އެމްއެންޔޫގެ ބުކްފެއަރގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ފޮތް މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

މި މައުރަޒު ކުރިއަށް ގެންދަނީ، އެ ޔުނިވަރސިޓީގެ އިދާރީ ކެމްޕަހުގައި، ސެޕްޓެމްބަރު މަހުގެ 3އިން 5އަށެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ 20 އޮގަސްޓްއެވެ.

އެމް.އެން.ޔޫ ފޮތް މައުރަޒަކީ އަދަބީ ހުނަރުތައް ކުރިއަރުވައި، ކިޔުމުގެ އާދަ އަށަގަންނަވައި، ދިވެހި ލިޔުންތެރިންނާއި، ފޮތް ޝާއިޢުކުރާ ފަރާތްތަކާއި، ފޮތް ވިއްކާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް އެ ޔުނިވަރސިޓީން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ހަރަކާތެކެވެ. މި މައުރަޒުގެ ސަބަބުން ދަރިވަރުންނަށާއި، މުވައްޒަފުންނަށާއި، ލިޔުންތެރިންގެ އިތުރުން ޢާންމު ރައްޔިތުންނަށް ތަފާތު އެކި ދާއިރާތަކުގެ ފޮތްތަކާއި އަދަބީ އުފެއްދުންތައް ދައްކާލުމުގެ މުހިންމު މަންސައެއް ލިބިގެންދާނެއެވެ.

މި ހަރަކާތުގެ މައިގަނޑު އެއް މަޤްޞަދަކީ ދިވެހި އަދަބިއްޔާތަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމާއި، ދިވެހި ލިޔުންތެރިންނާއި ޕަބްލިޝަރުންގެ އުފެއްދުންތައް ގިނަ ބަޔަކަށް ތަޢާރަފުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. ކިޔުންތެރިންނާއި، ލިޔުންތެރިންނާއި، ޕަބްލިޝަރުން އަދި ފޮތް ވިއްކާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވުމަކީ، ރާއްޖޭގައި އަދަބީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދިވެހި އަދަބިއްޔާތު ކުރިއެރުވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *