ރިސަރޗް އިން އިންޖިނިއަރިންގ ސައިންސާއި ކޮމްޕިއުޓަރ ސައިންސްގެ އިތުރުން ހިއުމަން ރިސޯސަސް މެނޭޖްމަންޓްގެ މާސްޓަރސް ޑިގްރީ ޕްރޮގްރާމެއް މި އަހަރުގެ ދެވަނަ ޓާމުގައި އަލަށް ފަށާނެ
ދިވެހި ސަޤާފަތާއި ތާރީޚު، ސޯޝަލް ސައިންސާއި ޤާނޫ ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމްތަކެއް ފަށަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައި، އެކަން އިއުލާން ކޮށްފިއެވެ.
އަލަށް ތަޢާރަފުކުރި ކޯސްތަކަކީ:
• ޑޮކްޓަރ އޮފް ފިލޯސަފީ އިން މޯލްޑިވިއަން ކަލްޗަރ އެންޑް ހިސްޓްރީ
• ޑޮކްޓަރ އޮފް ފިލޯސަފީ އިން ސޯޝަލް ސައިންސް
• ޑޮކްޓަރ އޮފް ފިލޯސަފީ އިން ލޯ
• މާސްޓަރ އޮފް ރިސާޗް އިން އިންޖިނިއަރިންގ ސައިންސް
• މާސްޓަރ އޮފް ސައިންސް އިން ކޮމްޕިއުޓަރ ސައިންސް
• މާސްޓަރ އޮފް އާރޓްސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް
މި ކޯސްތަކަކީ ދިރާސާކުރުމާއި، އާދަޔާޚިލާފު އައު އީޖާދުތަކަށް މަގުފަހިކުރުމަށާއި، ތަޢުލީމީ ފެންވަރު މަތިކޮށް ޤައުމީ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އެމް.އެން.ޔޫ އިން ކުރަމުންދާ މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ބަދަލާއެކު، އެ ޔުނިވަރސިޓީން ހިންގާ ޕީ.އެޗް.ޑީ ޕްރޮގްރާމްތަކުގެ އަދަދު ވަނީ 18 އިން 21 އަށް އިތުރުވެފައެވެ. މިއީ އެ ޔުނިވަރސިޓީގެ ތާރީޚުގައި ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

އަލަށް ފަށާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ، އަލަށް ފަށާ ކޯސްތަކަކީ ދިރާސާކުރުމާއި ފަންނީ ތައުލީމުގެ ދާއިރާ އިތުރަށް ވަރުގަދަކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އެ ޕްރޮގްރާމްތައް ބައްޓަންކޮށްފައި ވާނީ ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކުން ކިޔަވާ، ތައުލީމީ ބޭފުޅުންނާއި ދިރާސާވެރިން ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.
ޑރ. ޝެހެނާޒު ވިދާޅުވީ، ދިވެހި ސަޤާފަތާއި ތާރީޚްގެ ދާއިރާއިން ތަޢާރަފްކުރާ ޕީއެޗްޑީ ޕްރޮގްރާމަކީ ރާއްޖޭގެ ތާރީޚާއި، ތަރިކައާއި، ބަހާއި، އާދަކާދަތަކަށް ދިރާސާކުރާނެ ފުރުޞަތު ފަހިކުރުމަށްޓަކައި ހުޅުވާލެވޭނެ މުހިއްމު މަގެއް ކަމަށެވެ. ސޯޝަލް ސައިންސްގެ ޕީއެޗްޑީ ޕްރޮގްރާމުގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކަށް ޢިލްމީ ހައްލުތަކެއް ހޯދުމަށް މަގުފަހިވާނެ ކަމަށާއި ހަމައެގޮތަށް ޤާނޫނީ ދާއިރާއިން ޕީއެޗްޑީ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމާއި، ދައުލަތް ހިންގުމުގެ ދާއިރާއިން މާހިރުން ބިނާވެގެން ދިއުމަކީ އަޅުގަނޑުމެންގެ އަމާޒެއް ކަމަށެވެ.. މީގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމަންޓް އާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ތަޢާރަފްކުރާ މާސްޓަރސް ޕްރޮގްރާމްތަކާއި
އިންޖިނިއަރިންގް ސައިންސްގެ ދާއިރާއިން ތަޢާރަފްކުރާ މާސްޓަރ އޮފް ރިސަރޗް ޕްރޮގްރާމަކީ ރާއްޖޭގެ ޓެކްނޮލޮޖީއާއި ހިންގުމުގެ ދާއިރާއިން އާ އުސްމިންތަކަށް ދެވުމަށް ފުރުޞަތު ހުޅުވޭނެކަން ފާހަގަކުރައްވައި ޑރ. ޝެހެނާޒު ވިދާޅުވީ، އެ ޕްރޮގްރާމްތަކަކީ މުސްތަޤްބަލަށްޓަކައި ކުރެވޭ މުހިއްމު އިންވެސްޓްމަންޓެއް ކަމަށެވެ. އޭގެ ސަބަބުން ބޭރު ޤައުމުތަކަށް ބަރޯސާނުވެ، އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތިބެ މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.
ރަޖިސްޓްރާ މުޙައްމަދު ލާމިރު ވިދާޅުވި ގޮތުގައި، މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އިންޓޭކުގައެވެ. އަދި ކޯސްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތަކާއި އިތުރު މަޢުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ޔުނިވަރސިޓީގެ ރަސްމީ މަންސަތަކުން ހާމަކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހުރިހާ ކޯސްތަކަކީވެސް ޤައުމީ ފެންވަރުގައި މިހާރު އިސްކަންދޭ ދާއިރާތަކަށާއި، މަތީ ތަޢުލީމަށް އޮތް ޑިމާންޑަށް ރިޢާޔަތްކޮށް ފަރުމާކޮށްފައިވާ ކޯސްތަކެކެވެ. މި ފުރުޞަތުތަކާއެކު، ރާއްޖޭގެ އެންމެ އިސް ތަޢުލީމީ މުއައްސަސާގެ ހައިސިއްޔަތުން އެމް.އެން.ޔޫ އިން ދަނީ ދިރާސާކުރުމާއި އައު އީޖާދުތަކަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
advertisment
ހިޔާލު