ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކުގެ އަދަދު 21 އަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ.) އިން މިދިޔަ އަހަރު ތަޢާރަފުކުރި 16 ޕްރޮގްރާމާއި، މިއަހަރު އަލަށް އިތުރުކުރި ތިން ދާއިރާއާއެކު، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޕްރޮގްރާމްތަކުގެ އަދަދު މިހާރު ވަނީ 21 އަށް އިތުރުވެފައެވެ. މިއަހަރު އަލަށް ތަޢާރަފުކުރި ތިން ދާއިރާއަކީ ދިވެހި ސަޤާފަތާއި ތާރީޚު، ސޯޝަލް ސައިންސް އަދި ޤާނޫނީ ދާއިރާއެވެ. މީގެ އިތުރުން، ނާރސިންގ އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމްގެ ދާއިރާއިން ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އެމް.އެން.ޔޫ އިން މިހާރު ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން އެމް.އެން.ޔޫ.ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ޕީ.އެޗް.ޑީ ޕްރޮގްރާމްތައް ފުޅާކުރުމަކީ ޤައުމުގެ މުސްތަޤުބަލަށް މުހިންމު ދާއިރާތަކުން ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، މަތީ ފަންތީގެ ފަންނީ މީހުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކަކީ ރާއްޖޭގެ މުސްތަޤުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. ޤައުމީ ޔުނިވަރސިޓީގެ ހައިސިއްޔަތުން، އައު ޢިލްމު އުފައްދައި، ދައުލަތުގެ ސިޔާސަތުތައް އެކުލަވައިލުމުގައި އެހީތެރިވެދޭނެ އަދި ހެކީގެ މައްޗަށް ބިނާވެގެން ގޮތް ނިންމުމަށް މަގުފަހިކޮށްދޭނެ ދިރާސާވެރިންނާއި ޢިލްމުވެރިން ބިނާކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. މި ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިންނަށް އަމިއްލަ ޤައުމުގައި ތިބެގެން އެންމެ މަތީ ފަންތީގެ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބި، ޤައުމީ އަދި ބައިނަލްއަޤުވާމީ ތަރައްޤީގައި ސީދާގޮތުން ބައިވެރިވުމުގެ މަގު ތަނަވަސްވެގެންދާނެ،" ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ ޤައުމީ އިސްތިރާތީޖީ އަމާޒުތަކަށާއި، މަތީ ފަންތީގެ ދިރާސާތަކަށް އޮތް ބޮޑު ތަރުޙީބަށް ރިޢާޔަތްކޮށްގެންނެވެ. އެގޮތުން، ދިވެހި ސަޤާފަތާއި ތާރީޚުގެ ދާއިރާއިން ހުޅުވައިލި ޕީ.އެޗް.ޑީ ފުރުޞަތުގެ ސަބަބުން ރާއްޖޭގެ ތާރީޚާއި، ތަރިކައާއި، ބަހާއި، ސަޤާފަތުގެ އިތުރުން ދިވެހިންގެ އައިޑެންޓިޓީއާ ގުޅޭގޮތުން ފުޅާ ދިރާސާތަކެއް ކުރުމަށް މަގުފަހިވާނެއެވެ. އަދި ސޯޝަލް ސައިންސް އާއި ލޯ (ޤާނޫނީ) ދާއިރާގެ ޕްރޮގްރާމްތަކުގެ ސަބަބުން އިޖުތިމާޢީ އަދި އިޤުތިޞާދީ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޢިލްމީ ދިރާސާތައް އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މި ބަދަލާއެކު އެމް.އެން.ޔޫ އިން މިހާރު ބަހުގެ ދާއިރާ، ސައިންސް، އިންޖިނިއަރިންގ، ތަޢުލީމީ ދާއިރާ، އިސްލާމީ ދިރާސާތައް، ޕަބްލިކް ހެލްތު، ޤާނޫނީ ދާއިރާ، ސޯޝަލް ސައިންސް އަދި ދިވެހި ސަޤާފަތާއި ތާރީޚު ހިމެނޭހެން ތަފާތު އެކި ދާއިރާތަކުން ޕީ.އެޗް.ޑީއަށް ކިޔެވުމުގެ ފުރުޞަތު އޮންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން ފޯރުކޮށްދޭ 21 ޕީ.އެޗް.ޑީ ޕްރޮގްރާމަކީ:

  1. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ލިންގުއިސްޓިކްސް
  2. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (އެޕްލައިޑް މެތަމެޓިކްސް)
  3. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (ބަޔޮލޮޖީ)
  4. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (ކެމިސްޓްރީ)
  5. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (ކޮމްޕިއުޓަރ ސައިންސް)
  6. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (ޑޭޓާ ސައިންސް)
  7. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (އެންވަޔަރަންމަންޓަލް ސައިންސް)
  8. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (މެޓީރިއަލް ސައިންސް)
  9. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޕްލައިޑް ސައިންސް (ފިޒިކްސް)
  10. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިންޖިނިއަރިންގ (ކެމިކަލް އިންޖިނިއަރިންގ)
  11. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިންޖިނިއަރިންގ (ކޮމްޕިއުޓަރ އިންޖިނިއަރިންގ)
  12. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިންޖިނިއަރިންގ (އިލެކްޓްރިކަލް އިންޖިނިއަރިންގ)
  13. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިންޖިނިއަރިންގ (އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ)
  14. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިންޖިނިއަރިންގ (މެކޭނިކަލް އިންޖިނިއަރިންގ)
  15. ޑޮކްޓަރ އޮފް ފިލޯސަފީ އިން އެޑިޔުކޭޝަން
  16. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޝަރީޢާ
  17. ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ސްޓަޑީޒް
  18. ޑޮކްޓަރ އޮފް ފިލޯސަފީ އިން ޕަބްލިކް ހެލްތު
  19. ޑޮކްޓަރ އޮފް ފިލޯސަފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ
  20. ޑޮކްޓަރ އޮފް ފިލޯސަފީ އިން ސޯޝަލް ސައިންސަސް
  21. ޑޮކްޓަރ އޮފް ފިލޯސަފީ އިން ލޯ

އެމް.އެން.ޔޫ.ގެ ޕްރޮގްރާމްތައް ފުޅާކުރުމަކީ އެ ޔުނިވަރސިޓީގެ "ސްޓްރެޓީޖިކް ޕްލޭން 2026-2030″ އާއި، ރާއްޖޭގެ ތަރައްޤީގެ އިސްތިރާތީޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާ މަސައްކަތެކެވެ.

މީގެ މައިގަނޑު މަޤްޞަދަކީ ދިރާސާވެރިކަމާއި އައު އީޖާދުތަކަށް މަގުފަހިކޮށް، ރާއްޖެއަށް ކުރިމަތިވާ އެކި ދާއިރާތަކުގެ ގޮންޖެހުންތަކަށް ޢިލްމީ ޙައްލު ހޯދައިދިނުމެވެ. މީގެ އިތުރުން، މިއީ އެމް.އެން.ޔޫގެ ތަޞައްވަރާ އެއްގޮތަށް ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ

މި ޕްރޮގްރާމްތަކާ ބެހޭ އިތުރު މަޢުލޫމާތު courses.mnu.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު portal.mnu.edu.mv މެދުވެރިކޮށް ވަނީ ހުޅުވައިލެވިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *