު ކުރިއަށްގެންދިޔަ މި ތިން ދުވަހުގެ ކޭމްޕްގައި ކިޔަވާ ދެއްވީ ހއ. އިހަވަންދޫ ސްކޫލުގެ ލީޑިންގ ޓީޗަރު ފަތުހުﷲ އަހުމަދެވެ.
މި ޕްރޮގްރާމުގައި ޖުމްލަ 122 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިތަދޫ ސްކޫލުގެ 96 ދަރިވަރުންނާއި، މަރަދޫ ސްކޫލުގެ 20 ދަރިވަރުންގެ އިތުރުން ނޫރާނީ ސްކޫލުގެ 6 ދަރިވަރުން ހިމެނެއެވެ.
މި ކޭމްޕުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދިވެހި ބަހުގެ މުހިންމު ދާއިރާތަކަށާއި އެސް.އެސް.ސީ އިމްތިހާނަށް ތައްޔާރުވުމުގެ މައްޗަށެވެ. އެގޮތުން މަޒުމޫނު ލިޔުމާއި ،އިރުޝާދު ދޭ ލިޔުންތަކާއި، ރިކައުންޓް ރައިޓިންގ ނުވަތަ ހާދިސާ ކިޔައިދިނުމުގެ ލިޔުންތަކާއި،ޚުލާސާ ލިޔާނެ ގޮތާއި، ދޭހަ ހެދުމާއި ސިޓީ ލިޔުން، އަދި މިލިޔުންތަކަށް ލިޔާ އެއްގޮތް ސުވާލު ތަކަށް ޖަވާބު ދޭނެގޮތާއި ގުޅޭގޮތުން ދަރިވަރުންނަށް ބޭނުންވާ ފަންނީ އިރުޝާދުތައް ފޯރުކޮށްދެވުނެވެ. މީގެ އިތުރުން އެސް.އެސް.ސީ އިމްތިހާނުގައި ސުވާލު ތަކަށް ޖަވާބު ދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ޕޭޕަރު މާކުކުރުމުގައި ގެންގުޅޭ އުސޫލުތައް ދަރިވަރުންނާއި ހިއްސާކުރެވުނެވެ.
މި ކޭމްޕަކީ ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި، ލިޔުންތެރިކަމުގެ ހުނަރުތަކާއި އިމްތިހާނުތަކުގައި ބޭނުންކުރާނެ އުކުޅުތައް ހަރުދަނާކުރުމަށް ލިބިގެންދިޔަ އަގުހުރި ފުރުސަތެކެވެ. އުނގެނުމަށް ފަހި، އެހީތެރި މާހައުލެއްގައި ކުރިއަށްދިޔަ މި ކޭމްޕުގައި ތަފާތު ތިން ސްކޫލެއްގެ ދަރިވަރުން ބައިވެރިވުމުގެ ސަބަބުން، އެކަކު އަނެކަކާ ގުޅިގެން ކަންކަން ދަސްކުރުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބިގެންދިޔައެވެ.
ހިތަދޫ ސްކޫލުގެ އުންމީދަކީ 'ފިޔަވަތި ކޭމްޕު' ގެ ތެރެއިން ދަރިވަރުން ހާސިލުކުރި އިލްމާއި ހުނަރުގެ އެހީގައި، އެސް.އެސް.ސީ އިމްތިހާނަށް ފުރިހަމައަށް ތައްޔާރުވެ، އިތުބާރާއެކު އިމްތިހާނާ ކުރިމަތިލުމުގެ ގާބިލުކަން ދަރިވަރުންނަށް ލިބިގެންދިއުމެވެ.
advertisment
ހިޔާލު