އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ)ގެ ރެސްޕޮންސިބަލް ފިއުޗަރސް އިންޓަރނޭޝަން (އާރުއެފްއައި) ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބައިވެރިވެއްޖެއެވެ.
އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސްގައި އެމްއެންޔޫއިން ބައިވެރިވިތާ ދެ އަހަރުވެފައިވާއިރު، ސްޕޮންސިބަލް ފިއުޗަރސް އިންޓަރނޭޝަންގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.
މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ.
"ރެސްޕޮންސިބަލް ފިއުޗަރސް އިންޓަރނޭޝަނަލް" އަކީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ހުރިހާ ދާއިރާއެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުތައް އަށަގަންނުވައި، އެކަންކަން ތަންފީޛުކުރުމުގައި ދަރިވަރުން އިސްދައުރެއް އަދާކުރުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިއީ "ސްޓޫޑެންޓްސް އޯގަނައިޒިންގ ފޯ ސަސްޓެއިނަބިލިޓީ (ސޮސް ޔޫކޭ)އިން ފަރުމާކޮށް، 2023 ވަނަ އަހަރު އައިއޭޔޫ އާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢާރަފުކުރި ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ތަޢުލީމު (އީއެސްޑީ) މަންހަޖުތަކުގެ ތެރެއަށް ވެއްދުމަށާއި، އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީއެސް) ހާސިލުކުރުމަށް މުއައްސަސާގެ ފެންވަރުގައި މަސައްކަތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ އެންމެ އިސް މަތީ ތަޢުލީމުދޭ މަރުކަޒުގެ ހައިސިއްޔަތުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށް ތަޢުލީމާއި، ދިރާސާއާއި، އައު އީޖާދުތަކާއި އަދި އިޖުތިމާޢީ ޚިދުމަތުގެ ޒަރީޢާއިން ޚިދުމަތްކުރުމަކީ ޤައުމީ ޔުނިވަރސިޓީގެ މުހިންމު މަސްއޫލިއްޔަތެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ. "ރެސްޕޮންސިބަލް ފިއުޗަރސް" ޕްރޮގްރާމަކީ ޔުނިވަރސިޓީގެ ތަޞައްވުރާއި ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާއާ ވަރަށް ބޮޑަށް ގުޅިފައިވާ ޕްރޮގްރާމެކެވެ. މީގެ ސަބަބުން ދަރިވަރުންނާއި މުވައްޒަފުން ގުޅިގެން، ކިޔަވައިދިނުމާއި އުނގެނުމުގެ ތެރެއިންނާއި ޔުނިވަރސިޓީގެ ޢާންމު ހިންގުމުގެ ތެރެއިން ދެމެހެއްޓެނިވި ސިޔާސަތުތައް ކުރިއެރުވުމަށް ބާރު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަކީ، އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތަށް ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށް އެމްއެންޔޫއިން ދެކެއެވެ. އެމްއެންޔޫގެ 2026-2030 ގެ ސްޓްރެޓީޖިކް ޕްލޭނާއި، ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ދަށުން، ކިޔަވައިދިނުމާއި، ދިރާސާކުރުމާއި، އިދާރީ ހިންގުމާއި، ކެމްޕަސް އޮޕަރޭޝަންތަކުގައި މިހާރުވެސް ވަނީ ދެމެހެއްޓެނިވި ކަންކަމަށް އިސްކަންދީފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނާއި މުވައްޒަފުންގެ ގުޅުން ބަދަހިވެ، މަންހަޖުތަކުގެ ތެރެއަށް ދެމެހެއްޓެނިވި ތަރައްޤީގެ މަފްހޫމްތައް އިތުރަށް ފުންކޮށް ވެއްދުމަށް މަގުފަހިވާނެއެވެ.

ރެސްޕޮންސިބަލް ފިއުޗާސް އިންޓަނޭޝަނަލް
ރެސްޕޮންސިބަލް ފިއުޗާސްއަކީ ތައުލީމީ މުއައްސަސާތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއަށް ދެމެހެއްޓެނިވި ތަރައްގީގެ މަފްހޫމްތައް ފުރިހަމައަށް ލާމެހިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ މުޅި މުއައްސަސާ ޝާމިލުވާ ހަރަކާތެކެވެ. މިއީ ދަރިވަރުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ، އެހީތެރިކަން ފޯރުކޮށްދޭ ބަދަލުތަކެއް ގެނައުމުގެ ޕްރޮގްރާމަކަށްވާއިރު، މިއީ ފެންވަރު ވަޒަންކުރާ އެކްރެޑިޓޭޝަން މާކެއްވެސްމެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ނިޒާމުގެ މައި ތަނބަކަށް ދެމެހެއްޓެނިވި ތަރައްގީ ހެދުމެވެ. މި ހަރަކާތުގެ އޮނިގަނޑު އެހީތެރިވެދެނީ މުވައްޒަފުންނާއި ދަރިވަރުން ގުޅިގެން، ކިޔަވައިދިނުމުގެ ހުރިހާ މަރުހަލާއެއްގައި ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތައް ހިމެނުމަށް މަގުފަހިވާނެ މާހައުލެއް ގާއިމުކުރުމަށެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ތައުލީމަށް ގާނޫނީ ހައިސިއްޔަތާއި އިތުރު ބާރުވެރިކަމެއް ލިބިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، ދަރިވަރުން ތައުލީމު ނިންމައި ނުކުންނައިރު، އިންސާފުވެރި އަދި ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ އިލްމާއި، ހުނަރާއި، ސިފަތައް އެކުދިންގެ ކިބައިގައި ހުންނާނެކަން ކަށަވަރުވެގެންދެއެވެ.
ބައިނަލްއަގުވާމީ ޕްރޮގްރާމް
ރެސްޕޮންސިބަލް ފިއުޗާސް ފުރަތަމަ ފެށީ 2014 ވަނަ އަހަރު 'ސްޓޫޑެންޓްސް އޯގަނައިޒިން ފޯ ސަސްޓެއިނަބިލިޓީ ސޮސް ޔޫކޭ އިންނެވެ. މި މަސައްކަތް ފެށީއްސުރެ އިނގިރޭސިވިލާތާއި ބައިނަލްއަގުވާމީ ފެންވަރުގައި 53 މުއައްސަސާއަކުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. މި ހުރިހާ އިދާރާތަކެއް އެކުވެގެން ގާތްގަނޑަކަށް 1.1 މިލިއަން ދަރިވަރުން ތަމްސީލުކުރެއެވެ. އިނގިރޭސިވިލާތުގައި މި ޕްރޮގްރާމަށް ލިބުނު ކާމިޔާބީއަށްފަހު، ސޮސް ޔޫކޭ އާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވާސިޓީސް ގުޅިގެން 2023 ވަނަ އަހަރު ވަނީ މި ޕްރޮގްރާމްގެ ބައިނަލްއަގުވާމީ އެޑިޝަނެއް ތައާރަފުކޮށްފައެވެ. އޭގެ ފަހުން، 2024/25 ވަނަ އަހަރު އިތުރު 10 މުއައްސަސާއަކުން މި މަސައްކަތާ ގުޅިފައިވެއެވެ.
ޕައިލެޓް ގްރޫޕުގެ ތަޖުރިބާ
ސޮސް ޔޫކޭ އިން ބައިނަލްއަގުވާމީ ޕައިލެޓް ޕްރޮގްރާމް 2023 ވަނަ އަހަރު ފެށީ ހަތް މުއައްސަސާއަކާއެކުގައެވެ. މީގެ ތެރޭގައި ހިމެނޭ ހަ ޔުނިވާސިޓީއާއި އެއް ކޮލެޖަކީ ކުރިންވެސް ދެމެހެއްޓެނިވި ތަރައްގީއަށް ބޮޑު އިސްކަމެއްދީ، މުޅި މުއައްސަސާގެ ފެންވަރުގައި އެފަދަ ސްޓްރެޓެޖީތަކެއް ތަންފީޒުކުރަމުންދިޔަ ތަންތަނެވެ. މި މުއައްސަސާތަކުން ވަނީ ބައިނަލްއަގުވާމީ ރެސްޕޮންސިބަލް ފިއުޗާސް އޮނިގަނޑު އެކުލަވާލުމުގައާއި، މި ޕްރޮގްރާމް ފަރުމާކޮށް ހިންގާނެ ގޮތް ކަނޑައެޅުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
"ރެސްޕޮންސިބަލް ފިއުޗާސް އިންޓަނޭޝަނަލްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވާސިޓީތައް އެއްގަލަކަށް އަރައި، އެއް އޮނިގަނޑެއްގެ ތެރެއިން ތަޖުރިބާތަކާއި ހުނަރުތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ޔުނިވާސިޓީގެ އެތެރޭގެ ދިގު މަރުހަލާތަކަކަށް ނުގޮސް، ފެށުނީއްސުރެ ދަރިވަރުންގެ ބައިވެރިވުން ކަށަވަރުކޮށްދޭ މިފަދަ ޕްރޮގްރާމެއް އޮތުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ."
އައިއޭޔޫގެ ރައީސް އަދި އޮސްޓްރޭލިއާގެ މާޑޮކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އަދި ރެސްޕޮންސިބަލް ފިއުޗާސް އިންޓަނޭޝަނަލް ޕްރޮފެސަރ އެންޑްރޫ ޑީކްސް ވިދާޅުވެފައިވެއެވެ.
2030 ވަނަ އަހަރުގެ އެޖެންޑާ ހާސިލުކުރުމުގައި މަތީ ތައުލީމުގެ ދައުރާއި، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ތައުލީމުގެ މުހިންމުކަން އައިއޭޔޫ އިން ވަރަށް ބޮޑަށް ބަލައިގަނެއެވެ އައިއޭޔޫ އިން މި ޕްރޮގްރާމް އެންޑޯޒްކުރަން ނިންމީ ދަރިވަރުންގެ ބައިވެރިވުމާއި ގުޅިގެން މަސައްކަތްކުރުމަށް މި ޕްރޮގްރާމްގައި ދީފައިވާ އަހައްމިއްޔަތުގެ ސަބަބުންނެވެ. މިއީ މުސްތަގުބަލުގައި ޔުނިވާސިޓީތަކުން ކުރިއަށްގެންދާ ދެމެހެއްޓެނިވި ހަރަކާތްތައް ކާމިޔާބުކުރުމަށް ލިބޭ ބޮޑު ބާރެކެވެ. އެކި ގައުމުތަކާއި ތަފާތު ތައުލީމީ ނިޒާމުތަކުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާތީ، މީގެ ސަބަބުން މަތީ ތައުލީމީ އިދާރާތަކަށް ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އިތުރު ފަސޭހަތަކެއް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އައިއޭޔޫ އަށް ލިބިފައިވެއެވެ.
advertisment
ހިޔާލު