ހދ. ނޮޅިވަރަމު ސްކޫލާއި ބ. ކަމަދޫ ސްކޫލުގެ އިތުރުން ގއ. އަތޮޅު މަދަރުސާއަށް ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ވަކިވަކިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، މި ތިން ސްކޫލަށް ޕްރިންސިޕަލުން ހޯދާން ކުރި އިއުލާނުގެ މުއްދަތު ހަމަވާނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރިންސިޕަލުންގެ ޝަރުޠެއްކަމަށް އެ އިއުލާނުގައި ބުނެފައިވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ޚިދުމަތް ކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އަދި ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.
އެއްވަނަ ރޭންކު ނަމަ އަސާސީ މުސާރައަކީ މަހަކު 16,647 ރުފިޔާއެވެ. އެލަވަންސަކީ 9,534 ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ 258 ރުފިޔާއެވެ. ދެވަނަ ރޭންކު ނަމަ މުސާރައަކީ 17,985 ރުފިޔާއެވެ. އެލަވަންސަކީ 10،300 ރުފިޔާއެވެ. ހާޒިރީ އަލަވަންސަކީ 279 ރުފިޔާއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ޤާބިލުކަން ކަށަވަރު ކުރުމުގައި ބަލާނެ ކަންތައްތަކުގައި އެންމެ ގިނަ މާކްސް ދެނީ އިންޓަވިއުއަށެވެ. އިންޓަވިއުއަށް 40 އިންސައްތަ ދޭއިރު، ޝަރުޠުތަކަށް 25 އާއި 30 އިންސައްތަ ކަނޑައަޅާފައިވެއެވެ. ޕްރެކްޓިކަލްއަށް 20 އިންސައްތަ އަދި ކިޔަވައިދިނުމާއި ހިންގުމުގެ ތަޖުރިބާއަށް ކޮންމެ ބަޔަކަށް 5 މާކްސް ކަނޑައަޅާފައިވެއެވެ.
ޕްރިންސިޕަލްކަމުގެ މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓުކުރާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު