އެ ސްކޫލުގެ ބެލެނިވެރިން ސިފަކުރަނީ، އެއީ، ދަރިވަރުން މަސައްކަތުގެ އަމަލީ މައިދާނަށް ނެރެދޭން ކޮށި ފުޅާ މަގެއް ކަމަށް، މާޔޫސްވެފައި ތިބި ބެލެނިވެރިންނަށް ލިބުނު ބޮޑު އުއްމީދެއް ކަމަށް
މަތީ ސާނަވީގެ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލެ ވޮކޭޝަނަލް ހައި ސްކޫލް ޤާއިމްވިތާ އަހަރެއްހާ ދުވަސްވީއިރު، އެ ސްކޫލުގެ ފުރަތަމަ ބެޗްގައި ފަސް ދާއިރާއަކުން 60 ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ކިޔެވުން ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކްގައި އެ ސްކޫލަށް ޚާއްޞަކޮށްފައިވާ ފަންގިފިލާގައެވެ. އެ ދަރިވަރުން ކިޔަވަމުން ދަނީ، ދެ އަހަރު ދުވަހުގެ ކޯސްތަކެކެވެ. އެ ސްކޫލުން ދޭނީ ޔުނިވަރސިޓީއަކުން ޑިގްރީއެއް ނޫނީ ޑިޕްލޮމާއެއް ފުރިހަމަ ކުރަން އެމްކިޔުއޭއިން ޤަބޫލުކުރާ ލެވެލް 4ގެ ސެޓްފިކެޓެކެވެ. މިހާރު ކުރިއަށްދާ ބެޗްގައި ކިޔަވައިދެމުން ގެންދަނީ ފޮޓޯގްރަފީ، އައިޓީ، އަރކިޓެކްޗަރ، އިލެކްޓްރިކަލް އިންޖިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓެވެ.

މަތީ ސާނަވީގެ މަޖްބޫރު ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމް ވެސް އެ ސްކޫލުގެ ދަރިވަރުން ކިޔަވައެވެ.
މާލެ ވޮކޭޝަނަލް ހައި ސްކޫލާ މެދު އެންމެ ބޮޑު އުއްމީދެއްކޮށް، އެންމެ ބޮޑު ހިތްގަމަޖެހުމެއްގައި ތިބީ އެ ސްކޫލުގެ ބެލެނިވެރިނެނެވެ. ދަރިވަރު ނޫހާ ވާހަކަ ދެއްކި ހުރިހާ ބެލެނިވެރިން ވެސް އެ ސްކޫލާ މެދު ދެކެނީ އުއްމީދީ ނަޒަރަކުންނެވެ.
ސްމޯލް ބިޒްނަސްގެ ދާއިރާއިން ކިޔަވަމުންދާ ދަރިވަރެއްގެ މަންމަ ސުފައިރާ އުސްމާން ބުނީ، އޭނާ ދަރިފުޅު ސާނަވީ މަރުހަލާ ނިންމިއިރު އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ކަންކަމާ ކުރިމަތިލާން އޮންނަ ބިރު ވަރަށް ބޮޑު ނަމަވެސް މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ތެރެއިން، އަމިއްލައަށް އިސްނެގުމާއި ކަންކަމާމެދު ދެކޭގޮތް ބަދަލުވެއްޖެ ކަމަށެވެ.

"ދަރިފުޅަށް އައި އެންމެ ބޮޑު ބަދަލަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވުން. އިސްނަގައިގެން ކަންތައްތަކުގައި އުޅެން ފަށައިފި. މިހާރު އުޅެނީ ސްކޫލަށް ދާހިތުން. އެހެން ނޫންމަ ކުރިން ހެނދުނު ގޮވީމާ ނުދާން ބަހަނާ ދައްކާނީ" ސުފައިރާ ހުރީ އޭނާގެ ދަރިފުޅަށް އައި ބަދަލާއެކު ހިތްހަމަޖެހިފައެވެ. "އެ ބަދަލު އައީ މުދައްރިސުންނާއި ޓީޗަރުން އަދި ޕްރިންސިޕަލު ދިން އެހީތެރިކަމާއި އެއްބާރުލުމުން"
ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކު ފާހަގަކުރި ގޮތުގައި މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ މާހައުލަކީ ދަރިވަރުންނަށް އުފާވެރި މާހައުލެއް ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުން ކިޔަވަން ދަނީ ބޭނުންވެގެން ކަމަށެވެ. އަދި ބެލެނިވެރިންނާ އޮންނަ ހަރުދަނާ ގުޅުމުގެ ސަބަބުން ކުދިންނަށް އަންނަ ބަދަލުތަކާއި ގެންނަންޖެހޭ ބަދަލުތައް ފަސޭހަ ކަމާއެކު ގެނެވޭކަމަށް އޭނާ ފާހަގަކުރިއެވެ.

"ކުއްޖާއަށް އަންނަ ކުރިއެރުމާއި، ދެން ކުރަންވީ ކަމަކާއި، ގެންނަން ޖެހޭ ބަދަލުތައް ބެލެނިވެރިއަށް ކިޔައިދޭތީ އެއީ އެންމެ ހިތްހަމަޖެހުމެއް ލިބޭ ކަމަކީ" މަސައްކަތުގެ ދާއިރާއިން ދަރިފުޅަށް ލިބެމުންދާ ކުރިއެރުމާ މެދު މުދައްރިސެއްގެ އިތުރުން ބެލެނިވެރިއެއްގެ ހައިސިއްޔަތުން ވެސް އޭނާ ހުރީ ހިތްހަމަޖެހިފައެވެ.
އޭނާ ކިޔައިދިން ގޮތުގައި މަދު ޓީޗަރުންތަކެއް، ތަފާތު އެކި ވައްތަރުގެ ލާރނިންގ ޑިފިކަލްޓީއަށް ވިސްނައިގެން ކިޔެވުމުގެ އެކި މަރުހަލާތައް ކުރިއަށް ގެންދިއުމަކީ އުނދަގޫ ބޮޑު މަސައްކަތެއް ކަމަށެވެ. އެކަން ކުރިއަށްދާ ގޮތް އޭނާއަށް ކައިރިން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޕްރިންސިޕަލުން ފެށިގެން މުދައްރިސުން އެ ކުރަނީ ބުރަ އުނދަގޫ މަސައްކަތެއް. އަޚްލާޤަށާއި ހާޒިރީއާއި ޔުނީފޯމާއި ސްކޫލުގެ ހުރިހާ ގަވާއިދުތަކަށް ބޯލަބައިގެން ގެންގުޅުމަކީ އެހީ ފަސޭހަ ކަމެއް ނޫން. އެހެންވެ އަޅުގަނޑު ދޭނީ އެ ސްކޫލަށް ސަތޭކައިން ސަތޭކަ"

އެ ބެލެނިވެރިޔާ ދެއްކި ވާހަކައަށް އެހެން ބެލެނިވެރިއަކު ވެސް ތާއީދު ކުރީ ކުދިންގެ އަޚްލާގު ހިފަހައްޓަން އެ ސްކޫލުން ކުރާ މަސައްކަތަށް ތައުރީފު ކުރަމުންނެވެ.
އިލެކްޓްރޯނިކްސް ދާއިރާއިން ލެވެލް 3 ގެ ކޯހެއް ހަދަމުންދާ ދަރިވަރުގެ ބެލެނިވެރިޔާ ފާތިމަތު ޝާކިރާ ފާހަގަކުރި ގޮތުގައި ހުޅުމާލެ ސީއެޗްއެސްއީން މާލޭ ހައި ސްކޫލަށް އޭނާގެ ބެލުމުގެ ދަށުގައި ހުރި ކޮއްކޮގެ ދަރިފުޅު ބަދަލުކުރަން ނިންމި ނިންމުމަކީ އެއީ އޭނާއަށް ނިންމުނު މުހިންމު ނިންމުމެއް ކަމަށެވެ.
"ޕްރިންސިލް، ކުދިން ޑިސިޕްލިން ކުރުވަން ކުރުވާ މަސައްކަތް އަޅުގަނޑަށް ވަރަށް ކަމުދޭ. އަދި އެއާއެކު ޕޭރަންޓުންނާ ބާއްވާ ގުޅުން. ކުދިން ޒިންމާދާރު ކުރުވަން ކުރުވާ މަސައްކަތް. އެކުއްޖެއްގެ ލެވެލްއިން ކުރިއަށް ގެންދަން އެކުރާ މަސައްކަތް. ކުދިންނަށް ފުރުޞަތު ހޯދައިދޭން އެކުރާ މަސައްކަތް" ޝާކިރާ އޮއްސާލީ އޭނާގެ ހިތުގައި ސްކޫލަށް އޮތް ލޯތްބެވެ.

އެހެން ބެލެނިވެރިއަކު ފާހަގަކުރި ގޮތުގައި 18 އަހަރު ނުފުރޭ ކުދިން ކޯހެއް ހަދން ކޮލެޖްތަކަށް ދިއުމުގެ ބަދަލުގައި ދާންވީ ވޮކޭޝަނަލް ހައި ސްކޫލަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ، އެ އުމުރުގެ ކުދިން ސްކޫލެއްގެ ތެރެއިން ބެލެހެއްޓުންތެރިކަމާއެކު މަސައްކަތް ދަސްކުރެވިގެން ދިއުމަކީ އެއީ އެކުދިންގެ ކުރިމަގަށް އެޅޭނެ މުހިންމު ފިޔަވަޅަށް ވާތީއެވެ.
ދަރިވަރުން ޒިންމާދާރު ކުރުވުމަށް މާލޭ ވޮކޭޝަނަލް ހައި ސްކޫލުން ކުރަމުންދާ މަސައްކަތާ މެދު ވެސް ބެލެނިވެރިން ތިބީ ހިތްހަމަޖެހިފައެވެ. ޓިޖިޓަލް މެނޭޖްމަންޓް ސިސްޓަމެއްގެ ތެރެއިން ކުދިން ބާރުވެރިކޮށް ކުދިންނާ ކުދިންނާ ވާހަކަ ދެއްކޭނެ ނިޒާމެއް ވެސް އެ ސްކޫލުގައި ޤާއިމްކޮށްފައިވެއެވެ. މިއީ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ވަގުތުން މުއާމަލާތް ކުރެވޭ ހިފެހެއްޓުންތެރި ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން މުއާޞަލާތު ކުރުމަށް ވައިބަރ ގުރޫޕްތަކެއް ބޭނުން ނުކުރާނެއެވެ.

މަތީ ސާނަވީއަށް ކިޔަވައިދޭ އެހެން ސްކޫލްތަކޭ އެއްގޮތަށް މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުނަށް ވެސް އެކްސްޓްރާ އެކްޓިވީޓީސް ކުރިއަށް ގެންދެއެވެ. އިންޓަރ ސްކޫލް ފެންވަރުގައި ކުރިއަށް ގެންދާ މުބާރާތްތަކުގައި ވެސް ބައިވެރިވެވެއެވެ. މަތީ އަރުތަވެރިންގެ ގޮތުގައި ޤައުމީ ގަދަ ދިހައަކަށް ވެސް އެކުދިންނަށް ވާދަކުރެވެއެވެ.
ކޮންމެ ކުއްޖަކީ ފޮތުން ކިޔެވޭނެ ކުއްޖެއް ނޫނެވެ. އަދި ކުލާހުގައި ގިނަ ވަގުތު އިނދެވޭނެ ކުއްޖެއް ވެސް ނޫނެވެ. އަމަލީ މައިދާނުގައި ނަތީޖާ ނެރެނީ އިމްތިޙާނުން ވަނައެއް ހޯދާ ކުއްޖާއެއްވެސް ނޫނެވެ. މަސައްކަތްތެރި ކޮންމެ ދަރިވަރަކީ ހުނަރުވެރިއެކެވެ. އެ ހުނަރުވެރިކަން ދަރިވަރުންގެ ފެންވަރުގައި މިއަދު ނެރެދޭން ހުރީ މާލެ ވޮކޭޝަނަލް ހައި ސްކޫލެވެ. އެ ސްކޫލާމެދު ބެލެނިވެރިންގެ އުއްމީދު ބޮޑީ އެހެންވެއެވެ.
advertisment
ހިޔާލު