ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ޕްރިންސިޕަލް ޘުރައްޔާ އާއި ޑރ. ނާޞިރުގެ އިތުރުން އާދަމް ސައީދަށް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ގަލޮޅު މަދަރުސާގެ ޕްރިންސިޕަލް ޘުރައްޔާ އިބްރާހީމާއި އިރުޝާދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޑރ. މުޙައްމަދު ނާޞިރުގެ އިތުރުން ދ. ބަނޑިދޫ ސްކޫލުެ ޕްރިންސިޕަލް އާދަމް ސައީދަށް ލިބިވަޑއިގެންފިއެވެ. މި ތިން ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޒެވެ.

ޑރ. މުހައްމަދު ނަސިރުގެ ޚިދުމަތް: 

ޑޮކްޓަރ މުޙައްމަދު ނާޞިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 21 އެޕްރީލު 1982ގައި، ސ. މަރަދޫފޭދޫ ސްކޫލުގައި ވަގުތީ މުދައްރިސެއްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 42 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހެޑްމާސްޓަރު ކަމާއި، އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، މަދަރުސަތުލް އިރުޝާދިއްޔާގެ އެސިސްޓެންޓް ޕްރިންސިޕަލް ކަމާއި، ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމު ހިމެނެއެވެ.

ޑޮކްޓަރ މުޙައްމަދު ނާޞިރުގެ ތަޢުލީމީ ޚިދުމަތް ފެށިގެން އައީ، ސ. މަރަދޫފޭދޫ ސްކޫލުންނެވެ. އޭގެފަހުން، މ. އަތޮޅު މަދަރުސާގައްޔާއި، ގއ. އަތޮޅު މަދަރުސާގައްޔާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޑޮކްޓަރ މުޙައްމަދު ނާޞިރު ޚިދުމަތް ކުރެއްވި ސްކޫލް ތަކުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާއި، މަންހަޖުތަކާ އެއްގޮތްވާގޮތުގެ މަތިން އުނގަންނައިދިނުމުގެ ހަރަކާތްތައް ވިލަރެސް ކުރައްވައި ހިންގަވައިފައި ވެއެވެ. އަދި ވަށާޖެހޭ ތަޢުލީމަށް މަގުފަހިވާގޮތަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ފުރުޞަތު ހޯއްދަވައިދެއްވައި، މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވާ އިރުޝާދިއްޔާ ސްކޫލުން ދަސްވެނިވާ ދަރިވަރުންނަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ ބަޔަކަށް ހެދުމަށްޓަކައި ހިންގޭ ދަސްވާރު އަދި ބީޓެކް ޕުރޮގުރާމުތަކަކީ، ހަރުދަނާ ޕުރޮގުރާމުތަކަކަށް ހައްދަވައި ތަމްރީނު ހިންގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ސްކޫލުގެ މުދަލާއި، ފައިސާގެ ކަންތައްތަކާއި، ދަރިވަރުންނާއި، މުވައްޒަފުންގެ ރެކޯޑުތައް ފަރުވާތެރިކަމާއެކުގައި ބެލެހެއްޓެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިފައިވެއެވެ.

ދަރިވަރުންގެ ނަތީޖާއާ ގުޅޭގޮތުން ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމާއި، މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ދެނެގަނެ، ކަނޑައެޅިފައިވާ ފެންވަރަށް ސްކޫލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް، ޑޮކްޓަރ މުޙައްމަދު ނާޞިރު، މުދައްރިސުންނަށް ފޯރުކޮށްދެއްވައި، އަދި އަމިއްލަފުޅަށް އެފަދަ ތަމްރީނުތައް ދެއްވައިފައިވެސް ވެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ކިބައިގައި ދީނީ، އަޚުލާޤީ، އަދި ޤައުމީ ރޫޙު އާލާކޮށް، ހަރުދަނާ، ރަނގަޅު އާދަތައް އަށަގެންނެވުމަށްޓަކައި ޙަރަކާތްތައް ރާއްވަވައި ހިންގަވައި، ސްކޫލުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ޑޮކްޓަރ މުޙައްމަދު ނާޞިރު ކުރައްވައިފައި ވެއެވެ.

ޑޮކްޓަރ މުޙައްމަދު ނާޞިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އުސޫލުތަކާ އެއްގޮތަށް ސްކޫލް ހިންގުމަށް ބޭނުންވާ ސްޓްރެޓެޖިކް ޕްލޭނާއި، ސަބްޖެކްޓް އިމްޕްރޫވްމެންޓް ޕްލޭން ތައްޔާރުކުރައްވައި ތަންފީޒު ކުރައްވައިފައި ވެއެވެ. އަދި ސްކޫލް ވެބްސައިޓް ފަރުމާކުރައްވައި، ޕަބްލިޝް ކުރައްވައި، މުވައްޒަފުންގެ ވަރކް ސްޕޭސް ޕޯޓަލްތައް ތައްޔާރު ކުރައްވައި އޮންލައިންކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައިފައި ވެއެވެ. އިރުޝާދިއްޔާ ސްކޫލަކީ، ޕޭޕަރލެސް ސްކޫލަކަށް ހެއްދެވުމުގެ މަސައްކަތަކީ، ޑޮކްޓަރ މުޙައްމަދު ނާޞިރު ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.

ޑޮކްޓަރ މުޙައްމަދު ނާޞިރު މިހާރު ހުންނެވީ، އިރުޝާދިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޑޮކްޓަރ މުޙައްމަދު ނާޞިރުގެ ޕްރިންސިޕަލް ކަމުގެ ދަށުން އިރުޝާދިއްޔާ ސްކޫލުން ވަނީ، އައި.ޖީ.އެސް.އީ. އޯ.ލެވެލް. އަދި، އެސް.އެސް.ސީ. އިމްތިޙާނުގައި ޤައުމީ ފެންވަރުގައްޔާއި ދުނިޔޭގެ ފެންވަރުގައި ކުލަގަދަ ކާމިޔާބީތަކެއް ހޯދައިފައެވެ. އިރުޝާދިއްޔާ ސްކޫލަކީ، ހަރުދަނާ އުސޫލުތަކެއްގެމަތިން ހިންގޭ ސްކޫލެއްގެ ގޮތުގައި މުޖުތަމަޢުންވެސް ފާހަގަކުރާ ސްކޫލަކަށް ހެއްދެވުމުގައި ޑޮކްޓަރ މުޙައްމަދު ނާޞިރުގެ މިންނެތް މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.

ޑޮކްޓަރ މުޙައްމަދު ނާޞިރު، ސްކޫލް މެނެޖްމަންޓުގެ ދާއިރާއިން ޕީއެޗް.ޑީ. ހާސިލު ކުރައްވައިފައިވަނީ، ޔުނިވަރސިޓީ ސައިންސް މެލޭޝިޔާއިން 2024ވަނަ އަހަރުއެވެ.

ޘުރައްޔާ އިބްރާހިމްގެ ޚިދުމަތް: 

ޘުރައްޔާ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 13 އޮކްޓޫބަރު 1981ގައި، ޕޯސްޓް އޮފީހުގެ އިނގިރޭސި ކާތިބާގެ މަގާމުގައެވެ. ޕޯސްޓް އޮފީހުގައި ޚިދުމަތް ކުރެއްވުމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވައިލި ޕްރީ-ސްކޫލް ޓީޗަރުން ތަމްރީނު ކުރުމުގެ 1 އަހަރު ދުވަހުގެ ކޯހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ، ކުޑަކުދިންނަށް ކިޔަވައިދެއްވުމަކީ، ކުޑައިރުއްސުރެ ޘުރައްޔާ ޝައުޤުވެރިކަން ހުންނަ ކަމަކަށް ވުމުންނެވެ. ސްރީލަންކާގައި ކޯސް ފުރިހަމަކުރެއްވުމަށްފަހު އެނބުރި ވަޑައިގެން، އިސްކަންދަރު ސްކޫލުގެ ޕްރީ-ސްކޫލް ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ކުރިއްސުރެ ޕްރީ-ސްކޫލް ކްލާސްތައް ހިންގަވަމުން ގެންދެވީ ސަރުކާރުގެ ސްކޫލްތަކުގައެވެ. ނަމަވެސް، 1985ވަނަ އަހަރުން ފެށިގެން ޕްރީ-ސްކޫލް ކްލާސްތައް މާލޭގެ އަމިއްލަ މަދަރުސާ ތަކުގައްޔާއި އަވަށު މަދަރުސާ ތަކުގައި ހިންގަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށަށް ވަޒީފާ ބަދަލުކުރައްވައި، ގަލޮޅު މަދަރުސާގައި ޕްރީ-ސްކޫލް ޓީޗަރުގެ މަގާމާއި، ޕްރީ-ސްކޫލް ހެޑް ޓީޗަރުގެ ގޮތުގައި ޘުރައްޔާ ޚިދުމަތްކުރައްވައިފައި ވެއެވެ. އަދި ފަލާޙް ޕްރީ-ސްކޫލްގެ ހެޑް ޓީޗަރެއްގެ ގޮތުގައި 8 އަހަރެއްހައި ދުވަހު ޚިދުމަތްކުރެއްވުމަށްފަހު، އަލުން ގަލޮޅު މަދަރުސާގެ ޕްރީ-ސްކޫލް ހެޑް ޓީޗަރެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ފެށްޓެވިއެވެ. އެއީ، 1996ވަނަ އަހަރުގެ ތެރޭގައެވެ.

ޕްރީ-ސްކޫލުގައި ކިޔަވައިދެއްވުމުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ޘުރައްޔާ އިބްރާހީމް ހާސިލުކުރައްވައިފައި ވެއެވެ. މަސައްކަތުގެ މާޙައުލުގައި ޘުރައްޔާ އެންމެ ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދެވީ، ޕްރީ-ސްކޫލް މަރުޙަލާ، ނުވަތަ ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކުރުމަށްފަހު، ޕްރައިމަރީ މަރުޙަލާއަށް ބަދަލުވާއިރު އެ އުމުރުފުރައިގެ ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ޤާބިލު ދަރިވަރުންނަށް ހެއްދެވުމަށެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިންނާ ދެމެދު ގާތް ގުޅުމެއް އުފައްދަވައި، ގާތުން ކަންކަން ބައްލަވައި، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ޘުރައްޔާ ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަންޖެހެއެވެ.

ގަލޮޅު މަދަރުސާގައި ޘުރައްޔާ އިބްރާހީމް، ޚިދުމަތް ކުރައްވަމުން ގެންދަވާތާ 32 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، އެ މަދަރުސާ ހިންގުމުގެ މަސްއޫލިއްޔަތުވެސް 2004ވަނަ އަހަރުގެ ތެރޭގައި އުފުއްލަވަން ފެށްޓެވިއެވެ. ގަލޮޅު އަވަށުން އެކަމަށް އެދިވަޑައިގެންނެވުމުން، އެކަން ގަބޫލުކުރައްވައި، ފުރަތަމަ ޚިދުމަތްކުރެއްވީ، ގަލޮޅު މަދަރުސާގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލްގެ ގޮތުގައެވެ. އޭގެފަހުން، 4 ޖަނަވަރީ 2015 ގައި، ޕްރިންސިޕަލްގެ މަގާމަށް މާލޭ ސިޓީ ކައުންސިލުން ޘުރައްޔާ އިބްރާހީމް ހަމަޖެއްސެވިއެވެ. އެހާ ހިސާބަށް ވަޑައިގެންނެވުމަކީ، ޚިދުމަތުގެ ދިގު ހަޔާތުގައި ހޯއްދެވުނު އެންމެ ބޮޑު ކާމިޔާބީކަމުގައި ޘުރައްޔާ އިބްރާހީމް ދެކެވަޑައިގަންނަވައެވެ.

ޘުރައްޔާ އިބްރާހީމް، ސްރީލަންކާގައި ޑިޕްލޮމާ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޗައިލްޑް ކެއަރ ޕަރސަނަލްގެ ރޮނގުން ސިންގަޕޫރުގައި 1990ވަނަ އަހަރު 9 މަސްދުވަހުގެ ތަމްރީނު ކޯހެއް ފުރިހަމަ ކުރެއްވިއެވެ. އަދި 1995ވަނަ އަހަރު، ސްރީލަންކާގައި ޕްރީސްކޫލް މެނެޖްމަންޓްގެ ރޮނގުންވެސް ތަމްރީނު ކޯހެއް ފުރިހަމަ ކުރައްވައިފައި ވެއެވެ. އޭގެއިތުރުން، އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ރޮނގުން، މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުން 2020ވަނަ އަހަރު ޘުރައްޔާ ވަނީ، ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވައިފައެވެ.

ޘުރައްޔާ އިބްރާހީމް މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލުގައި ކިޔަވައިދެއްވާ ޕްރީ-ސްކޫލް ޓީޗަރުންގެ ކަންތައްތައް ބެލެހެއްޓެވުމާއި، ޓީޗަރުންގެ ފަންނީ ޤާބިލުކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، މި ރޮނގުން ބޭނުންވާ ތަމްރީނުތައް ހިންގަވައި، ޓީޗަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުއްވައި ދެއްވުން ހިމެނެއެވެ.

ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، ޘުރައްޔާ އިބްރާހީމް ކިޔަވައިދެއްވި ދަރިވަރުން ސަރުކާރުގެ އެކިއެކި ދާއިރާތަކުގެ އެކިއެކި މަގާމުތަކުގައްޔާއި، އަދި އަމިއްލަ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިއްބަވައިގެން ޤައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާކަން އެއީ، ޘުރައްޔާގެ ޚިދުމަތުގެ ފޮނި ނަތީޖާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

އާދަމް ސައީދުގެ ޚިދުމަތް: 

އާދަމް ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުގެ މަގާމުންނެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ސުޕަވައިޒަރުގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ދ. ބަނޑިދޫ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އާދަމް ސަޢީދުގެ ތަޢުލީމީ ދާއިރާގެ ޚިދުމަތް ފެށިގެން އައީ، ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައި، 1 ޖަނަވަރީ 1984 ގައެވެ. އޭގެފަހުން، ތ. އަތޮޅު މަދަރުސާގައްޔާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސުޕަވައިޒަރެއްގެ ހައިސިއްޔަތުން ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަންގައްޔާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި 2011އިން ފެށިގެން 2012އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި، ސްކޫލުތައް ހިންގުމުގެ ބައިގައި ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ.

އާދަމް ސަޢީދަކީ، ތަޢުލީމީ ދާއިރާގައި ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ. ޚިދުމަތް ކުރެއްވީ ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރެއްވުމަށެވެ. ޚިދުމަތް ކުރެއްވި ސްކޫލުތަކުގެ ދައިވަރުންނަށް އުނގަންނައި ދެއްވުމަށްޓަކައި ގަދައަޅައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްވެސް މެއެވެ. ފަށާ ތަޢުލީމުގެ މަރުޙަލާއިން ފެށިގެން ސާނަވީ މަރުޙަލާއާ ހަމައަށް ތަޢުލީމު އުނގަންނައި ދެއްވުމުގައި އާދަމް ސަޢީދު ކުރެއްވި މިންނެތް މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ.

އާދަމް ސަޢީދު އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ބަނޑިދޫ ސްކޫލުގައެވެ. އޭގެތެރޭގައި ބަނޑިދޫ ސްކޫލުގައި ރަސްމީ ތަޢުލީމު ތަޢާރުފްކޮށްދެއްވައި، ޤައުމީ މުޤައްރަރަށް ކިޔަވައިދޭން ފެށްޓެވުމާއި، ބެލެނިވެރިންގެ އެހީއާއެކުގައި ތަފާތު ރޮނގުރޮނގުން ސްކޫލަށް ކުރިއެރުން ހޯއްދަވައިދެއްވުމާއި، ގްރޭޑް 8 އުފެއްދުމަށްޓަކައި ބޭނުންވާ އެންޓްރެންސް ޓެސްޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާއެކުގައި ބާއްވަވައި، 27 ދަރިވަރުން ފާސްވުމުން އެންރޯލްމަންޓަށް 300 ކުދިން ހަމަކުރުމުގެ ގޮތުން ބެލެނިވެރިންނާއި، ރަށުގެ ކަމުވޮށިގެންވާ މީހުންގެ އެހީތެރިކަމާއެކުގައި އަތޮޅުތަކުން 60 ކުދިން ގެންނަވައިގެން ގްރޭޑް 8 އަށް ކިޔަވައިދޭން ފެށްޓެވުން ހިމެނެއެވެ. އެދުވަސްވަރަކީ ސްކޫލްތައް ހިންގުމުގައި ސަރުކާރުން ފުރިހަމައަށް އެހީތެރިކަން ދެއްވެން ނެތް ދަތި ދުވަސްވަރެއްކަމުން، އިނގިރޭސި ބަސް ކިޔަވައި ދިނުމަށްޓަކައި ސަރުކާރުން ޓީޗަރެއް ފޮނުއްވުމުން، ރަށުގެ ބެލެނިވެރިންގެ އެހީގައި އިތުރު ޓީޗަރެއް ހޯއްދަވައި، އަދި ވިލުރީފު ރިޒޯޓުގެ އެހީގައިވެސް އިތުރު ޓީޗަރަކު ހޯއްދަވައި ސްކޫލުގައި ކޮމާސް ސްޓްރީމް ތަޢާރުފްކުރައްވައި، ފުރަތަމަ ފަހަރަށް، 2004ވަނަ އަހަރު ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިކުރައްވައިފައި ވެއެވެ. އެ އަހަރު އެ ސްކޫލުގެ ނަތީޖާއަކީ އޭ.ޕީ. ސްކޯރ 41.42 ކަމުގައި ފާހަގަކޮށްލަންޖެހެއެވެ. ބަނޑިދޫ ސްކޫލުގެ ތަފާތު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ، އާދަމް ސަޢީދުކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެއިތުރުން، ރަށުގެ މުޖުތަމަޢަކީ ޑުރަގުގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެއްދެވުމުގައްޔާއި، ރަށުގައި އެކުވެރި އަމާން މާހައުލެއް ޤާއިމުކޮށްދިނުމުގައި އާދަމް ސަޢީދު މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. ރަށުގެ އިޖުތިމާޢީ ޙަރަކާތްތައް ކުރިއެރުވުމުގެ ގޮތުން އާދަމް ސަޢީދު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބަނޑިދޫ ޒުވާނުންގެ ސްޕޯޓްސް ކްލަބުގެ ރައީސްކަމާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމާއި، ރ.ކ. ކޮމިޓީގެ މެންބަރުކަމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި، ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކާޕެންޓްރީ ކޯހަކާއި، ނިލަންދެ އައި.އޭ.ޑީ.ޕީ. ޕްރޮޖެކްޓް، ވީ.ޓީ.ސީ.ގެ އެހީއާއެކުގައި ހިންގަވައިދެއްވައި، ރަށުގެ އެތައްބަޔަކު ތަމްރީނުކޮށްދެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އާދަމް ސަޢީދު، ޚިދުމަތުގައި މިހާތަނަށް 41 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، މިހާރު ހުންނެވީ ދ. ބަނޑިދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *