މަދު ވަގުތު، ފުރިހަމަ ސަމާލުކަމާއެކު ކިޔެވުން

އިބްރާހިމް އަހްމަދު

މިއަދުގެ ސޯޝަލް މީޑިއާގެ ޒަމާނުގައި، ދަރިވަރުންނާއި ބޮޑެތި މީހުންނަށްވެސް އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރުމުގެ އާދަ ވަނީ ހަރުލާފައެވެ. ނަމަވެސް، އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރުމުން އެދެވޭ ނަތީޖާއެއް ނުލިބެއެވެ. ސަބަބަކީ އެއް ކަމަކުން އަނެއް ކަމަކަށް ސަމާލުކަން ބަދަލުކުރަން ޖެހުމުން، ސިކުނޑި އަލުން އެކަމަކަށް ހޭނުމަށް ގިނަ ވަގުތުތަކެއް ބޭކާރުވެގެންދާތީއެވެ.

މިކަން ބަޔާންކުރުމަށް "ކުރެވޭ މަސައްކަތް = ސަމާލުކަންދޭ މިންވަރު x ހޭދަކުރާ ވަގުތު" މި ފޯމިއުލާއަށް ބަލާލަމާ ހިނގާށެވެ. މިސާލަކަށް، ބަޔޮލޮޖީ ކިޔަވަން އިންނަ ދަރިވަރަކު، ކިޔަވަމުން ފޯނަށް އަންނަ މެސެޖުތައް ބަލައި އިންސްޓަގްރާމް ބޭނުންކުރާނަމަ، އެ ކުއްޖާގެ ސަމާލުކަން ހުންނާނީ ވަރަށް ދަށް މިންވަރެއްގައެވެ. އެހެންކަމުން 3 ގަޑިއިރު "ކިޔަވަން" އިނަސް، އޭނާއަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ އެންމެ 9 އެކެވެ.

އަނެއްކޮޅުން، ހަމައެކަނި ކިޔެވުމަށް ފުރިހަމައަށް ސަމާލުކަންދޭ ދަރިވަރެއްގެ ސަމާލުކަން ހުންނާނީ އެންމެ މަތީ ދަރަޖައިގައެވެ. އެ ދަރިވަރު ކިޔެވުމަށް އެންމެ ގަޑިއިރެއް ހޭދަކުރި ނަމަވެސް، ކުރިން ބުނި ދަރިވަރު 3 ގަޑިއިރުން ކުރި މަސައްކަތަށްވުރެ ގިނަ މަސައްކަތް އޭނާއަށް ނިންމާލެވޭނެއެވެ.

ކާމިޔާބު ދަރިވަރުންނަކީ އާންމުގޮތެއްގައި އެއްފަހަރާ ގިނަ ކަންތައްތަކެއް ކުރުމުން ދުރުހެލިވާ ކުދިންނެވެ. އެކުދިން ގިނަ ވަގުތުތަކެއް ބޭކާރު ކުރުމުގެ ބަދަލުގައި، ކުރު ވަގުތުކޮޅަކަށް ނަމަވެސް ފޯނާއި ސޯޝަލް މީޑިއާ ފަދަ ސަމާލުކަން ގެއްލޭ ކަންކަމާ ދުރުވެ، ފުރިހަމަ ސަމާލުކަމާއެކު މަސައްކަތް ކުރެއެވެ. މީގެ ސަބަބުން އެކުދިންގެ ނަތީޖާ ރަނގަޅުވެގެންދެއެވެ.

ގިނަ ދަރިވަރުން ބޭނުންކުރަނީ ވަގުތު ބޭކާރުވާ އަދި ހުރިހާ އެއްޗެއް ދަސްވެއްޖެ ކަމުގެ ދޮގު އިހުސާސެއް ކުރުވާ އުކުޅުތަކެކެވެ. އިމްތިހާނަށް ތައްޔާރުވާއިރު މައުލޫމާތުތައް ދަސްވެފައި ހުރިހެން ހީވި ނަމަވެސް، ހަފުތާއެއް ފަހުން އެ ތަކެތި ހަނދާން ނެތެނީ އެކުދިން ބޭނުންކުރާ އުކުޅުތަކުގެ ސަބަބުން ސިކުނޑީގައި އެ މައުލޫމާތު ދާއިމީކޮށް ހަރުނުލާތީއެވެ.

