އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންއަކަށް ޑރ އާމިނަތު ރިޔާޒު، ފެކަލްޓީ އޮފް ހެލްތް ސައިންސަށްގެ ޑީންއަކަށް ޑރ. އާމިނަތު ސަނޫރާ އައްޔަން ކުރައްވައިފިއެވެ.
މި ދެ ބޭފުޅުން މަޤާމަށް އައްޔަން ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު އެމްއެންޔޫގައެވެ. ހެލްތް ސައިންސަސްގެ މިހާރުގެ ޑީންއަކީ ވެސް ޑރ. ސަނޫރާއެވެ. މިއީ އޭނާގެ ދެވަނަ ދައުރެވެ.
ޑރ. އާމިނަތު ރިޔާޒު ވަނީ، އެމްއެންޔޫގައި 24 އަހަރު ޚިދުމަތް ކުރައްވާފައެވެ. އެ ޔުނިވަރސިޓީގައި އެންމެ ފުރަތަމަ އޭބާ އާކުރެއްވީ، 1992 ވަނަ އަހަރު ހެލްތްސައިންސަސްގެ ލައިބްރަރޭރިއަންގެ މަޤާމެވެ. 15 އަހަރު އިދާރީ ދާއިރާގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން އަށް އަހަރު އެކަޑަމިކް ސްޓާފެއްގެ ގޮތުން އަށް އަހަރު ޚިދުމަތް ކުރެއްވިއެވެ. އޭނާ ވަނީ
ލެކްޗަރެއްގެ ގޮތުންނާއި ސީނިއަރ ލެކްޗަރާއެއްގެ އިތުރުން އެސިސްޓެންޓް ޕްރޮފްސަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ.
ޑރ. އާމިނަތު ރިޔާޒަށް، މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމްއެންޔޫދޭ ބެސްޓް އެކަޑަމިކް އެމްޕްލޯއީ އެވޯޑާއި އެންހޭންސިން ސްޓޫޑެންޓް އެކްސްޕީރިއަންސް އެވޯޑް ލިބިވަޑައިގެންފައިވެއެވެ.
މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑރ. އާމިނަތު ރިޔާޒު ވިދާޅުވީ، އާ ކޯސް އުފެއްދުމާ ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރުކުރަންޖެހޭ ކަމަށާއި އޭގެ އިތުރުން އިލްމް އުފެއްދުމުގެ ރޫހު އާލާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ފެކަލްޓީ އޮފް އާޓްސްގައި އޭނާގެ ބެއްލެވުމުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތަޞައްވަރުގައި މައިގަނޑު ހަތަރުކަމަކަށް އޭނާ އަމާޒުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެއީ އެކްސެލަންސް، އިންކުލޫޝަން، އިނޮވޭޝަން އަދި އިމްޕެކެޓެވެ.
އެކްސެލަންސްގެ ގޮތުގައި ޑރ. އާމިނަތު ރިޔާޒު ވިދާޅުވީ، "އަޅުގަނޑުމެން ކިޔަވައިދޭ ކިޔަވައިދިނުމަކީ އެންމެ ފުރިހަމަ ކިޔަވައިދިނުން ކަމުގައި ކަށަވަރު ކުރަންޖެހޭ. އަޅުގަނޑުމެންގެ ދިރާސީ ހޯދުންތަކަކީ އެންމެ ރަނގަޅު އެންމެ ކަމުދާ ދިރާސީ ހޯދުންތައް ކަމަށް ކަށަވަރު ކުރަންޖެހޭ" ކަމަށެވެ.
އިންކުލޫޝަން ނުވަތަ ޝާމިލުކަމަކީ، ފެކަލްޓީގެ އެންމެހައި މުއްޒަފުންނަށް ޝާމިލުވުމުގެ ފުރުޞަތު އޮންނަ ގޮތަށް ކަންތައްތައް ރޭވުން ކަމަށާއި ދަރިވަރުންނަށް އިންސާފުވެރި ޚިދުމަތްތަކެއް ފޯރުކޮށްދީ، ދަރިވަރުންނަށް ޝާމިލުވެވޭނެ ގޮތަށް ޚިދުމަތްތައް ދެވެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓެކްނޮލޮޖީއާއި އިޖްތިމާއީ އިޤްތިޞާދީ ބަދަލުތަކަށް ފައިހަމަކުރަން ޖެހޭއިރު، އެ ބަދަލުތަކަށް ކޯސްތައް ވެސް ބައްޓަންކުރަންޖެހޭ ކަމަށެވެ.
"އެދެނީ އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ ކުލާހުގެ ހަތަރު ފާރުން ބޭރުވެ ޔުނިވަރސިޓީގެ ގޯތިތެރެއިން ވެސް ބޭރުވެ މުޖްތަމައަށް ޚިދުމަތް ދެވޭ ވަރުގެ މަސައްކަތަކަށްވުން. ދަރިވަރުންނަކީ މަސައްކަތުގެ ތަޖުރިބާއާއެކު އުނގެނިގެން ދަސްވެނިވެގެން ނުކުންނަ ބަޔަކަށްވުން. ހަމަ އެހެންމެ ދިރާސީ އާޓިކަލްތަކާއި އިލްމީ ފޮތްތައް ވެސް އުފެއްދޭ ވަރުގެ ބަޔަކަށް އަޅުގަނޑުމެންގެ ދަރިވަރުންނާ ދާރިސުން ވާންޖެހޭ" ޑރ. އާމިނަތު ރިޔާޒު ވިދާޅުވިއެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންއަކަށް އައްޔަން ކުރެއްވި ޑރ. ޢާއިޝަތު ސަނޫރާ ވަނީ ޤައުމީ ޔުނިވަރސިޓީއަށް 19 އަހަރު ޚިދުމަތް ކޮށްދެއްވާފައެވެ. ޑރ. ސަނޫރާ އެ ޔުނިވަރސިޓީއާއި ފުރަތަމަ ގުޅިވަޑައިގަތީ، 2001 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕްރިންސިޕަލް އިންސްޓްރަރގެ މަޤާމަށެވެ.
އަދި އެއަށްފަހު ޔުނިވަސިޓީގައި އެސިސްޓެންޓް ލެކްޗަރަރ، ލެކްޗަރަރ، އަދި އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމް އަދާކުރެއްވުމަށްފަހު. ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމަށް ފުރަތަމަ އައްޔަން ކުރެއްވީ 2022 ވަނަ އަހަރުއެވެ.
މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޑރ. ސަނޫރާ މިއަދު ވިދާޅުވީ، ކުރިއަށް އޮތް ހަތަރު އަހަރު އޭނާ މަސައްކަތް ކުރައްވާނީ ޤައުމީ ފެންވަރުގައި އިސްކަންދޭ ދާއިރާތަކުން އައު ޕްރޮގްރާމުތައް ތަޢާރަފްކޮށް، ޕޯސްޓް ގްރެޖުއޭޓް ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށެވެ.
އޭނާ ވިދާޅުވީ، އޭއައިފަދަ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ހަލުވިކަމާއެކު އަންނަމުންދާ ކަމަށެވެ. އެގޮތުން އޭނާގެ ތަސައްވަރު ކަނޑއަޅާފައި ވަނީ ޒަމާނީ ބަދަލުތަކަށް ފައިހަމަކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި އިސްކަންދޭ ދާއިރާތަކުން އައު ޕްރޮގްރާމުތައް ތަޢާރަފްކޮށް، ޕޯސްޓް ގްރެޖުއޭޓް ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ.
advertisment
ހިޔާލު