އައިއައިޔޫއެމް އަލަމްނައި އައިކަން އެވޯޑް ޕްރޮފެސަރ މުނީޒާއަށް

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް)އިން ދޭ އަލަމްނައި އައިކަން އެވޯޑް ޕްރޮފެސަރު. ޑރ. އާއިޝަތު މުނީޒާއަށް ލިބިވަޑައިގެންފިއެވެ.

ޕްރޮފްސަރ ބުނީޒާ، ބެޗްލާސް ޑިގްރީއާއި މާސްޓަރސް ޑިގްރީއާއި ޕީއެޗްޑީ ވެސް ފުރިހަމަ ކުރެއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިންނެވެ.

ޕްރޮފެސަރ މުނީޒާ، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މެލޭޝިޔާގެ އިންސީފް ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ އިތުރުން، އެ ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޯރ ސްޓޫޑެންޓްސް އެންޑް އިންޓަނޭޝަނަލައިޒޭޝަންގެ މަގާމެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން ދޭ އެލަމްނައި އައިކަން އެވޯޑަކީ، ލާމަސީލު ކާމިޔާބީތަކާއި، ފާހަގަކޮށްލެވޭ ފަދަ ލީޑަރޝިޕްގެ ހުނަރާއި، މުޖުތަމައަށާއި އަމިއްލަ ދާއިރާއަށް އަދި ޔުނިވަރސިޓީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ފާހަގަކޮށްލެވޭ ދަސްވެނިންނަށް ދެވޭ ވަރަށް ޝަރަފުވެރި އެވޯޑެކެވެ.

މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ ދާއިރާއިން ހޯދާފައިވާ އާދަޔާޚިލާފު ކާމިޔާބީތަކާއި، މުޖުތަމައަށް ކޮށްދީފައިވާ އިޖުތިމާއީ ޚިދުމަތްތަކުގެ ޒަރީއާއިން، ޔުނިވަރސިޓީއަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރީތި ނަން ހޯދައިދޭ ދަސްވެނިންގެ އަގު ވަޒަންކުރުމެވެ.

މި އެވޯޑް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް 2022 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.

ޕްރޮފްސަރ މުނިޒާއަކީ، ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފުރަތަމަ އަންހެން ޑެޕިއުޓީ މިނިސްޓަރުކަމާއި، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމުވެސް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

ޕްރޮފެސަރ މުނީޒާއަކީ އިސްލާމީ ފިގުހު އެކަޑަމީ (ރާއްޖޭގެ ފަތުވާ މަޖިލިސް) ގެ މެންބަރުކަމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހައްޖު ފަންޑުގެ ފުރަތަމަ ޗެއާމަންކަމުގެ އިތުރުން، މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްއަކީ ރާއްޖެއަކީ ދެކުނު އޭޝިއާގެ އިސްލާމީ މާލީ ނިޒާމުގެ މަރުކަޒަކަށް ހެދުމަށްޓަކައި ދިވެހި ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ. މީގެ އިތުރުން، ރާއްޖޭގެ ފުރަތަމަ އިސްލާމީ މައިކްރޯ ފައިނޭންސް މަޝްރޫޢު އެކުލަވައިލުމުގައި އިސްލާމީ މާލީ ނިޒާމުގެ ކޮންސަލްޓަންޓެއްގެ ގޮތުން އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އަދި ރާއްޖޭގައި މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޯޕަރޭޓް ސުކޫކްތަކާއި، ސަރުކާރުގެ ޕްރައިވެޓް ސުކޫކްތަކާއި އިސްލާމީ ޓްރެޜަރީ އިންސްޓްރޫމަންޓްތަކުގެ ޝަރީޢާ އެޑްވައިޒަރުކަން ކުރެއްވީވެސް ޕްރޮފެސަރ މުނީޒާއެވެ. ރާއްޖޭގެ އިސްލާމީ ކެޕިޓަލް މާކެޓްގެ ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގައިވެސް ކޮންސަލްޓަންޓެއްގެ ގޮތުން އެކަމަނާ މަސައްކަތް ކުރެއްވިއެވެ. 2013 ވަނަ އަހަރުން ފެށިގެން އެކަމަނާއަކީ ސީ.އެމް.ޑީ.އޭ ގައި ރަޖިސްޓްރީ ކުރެވިފައިވާ، އިސްލާމީ ކެޕިޓަލް މާކެޓްގެ އުފެއްދުންތައް ފަރުމާކުރުމުގެ ދާއިރާގެ ޚާއްޞަ ޝަރީޢާ އެޑްވައިޒަރެކެވެ. މީގެ އިތުރުން އެކަމަނާއަކީ މެލޭޝިޔާގެ ސެކިއުރިޓީޒް ކޮމިޝަންގެ ރަޖިސްޓްރީޑް ޝަރީޢާ އެޑްވައިޒަރެއްވެސް މެއެވެ.

2011އިން 2022 އަށް ސީއެމްޑީއޭ ގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވީ ޕްރޮފެސަރ މުނީޒާއެވެ. މިހާރުވެސް އެކަމަނާ ގެންދަވަނީ ތަފާތު އެކި މުއައްސަސާތަކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީތަކުގެ މުގައްރިރުކަން ކުރައްވަމުންނެވެ. އަދި މެލޭޝިޔާގެ ސީ.އައިއެމްބީ އިސްލާމިކް އާއި މިއުނިކް ރީގެ ބޯޑު ޝަރީޢާ ކޮމިޓީގެ މެންބަރެއްގެ ގޮތުން މަސައްކަތް ކުރައްވައެވެ. މީގެ އިތުރުން، އޭއޯއައިއެފްއައިގެ ޕަބްލިކް އިންޓްރެސްޓް މޮނިޓަރިންގ ކޮންސަލްޓޭޓިވް ކޮމިޓީ  ގެ މެންބަރުކަން ކުރައްވައެވެ.

ޕްރޮފްސަރ، މުނީޒާ، ޕީއެޗްޑީ ހެއްދެވީ، މެލޭޝިޔާގެ އިސްލާމީ ބޭންކިންގ ނިޒާމަށް ކުރިމަތިވާ ގާނޫނީ ފުށުއެރުންތަކުގެ މައްޗަށެވެ. ބެޗްލާސް ޑިގްރީއާއި މާސްޓަރ ޑިގްރީ ހެއްދެވި ޤާނޫނީ ދާއިރާއިންނެވެ.
ޕްރޮފްސަރ މުނީޒާއަށް އެވޯޑް ލިބިވަޑައިގެންނެވުމުން، އެކަމަނާއަށް މަރުހަބާ ދަންނަވައި، އިންސީފް  ޔުނިވަރސިޓީން ބުނެފައިވަނީ، ފަހުރުވެރި އެވޯޑަކީ، އިލްމީ ދާއިރާއާއި، އާންމު ޚިދުމަތުގެ އިތުރުން ދުނިޔޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށް އެކަމަނާ ކުރައްވަމުންދާ މިންނެތް މަސައްކަތާއި، ދުރުވިސްނޭ ލީޑަރޝިޕް އަދި މެދުނުކެނޑި ދެއްވަމުންދާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވުނު އެވޯޑެއް ކަމަށެވެ.

ޕްރޮސަރ މުނީޒާ. މިހާތަނަށް 10 ފޮތެއް ލިޔުއްވާފައިވެއެވެ. މި ހުރިހާ ފޮތެއް ވެސް މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އިސްލާމިކް ފައިނޭންސިންގ އާ ގުޅޭ ގޮތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *