ފޮތްތެރި ފަތިސް" ކުޑަކުދިން ކިޔާނެ ފޮތް ދިވެހިބަހުން ލިޔުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

"ފޮތްތެރި ފަތިސް" ކުޑަކުދިން ކިޔާނެ ފޮތް ދިވެހިބަހުން ލިޔުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއީ ދަރިވަރު ނޫހާއާއި ޔުނިވާސަލް ފައުންޑޭޝަން ގުޅިގެން، ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގެ ގަވާއިދު ވަނީ އާންމުކޮށްފައެވެ. މި މުބާރާތުގައި ބައިވެރިކުރާ ފޮތްތައް ހުށައަޅާނީ ފަރާތް ފޮތްތެރި ފަތިސް" އޮންލައިން ޕޯޓަލްއިން މެދުވެރިކޮށެއެވެ. މި މުބާރާތުގައި ބައިވެރިކުރާ ފޮތްތައް ހުށައެޅުމުގެ ސުންގަޑި ހަމަވާނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތަކީ، ކިޔަވާކުދިންނާއި ޒުވާނުންގެ އުފެއްދުންތެރިކަމާއި ލިޔުމާއި ކިޔުމުގެ ހުނަރު އަށަގެންނެވުމުގެ ގޮތުން، 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ޒުވާން ހުނަރުވެރިންނަށް އެ ކުދިންގެ ޚިޔާލުތައް ހިއްސާކޮށް ތަފާތު ދާއިރާތަކަށް ފިކުރު ހިންގަން ދަސްވެ، ލިޔުމާއި ކިޔުމުގެ ޝައުޤުވެރިކަން މުޅި އުމުރަށް އަށަގެންނެވުމަށް މަގުފަހިވެގެންދާނެއެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިއަށް ގެންދަނީ ދެ އުމުރުފުރައަކަށެވެ. އެއީ 13 އަހަރާ 15އަހަރާ ދެމެދު އަދި 16 އަހަރާއި 18 އަހަރާ ދެމެދު އުމުރުފުރައަށެވެ.

މިއީ ދަރިވަރު ނޫހާއި ޔުނިވަރސަލް ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ކުދިން، އިނގިރޭސިބަހަށް ވުރެ ދިވެހި ބަސް ދަސްކުރާ ނިސްބަތް ލަސްކަން ފާހަގަކުރެވޭއިރު، އެކަން އެހެން ދިމާވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ޒުވާން ޖީލުތަކަށް ބޭނުންވާ ފޮތްފަދަ ތަކެތި ލިބުން މަދުކަން ޔުނިވަރސަލް ފައުންޑޭޝަނުން ވަނީ ފާހަގަކޮށްފައެވެ "ފޮތްތެރި ފަތިސް" ފޮތް ލިޔުމުގެ މުބާރާތުގެ މައިގަނޑު މަޤްޞަދަކީ، މި މައްސަލަ ޙައްލުކުރުމަށް ދަރިވަރުންނަށް ބާރުއެޅުމާއި ލިޔުންތެރިކަމުގެ ހުނަރު އެ ކުދިންނަށް ދަސްކޮށްދިނުމެވެ. 

މި މުބާރާތުގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތައް ޝާއިއުކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް އެ ކުދިންނަށް ފަހިވެގެން ދާނެއެވެ.

ޒުވާން ސިކުނޑިތައް ތަރުބިއްޔަތުކޮށް، ލިޔުންތެރިކަމުގެ ހަރަކާތެއްގައި ބައިވެރިވުމަށް މަގު ފަހިކޮށްދިނުމަކީ، އެ ކުދިންގެ އުފެއްދުންތެރިކަން އިތުރުކޮށްދިނުމުގެ އިތުރުން މުޖުތަމައަށް ފައިދާ ކުރާނެ ބޮޑު މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުންކަން ވެސް، ޔުނިވަރސަލް ފައުންޑޭޝަނުން ފާހަގަކޮށްފައިވެއެވެ.

ޔުނިވަރސަލް ފައުންޑޭޝަނުން ފާހަގަކުރި ގޮތުގައި، ދިވެހި ބަސް ރައްކާތެރިކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ކުދިންނަށް ޚާއްޞަ ނޫސް ޕްލެޓްފޯމެއް ޤާއިމުކުރުމަށް ދާރިވަރު ނޫހުން ކުރަމުން ގެންދާ މަސައްކަތްތަކަކީ ވަރަށް އަގުހުރި ޚިދުމަތެއް ކަމަށެވެ. އަދި އެ ފައުންޑޭޝަނުން ބުނެފައިވަނީ، އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެކުދިންގެ ކިޔެވުމުގައި އިތުރު ކާމިޔާބީތައް ހޯދުމަށް ދަރިވަރު ނޫހުގެސަބަބުން، ހިތްވަރު ލިބިގެންދާ ކަމަށެވެ.

ޔުނިވާސަލް ފައުންޑޭޝަނުން އަންނަނީ، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ސަރުކާރާއި އަމިއްލަ ޖަމާއަތްތަކާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ އެހީގައި މުޖްތަމައަށް ގިނަގުނަ ޚިދުމަތްތަކެއް ކުރަމުންނެވެ. 

ދަރިވަރު ނޫހަކީ ތައުލީމީ ދާއިރާއަށް ޚާއްޞަކޮށް ރާއްޖޭގައި ނެރޭ އޮންލައިން ނޫހެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *