މިއީ، ގުރޭޑް 9ގެ އިސްލާމް ފޮތުގައި ހިމަނާފައިވާ މައުޟޫއެއްގެ މައްޗަށް ދަރިވަރުންނަށް އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ގެނެސްދީފައިވާ ލިޔުމެކެވެ.
ލިޔުނީ: ހަލީމަތު ނަޖްވާ
އިންސާނާ އުފައްދަވައި، އެންމެ ފުރިހަމަ ސޫރައިގައި އޭނާ ފަރުމާކުރެއްވި ކުޅަދުންވަންތަ މާތްﷲ ވަނީ އިންސާނާއަށް އެހެނިހެން މަޚްލޫޤުންގެ މައްޗަށް ބޮޑުވެގެންވާ ކަރާމާތަކާއި މާތްކަމެއް ދެއްވާފައެވެ. ސޫރައާއި ސިފަ މާތްކުރެއްވުމުގެ އިތުރުން، އިންސާނާގެ ހަގީޤީ އަގާއި، އޭނާގެ އިއްޒަތާއި ގަދަރު ސީދާ ގުޅިފައިވަނީ އޭނާގެ ކިބައިގައި ހުންނަ އަޚުލާޤީ ސިފަތަކާއެވެ. އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކަކުން ފުރިހަމަވާ ދީނެއް ނޫނެވެ. އެއީ އިންސާނާގެ މުޅި ޙަޔާތް ތަރުތީބުކޮށްދޭ، އަދި އެ ދީނުގެ މުޅި އަސާސް ރީތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ޝަރީޢަތެކެވެ. މުޖުތަމަޢެއްގެ އަމާންކަމާއި، އާއިލާއެއްގެ އުފާވެރިކަމާއި، ފަރުދެއްގެ ކާމިޔާބީގެ އެންމެ ފުން އަސާސަކީ ރީތި އަޚުލާޤެވެ.
އަޚުލާޤުގެ މާނައާއި އޭގެ ޙަޤީޤަތް
"އަޚުލާޤު" މި ބަހަކީ ޢަރަބި ބަހުގެ "ޚުލުޤު" (خُلُق) މި ބަހުގެ ޖަމްޢު (ގިނަގުނަ) ގޮތެވެ. އިސްލާމީ ފިޤުހާއި އަޚުލާޤީ ޢިލްމުވެރިންގެ ނަޒަރުގައި އަޚުލާޤަކީ އިންސާނާގެ ނަފްސުގައި އަހުލުވެރިވެ، ބޫޓުލެވި، ސާބިތުވެފައިވާ އެތެރެހަށީގެ ސިފަތަކެކެވެ. އެ ސިފަތަކުގެ ސަބަބުން، އިތުރު ފިކުރުކުރުމަކާ ނުލައި، ވަރަށް ފަސޭހަކަމާއެކު އޭނާގެ އަމަލުތަކާއި ބަސްތައް ބޭރުފުށަށް ފާޅުވެގެންދެއެވެ.
އަޚުލާޤު މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ:
- Ø ރިވެތި އަޚުލާޤު (އަލް-އަޚުލާޤު އަލް-ޙަސަނާ): އެއީ އިންސާނާގެ ކިބައިގައި ހުންނަ ހެޔޮ، ރަނގަޅު، އަދި އިސްލާމީ ޝަރީޢަތާއި އިންސާނީ ތަބީޢަތު ތައުރީފުކުރާ ސިފަތަކެވެ. އޭގެ ތެރޭގައި ތެދުވެރިކަން، އަމާނާތްތެރިކަން، ކެތްތެރިކަން، އަފޫކުރުން، އޯގާތެރިކަން، ދީލަތިކަން، އަދި މަޑުމައިތިރިކަން ހިމެނެއެވެ.
- Ø ހުތުރު އަޚުލާޤު (އަލް-އަޚުލާޤު އަލް-ސައްޔިޢާ): އެއީ އިންސާނާގެ ނަފްސުގައިވާ ނުބައި، އައިބު، އަދި މުޖުތަމަޢާއި ދީން ނުރުހޭ ސިފަތަކެވެ. އޭގެ ތެރޭގައި ދޮގުހެދުން، ޚިޔާނާތްތެރިވުން، ބޮޑާކަމާއި ކިބުރުވެރިކަން، ޙަސަދަވެރިކަން، ޣީބަބުނުމާއި ފިތުނަފެތުރުން ހިމެނެއެވެ.
ރިވެތި އަޚުލާޤަކީ ހަމައެކަނި އެހެން އިންސާނުންނާއެކު ބަހައްޓާ މުޢާމަލާތެއް ނޫނެވެ. އޭގެ އެންމެ ފުރަތަމަ ގޮފި ގުޅެނީ ޚާލިޤުވަންތަ މާތްﷲ އާ ދެމެދު އޮންނަ ގުޅުމާއެވެ. އެކަލާނގެއަށް އިޚްލާޞްތެރިވުމާއި، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ، ޤަޟާޤަދަރަށް ރުހުމަކީ އަޚުލާޤުގެ އެންމެ އުސް ގޯޅިއެވެ. ދެވަނަ ގޮފި ގުޅެނީ އަމިއްލަ ނަފްސާއެކު އޮންނަ ގުޅުމާއެވެ. އަމިއްލަ ނަފްސަށް ތެދުވެރިވުމާއި، ޙަރާމް ކަންކަމުން ނަފްސު ރައްކާތެރިކުރުމެވެ. އަދި ތިންވަނަ ގޮފި ގުޅެނީ މަޚްލޫޤުންނާއެކު އޮންނަ ގުޅުމާއެވެ. މީހުންނަށް އިޙްސާންތެރިވުމާއި އޯގާތެރިވުމެވެ.
އިސްލާމްދީނުގައި އަޚުލާޤަށް ދެވިފައިވާ މަތިވެރި މަޤާމު
އިސްލާމްދީނުގައި އަޚުލާޤަކީ އިޟާފީ (އޮޕްޝަނަލް) ކަމެއް ނޫނެވެ. އެއީ އީމާންކަމުގެ ފުރިހަމަކަމާ ސީދާ ގުޅިފައިވާ އަސާސެކެވެ. ކީރިތި ރަސޫލާ ﷺ މާނަކުރެއްވި ގޮތުގައި، އެކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އަޚުލާޤީ މާތް ސިފަތައް ފުރިހަމަކުރެއްވުމެވެ.
އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ: إِنَّمَا بُعِثْتُ لِأُتَمِّمَ صَالِحَ الْأَخْلَاقِ (މާނައީ: "ތިމަންކަލޭގެފާނު ފޮނުއްވުނީ މާތް އަޚުލާޤީ ސިފަތައް ފުރިހަމަކުރެއްވުމަށްޓަކައެވެ.")
މި ޙަދީޘުން އެކަނިވެސް އެނގިގެންދަނީ، އިސްލާމްދީނުގެ ރިސާލަތުގެ މައިގަނޑު އަމާޒަކީ އިންސާނާގެ އަޚުލާޤު އިޞްލާޙުކޮށް، އޭނާއަކީ ދުނިޔެއަށް ނަފާކުރަނިވި، އަޚުލާޤީ ގޮތުން ފުރިހަމަ މީހަކަށް ހެދުން ކަމެވެ.
މީގެއިތުރުން، އީމާންކަމުގެ އެންމެ ފުރިހަމަ މީހަކީ އެންމެ އަޚުލާޤު ރަނގަޅު މީހާކަން ރަސޫލާ ﷺ ގެ އަރިހުން މޫސާގެފާނު ރިވާކުރައްވާފައިވާ ޙަދީޘްތަކުން އެނގެއެވެ. އަޅުކަމުގެ ތެރެއިން ކުރާ ނަމާދާއި، ރޯދައާއި، ޒަކާތުގެ އަޞްލު މަޤްޞަދަކީވެސް އިންސާނާގެ އަޚުލާޤު ސާފުކޮށް، ނުބައި ފަސާދަތަކުން ނަފްސު ދުރުކުރުމެވެ. ނަމާދާ ބެހޭގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ:
"إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ" (ޢަންކަބޫތު: 45)(މާނައީ: "ކަށަވަރުން ނަމާދަކީ ފަޙިޝް ކަންތައްތަކާއި މުންކަރާތްތަކުން އިންސާނާ މަނާކުރާ ކަމެކެވެ.")
އެހެންކަމުން، އަޅުކަންތައް އަދާކުރަމުން އަޚުލާޤު ހުތުރުނަމަ، އެ އަޅުކަމެއްގެ ޙަޤީޤީ ރޫޙު އެ މީހެއްގެ ކިބައިގައި ހާޞިލެއް ނުވެއެވެ.
ކީރިތި ރަސޫލާ ﷺ: އަޚުލާޤުގެ އެންމެ މަތިވެރި ނަމޫނާ
އިންސާނިއްޔަތުގެ ތާރީޚު ދުށް އެންމެ ފުރިހަމަ، އެންމެ މާތް އަޚުލާޤުގެ ވެރިޔަކީ މުޙައްމަދު ﷺ އެވެ. އެކަލޭގެފާނުގެ އަޚުލާޤީ ފުރިހަމަކަމަށް ހެކިދެއްވީ އިންސާނުންނެއް ނޫނެވެ؛ އެކަލޭގެފާނު ހެއްދެވި މާތްﷲ އެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ:
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ (އަލްޤަލަމް: 4)(މާނައީ: "އަދި ކަށަވަރުން ކަލޭގެފާނު ވަނީ އެންމެ މާތް އަޚުލާޤުގެ މަތީގައެވެ.")
އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ކީރިތި ރަސޫލާ ﷺ ގެ އަޚުލާޤާ ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ: "އެކަލޭގެފާނުގެ އަޚުލާޤަކީ ކީރިތި ޤުރްއާނެވެ." އޭގެ މާނައަކީ ޤުރްއާނުގައިވާ އަމުރުފުޅުތަކާއި، ނަހީތަކާއި، އިރުޝާދުތަކުގެ އަމަލީ ތަޞްވީރަކީ ރަސޫލާ ﷺ ގެ ޙަޔާތްޕުޅެވެ.
ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ދުޢާފުޅުތަކުގައިވެސް އަޚުލާޤު ރަނގަޅުކޮށްދެއްވުމަށް އެދިވަޑައިގަންނަވައެވެ. އެކަލޭގެފާނު ދުޢާކުރައްވާ ކަމުގައިވިއެވެ:
"اللَّهُمَّ أَحْسَنْتَ ޚَلْقِي فَأَحْسِنْ ޚُلُقِي" (މާނައީ: "އޭ اللَّه! އިލާހު ތިމަންކަލޭގެފާނުގެ ޚަލްޤު (ސޫރަ) ހެޔޮކޮށްދެއްވީމުއެވެ. ތިމަންކަލޭގެފާނުގެ އަޚުލާޤުވެސް ހެޔޮކޮށްދެއްވާނދޭވެ!")
ރަސޫލާ ﷺ ގެ އަޚުލާޤީ ސިފަފުޅުތަކުގެ ތެރެއިން:
- Ø ކުޑަކުދިންނަށް އޯގާތެރިވުން: ކީރިތި ރަސޫލާ ﷺ އަކީ ކުޑަކުދިންނަށް އިންތިހާއަށް ލޯބިކުރެއްވި ބޭކަލެކެވެ. މަގުމަތިން ކުޑަކުދިން ފެނިވަޑައިގަތުމުން ސަލާމް ކުރައްވައި، އެކުދިންގެ ބޯމަތީގައި އަތްޕުޅު ފިރުއްވައި ހައްދަވައެވެ. އެކަލޭގެފާނުގެ ކާފަދަރިކަލުން ޙަސަންގެފާނާއި ޙުސައިންގެފާނު ސަޖިދައިގައި އޮންނަވަނިކޮށް ކޮނޑުޕުޅަށް އަރާވަޑައިގަތުމުން، އެކުދިން އަމިއްލައަށް ފައިބައްޖައުމަށް ދަންދެން ސަޖިދަ ދިގުކުރެއްވިއެވެ.
- Ø އާއިލާއަށް އިޙްސާންތެރިވުން: އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ އެމީހެއްގެ އަނބިދަރިންނަށް އެންމެ ހެޔޮ މީހާއެވެ." ގޭތެރޭގެ މަސައްކަތްޕުޅުތަކުގައި އަނބިކަނބަލުންނަށް އެހީތެރިވެވަޑައިގެން، އޯގާތެރިކަމާއެކު މުޢާމަލާތް ކުރެއްވިއެވެ.
- Ø ޢަދާވާތްތެރިންނަށް މާފުކުރެއްވުން: މައްކާ ފަތަޙަކުރެއްވި ދުވަހު، އެތައް އަހަރެއް ވަންދެން އެކަލޭގެފާނަށް އަނިޔާކޮށް، ރަށުން ނެރެލި ޤުރައިޝުންގެ ކާފިރުންނަށް އަމާންކަން ދެއްވައި ވިދާޅުވިއެވެ: "މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް، ޢުޤޫބާތެއް ނެތެވެ. ތިޔަބައިމީހުންނީ މިނިވަންވެފައިވާ ބައެކެވެ."4
ރިވެތި އަޚުލާޤުގެ މުހިންމު ބައިތަކާއި ސިފަތައް
ރިވެތި އަޚުލާޤަކީ ވަރަށް ފުޅާ ދާއިރާއެކެވެ. މުޖުތަމަޢެއްގެ ދިރުމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު އަޚުލާޤީ ސިފަތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ:

ރިވެތި އަޚުލާޤުގެ ފައިދާތަކާއި މަންފާތައް
ރިވެތި އަޚުލާޤުގެ ސަބަބުން އިންސާނާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ދެއްވާނެ ނިޢުމަތްތަކާއި ފައިދާތައް އިންތިހާއަށް ގިނައެވެ.
(ހ) އާޚިރަތުގެ މާތް ފައިދާތައް
- މާތްﷲ އާއި އެކަލޭގެފާނުގެ ރަސޫލާގެ ލޯބި ލިބުން: މާތްﷲ ލޯބިވެވޮޑިގަންނަވަނީ އިޙްސާންތެރި، އަޚުލާޤު ރަނގަޅު އަޅުން ދެކެއެވެ.
- ޤިޔާމަތް ދުވަހު މީޒާން ބަރުވުން: ޤިޔާމަތް ދުވަހު އިންސާނާގެ ހެޔޮކަމުގެ ތިލަފަތަށް އަޅުއްވާނެ އެންމެ ބަރު އެއް ކަމަކީ ރީތި އަޚުލާޤެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ:
"مَا مِنْ شَيْءٍ أَثْقَلُ فِي المِيزَانِ مِنْ حُسْنِ الخُلُق" (މާނައީ: "ޤިޔާމަތް ދުވަހު مؤمن އަޅާގެ މީޒާން (ތިލަފަތް) މަތީގައި ރީތި އަޚުލާޤަށްވުރެ ބަރުވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ.")
- ސުވަރުގޭގައި ރަސޫލާ ﷺ އާ އަރިސްވުން: ޤިޔާމަތް ދުވަހު ކީރިތި ރަސޫލާ ﷺ އާ އެންމެ އަރިސް ދަރަޖައެއްގައި ވަޑައިގަންނަވާނީ އެންމެ އަޚުލާޤު ރަނގަޅު މީހުންނެވެ.
- ސުވަރުގޭގެ އެންމެ މަތީ ގޭގޭގެ ނަސީބު ލިބުން: އަޚުލާޤު ރަނގަޅު މީހާއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައި ގެއެއް ލިބޭނެކަމަށް ރަސޫލާ ﷺ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
(ނ) ދުނިޔަވީ އަދި އިޖުތިމާއީ ފައިދާތައް
- އިންސާނީ ގުޅުންތައް ބަދަހިވުން: ރީތި އަޚުލާޤުގެ ސަބަބުން މީހުންގެ މެދުގައިވާ ރުޅިވެރިކަމާއި ޙަސަދަވެރިކަން ފިލައިގޮސް، އެކުވެރިކަމާއި ލޯބި އާލާވެއެވެ.
- މުޖުތަމަޢުގެ އިޙްތިރާމާއި ޤަދަރު ލިބުން: އަޚުލާޤު ރަނގަޅު މީހާއަކީ މާލީ ގޮތުން ފުދުންތެރި ނޫން މީހެއް ކަމުގައިވިޔަސް، މުޖުތަމަޢުގެ އެންމެންގެ އިޙްތިރާމާއި އިޢުތިބާރު ލިބޭ މީހެކެވެ.
- ނަފްސާނީ ހަމަޖެހުމާއި އުފާވެރިކަން: އެހެން މީހުންނަށް އިޙްސާންތެރިވެ، މާފުކޮށް، ތެދުވެރިކަމާއެކު އުޅޭ މީހާގެ ހިތަށް ނަފްސާނީ ބޮޑު ހަމަޖެހުމެއް ލިބެއެވެ.
- އަމާން މުޖުތަމަޢެއް ބިނާވުން: ކޮންމެ ފަރުދަކުވެސް ތެދުވެރި، އަމާނާތްތެރި، އަދި ކެތްތެރި މީހަކަށް ވެއްޖެނަމަ، މުޖުތަމަޢުގައި ކުށްކުރުން މަދުވެ، ވައްކަމާއި ޚިޔާނާތް ނެތިގޮސް، ސުލްޙަވެރި އަމާން މުޖުތަމަޢެއް އުފެދިގެންދާނެއެވެ.
އަމިއްލަ ނަފްސުގައި ރިވެތި އަޚުލާޤު އަށަގަންނުވާނީ ކިހިނެއް؟
އަޚުލާޤަކީ އުފަންވާއިރު ވަކި ވަރަކަށް ލިބިފައިވާ ސިފައެއް ކަމުގައިވިޔަސް، ތަރުބިއްޔަތާއި އަމިއްލަ މަސައްކަތުން ރީތި އަޚުލާޤު ދަސްކޮށް، ނަފްސުގައި އަށަގަންނުވިދާނެއެވެ. އެކަމަށްޓަކައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ:
- ދަޢުވަތާއި ދުޢާކުރުން: މާތްﷲ ގެ އަރިހުން ރީތި އަޚުލާޤު ލިބުމަށް އެދި ގިނަގިނައިން ދުޢާކުރުން.
- ޞާލިޙު އެކުވެރިން ޚިޔާރުކުރުން: އިންސާނާގެ އަޚުލާޤަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ އޭނާ އުޅޭ އެކުވެރިންނެވެ. ރަނގަޅު، އަޚުލާޤީ މީހުންނާއެކު އުޅުމުން އެމީހުންގެ ސިފަތައް ނަކަލު ކުރެވޭނެއެވެ.
- ކީރިތި ރަސޫލާ ﷺ ގެ ސީރަތު މުތާލިޢާކުރުން: ރަސޫލާ ﷺ އާއި އަޞްޙާބުބޭކަލުންގެ ޙަޔާތްޕުޅު ދަސްކޮށް، އެބޭކަލުންގެ ޢަމަލުތަކުން ޢިބުރަތް ޙާޞިލުކުރުން.
- ނަފްސު ޙާސިބުކުރުން (އަމިއްލަ ނަފްސު ވަޒަންކުރުން): ކޮންމެ ދުވަހަކުވެސް އަމިއްލައަށް ކުރެވުނު ކަންކަމާ މެދު ފިކުރުކޮށް، ހެދުނު ގޯސްތަކަށް ތައުބާވެ، ރަނގަޅުކުރަން މަސައްކަތްކުރުން.
- ރުޅި ކޮންޓްރޯލްކުރަން ދަސްކުރުން: ރުޅިއަކީ ހުތުރު އަޚުލާޤުގެ ތަޅުދަނޑިއެވެ. ރުޅި އަންނަ ހިނދު ހިމޭނުންރުމާއި، އަޢޫޛު ކިޔުމާއި، ވުޟޫކުރުން ފަދަ އިސްލާމީ އިރުޝާދުތަކުގައި ހިފެހެއްޓުން.
ރީތި އަޚުލާޤަކީ އިސްލާމީ މުޖުތަމަޢެއްގެ އެންމެ ރީތި ގަހަނާއެވެ. އެއީ ޢިލްމާއި، ތަޢުލީމާއި، މާލީ ތަނަވަސްކަމަށްވުރެ މުހިންމު، އިންސާނާގެ އިންސާނީކަން ކަށަވަރުކޮށްދޭ މިންގަނޑެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު ފެންނަމުންދާ އިޖުތިމާއީ ގިނަ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ އަޚުލާޤީ މިންގަނޑުތައް ދަށަށް ދިއުމެވެ.
އެހެންކަމުން، ކޮންމެ ފަރުދަކުވެސް އަމިއްލަ ނަފްސުން ފެށިގެން، އާއިލާއާއި މުޅި މުޖުތަމަޢުގައި ރީތި އަޚުލާޤުގެ އާދަތައް އަށަގަންނުވުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ. ކީރިތި ރަސޫލާ ﷺ ގެ މާތް އަޚުލާޤުން ނަމޫނާ ލިބިގަނެ، ދުނިޔޭގެ ޙަޔާތް ބާއްޖަވެރިކޮށް، އާޚިރަތުގެ މާތް ނިޢުމަތްތައް ޙާޞިލުކުރުމަށް އަޒުމް ކަނޑައަޅަމާ ހިންގަވާށެވެ.
advertisment
ހިޔާލު