މިފަދަ ނަތީޖާ ނުލިބޭ އުކުޅުތަކުގެ ތެރޭގައި:

  • މެދުނުކެނޑި ގިނަ ވަގުތު ކިޔެވުން.
  • އެއް މާއްދާއެއް ގިނަ ވަގުތު ކިޔެވުމާއި، ހަނދާން ބެހެއްޓުމަށްޓަކައި އެއް ޖުމްލަތަކެއް ތަކުރާރުކޮށް ކިޔުން.
  • އެއް ފިލާވަޅު މާ ގިނައިން މުރާޖައާ ކުރުމަށްފަހު ނޫނީ އަނެއް ފިލާވަޅަށް ނުދިއުން.
  • ފޮތް ތަކުރާރުކޮށް ކިޔުން.
  • ފޮތުގައި ހުންނަ މުހިންމު ބައިތައް ހައިލައިޓް ކުރުން ނުވަތަ ރޮނގު ދެމުން.
  • ނޯޓުތައް އެކަނި މުރާޖައާ ކުރުން.

ނަތީޖާ ނެރެދޭ 5 އުކުޅު
ދިރާސާވެރިން ބުނާ ގޮތުގައި ތިރީގައިވާ އުކުޅުތަކަކީ ދަރިވަރުންގެ ކިޔެވުމުގައި ދާއިމީކޮށް ބޭނުންކޮށްފިނަމަ، ދަސްކުރާ އެއްޗެއް ހަނދާނުގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ. މި އުކުޅުތަކަކީ ބުރަ އަދި އުނދަގޫ ކަންތައްތަކެއް ކަމުން، ފެށުމުގައި ނަތީޖާ ފެންނަލެއް ލަސްވެދާނެއެވެ. ނަމަވެސް، ދާއިމީކޮށް ކަންކަން ދަސްކުރުމަށް މިއީ އެންމެ ރަނގަޅު ގޮތްތަކެވެ.

"މޭކް އިޓް ސްޓިކް" މި ފޮތުގައި ފާހަގަކޮށްފައިވާ ބައެއް އުކުޅުތަކަކީ:

  1. ޕްރީ-ޓެސްޓް (ކިޔެވުމުގެ ކުރިން އިމްތިހާނުކުރުން):ފިލާވަޅެއް ކިޔެވުމުގެ ކުރިން، އެ ފިލާވަޅާ ގުޅޭ ސުވާލުތަކަށް ޖަވާބު ދޭން މަސައްކަތް ކުރުމަކީ (ޖަވާބު ނުބައިވި ނަމަވެސް) ފަހުން އެ ފިލާވަޅު ދަސްކުރުމަށް ލިބޭ ބޮޑު އެހީއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކިޔެވުމުގެ ކުރިން ސުވާލުތަކަށް ޖަވާބު ދޭން މަސައްކަތްކުރާ ކުދިންގެ ނަތީޖާ، ހަމައެކަނި ފިލާވަޅު ކިޔާ ކުދިންނަށްވުރެ މާ ރަނގަޅެވެ.
  2. ސްޕޭސްޑް ޕްރެކްޓިސް (ވަގުތު ދީގެން ފިލާވަޅު ދަސްކުރުން):އެއް ދުވަހެއްގައި ގިނަ ވަގުތު ކިޔެވުމުގެ ބަދަލުގައި، އެކި ދުވަސްތަކަށް ބަހާލައިގެން ކުރު ވަގުތުކޮޅަކު ކިޔެވުމުން މައުލޫމާތު ހަނދާނުގައި ހަރުލާ މިންވަރު އިތުރުވެއެވެ. މިއީ ފެށުމުގައި އުނދަގޫ ކަމަކަށް ވެދާނެއެވެ. ސަބަބަކީ ކުރިން ދަސްކުރި ބައެއް ކަންކަން ހަނދާން ނެތުމުން، އެކަންކަން އަލުން ދަސްކުރަން މަސައްކަތް ކުރަން ޖެހޭތީއެވެ. ނަމަވެސް އެ މަސައްކަތުގެ ސަބަބުން ސިކުނޑީގައި އެ މައުލޫމާތު ބޮޑަށް ހަރުލައެވެ. މިކަމަށްޓަކައި 'ފްލޭޝް ކާޑު' ބޭނުންކުރެވިދާނެއެވެ. ވަގުތުން ޖަވާބު އެނގޭ ކާޑުތައް 3 ދުވަސް ފަހުން އަލުން ބަލާލަން ބަހައްޓާށެވެ. އުނދަގުލުން އެނގޭ ކާޑުތައް 2 ދުވަސް ފަހުން، އަދި ނޭނގޭ ކާޑުތައް ޖެހިގެން އަންނަ ދުވަހު ބަލާށެވެ.
  3. އަމިއްލައަށް ކުއިޒް ހެދުން: "ޓެސްޓު" ކުރުމަކީ ގިނަ ކުދިން ބިރުގަންނަ ކަމެއް ނަމަވެސް، މިއީ ދަސްކޮށްފައިވާ އެއްޗެއް ސިކުނޑިން ނެރުމަށް ކުރެވޭ ވަރަށް ފައިދާހުރި މަސައްކަތެކެވެ. އައު އެއްޗެއް ދަސްކުރާއިރު، މުދައްރިސަކު އަހާފާނެ ފަދަ ސުވާލުތައް އަމިއްލައަށް ތައްޔާރުކުރަން ދަރިވަރުންނަށް ހިތްވަރު ދޭށެވެ. އަދި މި ސުވާލުތަކަށް އަމިއްލައަށް ޖަވާބު ދޭށެވެ.
  4. އިންޓަލީވިންގް ޕްރެކްޓިސް (އެކި ބާވަތުގެ މަސައްކަތްތައް މަސްހުނިކޮށް ކުރުން):އެއްވައްތަރެއްގެ ހިސާބުތަކެއް (މިސާލަކަށް ހަމައެކަނި ގުނަކުރުން) ތަކުރާރުކޮށް ހެދުމުގެ ބަދަލުގައި، އެކި އުކުޅުތައް ބޭނުންކުރަންޖެހޭ ސުވާލުތައް މަސްހުނިކޮށްގެން ހެދުން މާ ފައިދާހުރިވާނެއެވެ. މިސާލަކަށް އެއްކުރުމާއި، ކަނޑުމާއި، ގުނަކުރުން ހިމެނޭ ސުވާލުތަކެއް އެއްކޮށް ހެދުމުން، ކޮންމެ ސުވާލަކަށް ބޭނުންކުރަންވީ ކޮން އުކުޅެއްކަން ވިސްނަން ސިކުނޑިއަށް މަޖުބޫރުވެއެވެ.
  5. އަމިއްލަ ނަފުސަށް ސުވާލުކުރުމާއި ވިސްނުން: ބައެއް ފަހަރު ފޮތުން ބައެއް ކިޔާ ނިންމާލާއިރު، އޭގައި އޮތް އެއްވެސް އެއްޗެއް ހަނދާނުގައި ނުހުރެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި، ދަސްކުރާ އެއްޗަކާއި ކުރިން އެނގޭ މައުލޫމާތާ ހުރި ގުޅުން ދެނެގަތުމަށާއި، 5 އަހަރުގެ ކުއްޖަކަށް އެ އެއްޗެއް ކިޔައިދޭނެ ގޮތަކާ މެދު ވިސްނުމަށްދަރިވަރުންނަށް ބާރުއަޅާށެވެ. މީގެ އިތުރުން، ދަސްކުރި މައުލޫމާތާ މެދު ފުންކޮށް ވިސްނައި، އެކަމާ ގުޅޭގޮތުން އަމިއްލަ ނަފުސާ ސުވާލުކުރުމަކީ އޭގެ މާނަ ރަނގަޅަށް ދޭހަވުމަށް މަގުފަހިވާނެ ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *