ދިވެހިރާއްޖޭގެެ ސްކައުޓު ޖަމްޢިއްޔާ އާއި މަޖީދިއްޔާ ސްކައުޓު ޤުރޫޕުން ޒުވާނުންނަށް ޙާއްސަކޮށް ބޭއްވި ޔޫތް ލިޑަރޝިޕް ޓްރެއިނިންގ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މަޖިދިއްޔާ ސްކޫލުގެ ސްކައުޓު ޤުރޫޕުކަމުގައިވާ ފަސްޓް މާލެ ސްކައުޓު ޤުރޫޕުން މާލޭގައި ހޮސްޓުކުރި މި ކޯސް ކުރިއަށްދިޔައީ 4 ކުން 8 އޯގަސްޓް އަށް މާލޭގައި ހުންނަ ޔޫތު ހަބްގައެވެ. 17 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޙާއްސަކޮށް ބޭއްވި މި ކޯހުގައި ސްކައުޓުންނާއި އަދި އެހެނިހެން ގޮތްގޮތުން ޖުމްލަ 50 ބައިވެރިން ބައިވެރިވެފައިވެއެވެ.
މި ކޯހަކީ ޒުވާނުން މަތި ފަންތީގެ މަޤާމުތަކަށް އަންނައިރު އެމީހުންނަށް ބޭނުންވާނެ ހުނަރުތައް ދަސްކޮށްދިނުމަށް ބޭއްވުނު ކޯހެކެވެ. މިގޮތުން، މި ކޯހުގެ ތެރެއިން ޒުވާނުން ކަންކަން ނިންމާ ނިންމުމުގެ އެކި ހަރުފަތްތަކުގައި ހަރަކާތްތެރިވާގޮތާއި، މަތީ ފަންތީގެ މަޤާމުތަކުގައި މާނަވީގޮތެއްގައި ހަރަކާތްތެރިވާނެގޮތްތަކާއި، އެކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް، އިސްނެގުމާއި ކަންކަން ނިންމުމާއި ގުޅުންހުރި އެކި ހުނަރުތަކާއި ވިސްނަންޖެހޭ ކަންކަން ދަސްކޮށްފައިވެއެވެ.

މި ކޯހަކީ ބައިނަލްއަޤްވާމީ ފެންވަރުގައާއި އެކި ބޭޜުގެ ސްކައުޓު ޖަމްޢިއްޔާ ތަކުންވެސް ކުރިއަށްގެންދާ ކޯހެކެވެ. މިއީ ރާއްޖޭގައި މި ކޯސް ކުރިއަށްގެންދެވުނު ފުރަތަމަ ފަހަރެވެ.
މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖައަށް ކަނޑައަޅުވާފައިވާ ސަފީރު، ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޒުވާނުންނަށް ދޭ މިފަދަ ތަމްރީނުތަކަކީ އެތައް ގޮތަކުން ގައުމަށް ފައިދާކުރާނެ ކަންތައްތަކެއް ކަމަށް ވިދާޅުވިއެވެ.

"ޒުވާނުންނަކީ ކޮންމެ ގައުމެއްގައިވެސް ގައުމުގެ ކުރިއެރުމަށް ވަރަށް މުހިންމު ބައެއް. އެ މީހުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަޤުބަލު ބައްޓަން ކުރާ އެއްޗެއް. ޒުވާނުން ބާރުވެރިކުރުވައިގެން ލީޑަރޝިޕް ހޯދަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް." ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީ ވިދާޅުވިއެވެ.

މި ކޯސް ކުރިއަށްގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި މި ކޯހުގެ ޑިޖިޓަލް ޕާޓްނަރ ކަމުގައިވާ ދިރާގުގެ އެހިތެރިކަމާއިއެކުއެވެ. އެހެންކަމުން، މި ފަރާތްތަކާއި މި ކޯސް ހޮސްޓު ކުރި ފަސްޓް މާލެ ސްކައުޓު ޤުރޫޕަށް، އެ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

މި ކޯހަކީ ސައުދީ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ވޯލްޑް ސްކައުޓިންގ އަދި ވޯލްޑް ސްކައުޓް ފައުންޑޭޝަން އާ ގުޅިގެން ކުރިއަށްގެންދާ "މެސެންޖާސް އޮފް ޕީސް ފަންޑު" ގެ ދަށުން މި ޖަމްޢިއްޔާއިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމުގައިވާ "ޔޫތް ލީޑަރޝިޕް އެންޑް މެންބަރޝިޕް ގްރޮތް" ގެ ތެރެއިން ކުރިއަށްގެންގޮސްފައިވާ ކޭމްޕެކެވެ. މި ކޭމްޕުގެ އިތުރުން، މި ޕްރޮޖެކްޓުގެ ތެރެއިން އިތުރު ލީޑަރޝިޕް ކޭމްޕުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު