ޗުއްޓީ ތެރޭގައި ކުދިންނާއިއެކީ ޗެސް ކުޅޭ ހިތުން މިފަހަރު މަކީނާ ނައުޝީން އަލީ ޗެސް ކިލާސްތަކެއް ބާއްވައިފިއެވެ.
ސްކްރީންގައި ކުޑަކުދިބް ވަގުތު ހޭދަކުރާ މިޒަނާނުގައި ފޮތަށް ލޯބިކުރާ ނައުޝީން ނިންމީ އޭނާގެ ފަރާތުން އެހެން ކުދިންނަށް ޗެސް އުނގަންނައިދޭށެވެ. ދުނިޔޭގެ ޗެސް ދުވަހާއި ގުޅުވައިގެން ބޭއްވުނު މި ޕްރޮގްރާމްތަކުގައި 12 ކުދިން، ރެޖިސްޓަރ ކުރިއެވެ. ދެ އުމުރު ފުރާއަކަށް އަމާޒުކޮށްގެން ހިންގި މި ފަންޗެސް ކިލާސްތަކަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހަގު ފިޑޭރޭޓެޑް ޕްލެއަރ މަކީނާ ނައުޝީން ޢަލީ ހިންގި ކިލާސްތަކެކެވެ. މިކިލާސްތައް ހިންގުމުގުގައި ނައުޝީންގެ މަންމަ އަދި ކޯޗުންގެ އެހީތެރިކަން ލިބުނެވެ.

ނައުޝީން އަކީ ތަފާތު ޤައުމުތަކުގައި ޗެސް ކުޅެ އަދި ޗެސް ވޯރކްޝޮޕްތައް ފުރިހަމަކުރަމުން އަންނަ ކުއްޖެކެވެ.

"އެހެން ކުދިންނަށް ޗެސް ކިޔައިދިނީމަ ވަރަށް ބޮޑަށް ދަސްވޭ. މަންމަ ޓިއުޝަން ދެއްވާނެ ކުޑަކުދިންނަށް، ނައުޝީން ޓިއުޝަން ގަޑީގަވެސް އެހީވަން. އެހެންވެ ވަރަށް ކިޔައިދޭހިތްވޭ ކުޑަކުދިންނަށް. ދެން މިފަހަރު މާލޭގައި ހުންނާތީ ބޭނުންވީ ގެއަށް ކުދިން ގެނެސްގެން ޗެސް ކުޅެން. ރައްޓެހިކުދިން ވެސް ގެންނަން. އެކަމަކު ބޭނުންވީ ޗެސް ދަސްކުރަން ބޭނުންވާ އެއްގޮތަކަށްވެސް ޗެސް ނުކުޅޭ ކުދިންނަށް ޗެސް ކުޅެން ދަސްކޮށްދޭން. އެހެންވެ ބަލާލީ ކިޔައިދެވޭނެތޯ. ނައުޝީން ބޭނުން ވަރަށް ޔަންގް ފިޑޭރޭޓަޑް ޕްލެޔަރސް ރާއްޖެއިން ވެސް ފެންނަން." ނައުޝީން ބުންޏެވެ.

ނައުޝީންގެ މަންމަ ބުނީ، އަމިއްލަ އަށް ޕޯސްޓަރެއް ކުރަހައިގެން ފޭސްބުކްގައި އެ ޕޯސްޓް ހިއްސާ ކުރަން ނައުޝީން އެދުނު ކަމަށެވެ. 1 ދުވަސް ތެރޭގައި 2 ގަޑިއިރަށް ދެމިގެން ދިޔަ މި ކިލާސްތައް ނައުޝީން ގެންދިޔައީ ވަރަށް މަޖާކޮށް، މައިންޑް މެޕް ތައްޔާރުކޮށް، ލެސަން ޕްލޭން ހަދައި، މެޓީރިއަލްސް ތައްޔާރުކުރީވެސް ޔޫޓިއުބް ބަލައިގެން ނައުޝީން އަމިއްލައަށް ކަމަށެވެ.

ނައުޝީން ދަނީ ޗެސްއިން އޮންލައިން ޓްރެއިނިންގް ގެ އިތުރުން ސްކޫލް ކްލަބް އަދި ޕްރައިވެޓް ކޯޗިން ވެސް ހޯދަމުންނެވެ. ނައުޝީންގެ އުންމީދަކީ ގިނަ ޗެސް ޕްރޮގްރާމްތަކުގައި ބައިވެރިވެ ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމެވެ. މިގޮތުން އިންޑިޔާ އަދި ސިންގަޕޫރުގައި ހިންގި މުބާރާތްރަކެއްގައި އަމިއްލަ ގޮތުން ބައިވެރިވެ ނައުޝީންވަނީ މީގެކުރިން ވަނަ ހާސިލްކޮށްފައެވެ.
އިންޓަރނޭޝަނަލް ޗެސް ފެޑެރޭޝަން (ފިޑޭ) އިން ވަނީ 2026 ވަނަ އަހަރަކީ ތަޢުލީމީ ދާއިރާގައި ޗެސް ކުރިއަރުވާ އަހަރުގެ ގޮތުގައި ކަނޑައަޅާފައެވެ. މި އަހަރުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސްކޫލް މަންހަޖުތަކުގައި ޗެސް ހިމަނައި، އުނގެނުމާއި ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް ބޭނުންކުރާ ވަރުގަދަ ވަސީލަތެއްގެ ގޮތުގައި ޗެސްގެ ދައުރު ފުޅާކުރުމެވެ. ނައުޝީންގެ މަސައްކަތް ފެށީ މި މަޤްޞަދުގައެވެ.
advertisment
ހިޔާލު