ޒައިން ޙަސަން މުޙައްމަދު
އެންމެ ފަހުން ބޭއްވުނު ސާނަވީ ދިވެހި އިމްތިހާނަށް ފަހު ގިނަ ދަރިވަރުންތަކެއްގެ މެދުގައި ހޫނު ބަހުސެއްކުރެވެމުން ދިޔައީ ކޮންކަމަކާ ގުޅޭ ގޮތުން ހެއްޔެވެ؟ އިމްތިހާނަށް ފަހު، ގެއަށް އައިސް ދަރިވަރުންގެ ތެރޭގައި އުފެދުނު ބޮޑު ސުވާލަކީ ކޮބާ ހެއްޔެވެ؟ އެ ދުވަހަށް ފަހު، އިޖުތިމާއީ ވިއުގަތަކުގެ ތެރޭގައި ވަކާލާތުކުރެވިގެން ދިޔައީ ކޮންކަމާ ގުޅޭ ގޮތުން ހެއްޔެވެ؟ އާނއެކެވެ. ހަވާލާދޭ ސިޓީއާ ގުޅޭ ގޮތުންނެވެ. ހަވާލާދޭ ސިޓީ ލިޔާނެ ގޮތާ ބެހޭ ގޮތުންނެވެ. އެހެންކަމުން، މި ލިޔުން ހާއްސަ މި ކުރަނީ ހަވާލާދޭ ސިޓީއަކީ ކޮބާކަމާއި ހަވާލާދޭ ޢިބާރާތް ލިޔާނެ ގޮތުގެ މައްޗަށެވެ.
ހަވާލާދިނުމަކީ ކޮބާ ހެއްޔެވެ؟
"ހަވާލާ" މި ލަފުޒުގައި މައިގަނޑު ދެ މާނައެއްވެއެވެ. ފުރަތަމައީ ތިމާގެ ލިޔުމެއްގައި ނުވަތަ ވާހަކަދެއްކުމެއްގައި އެހެން އެއްވެސް ފަރާތެއްގެ ބުނުމެއް ނުވަތަ ފަހުމެއް ހިމަައިގެން ލިޔާ ނަމަ އެ ފަރާތަކަށް އިޝާރާތްކުރުމެވެ. އިނގިރޭސިބަހުން މިއަށް ކިޔަނީ ރިފަރެންސް (Reference)އެެވެ. ހަވާލާގެ ދެވަނަ މާނައަކީ މީހަކަށް ނުވަތަ ބުނުމަކަށް އިޝާރާތްކުރުމެވެ. ވީ އިރު، ހަވާލާދިނުމަކީ އަހަރެމެން ދައްކާ ވާހަކައެއްގައި ނުވަތަ އަހަރެމެން ލިޔާ ލިޔުމެއްގައި އެހެން ފާރަތެއްގެ ވާހަކައަކަށް ނުވަތަ ބުނުމަކަށް އިޝާރާތްކުރުމެވެ.
ހަވާލާދޭ ސިޓީއަކީ ކޮބާ؟
ހަވާލާދޭ ސީޓިއަކީ ވަކި ހާއްސަ އައު ވައްތަރެއް ސިޓީއެއް ނޫނެވެ. އަހަރެމެން އެންމެ ކުރީއްސުރެން ވެސް ސިޓީ ބަހަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ އަމިއްލަ ސިޓީއާއި ރަސްމީ ސިޓީއެވެ. ސިޓީ ލިޔުމުގެ ބޭނުންތަކަށް ޓަކައި، މައިގަނޑު މި ދެ ބައިގެ ތެެެރެއިން 4 ވައްތަރެއްގެ ސިޓީއެއް އުފެދެއެވެ. ތިރީގައި އެވަނީ އޭގެ ތަފުސީލެވެ.

މަތީގައިވާ ތާވަލުތަކުން ދެނެގަނެވެނީ އަމިއްލަ ސިޓީ ދެ ބަޔަކަށް ބެހޭކަމެކެވެ. އެއީ އަމިއްލަ ފަރާތަކުން އަމިއްލަ ފަރާތަކަށް ފޮނުވާ ސިޓީއާއި އަމިއްލަ ފަރާތަކުން ރަސްމީ ފަރާތަކަށް ފޮނުވާ ސިޓީއެވެ. މީގެއިތުރުން، ރަސްމީ ސިޓީ ވެސް ދެ ބަޔަކަށް ބެހޭކަން ދެނެގަނެވެއެވެ. އެއީ ރަސްމީ ފަރާތަކުން ރަސްމީ ފަރާތަކަށް ފޮނުވާ ސިޓީއާއި ރަސްމީ ފަރާތަކުން އަމިއްލަ ފަރާތަކަށް ފޮނުވާ ސިޓީއެވެ. ކަން މިހެން އޮތް އިރު، ހަވާލާދޭ ސިޓީއެކޭ މި ބުނެވެނީ އަމިއްލަ ރަސްމީ ސިޓީއަކަށް ނުވަތަ ރަސްމީ ރަސްމީ ސިޓީއަކަށް "ހަވާލާދޭ ޢިބާރާތޭ" ކިޔޭ ބައެއް އިތުރުވުމުންނެވެ. އެއް ވެސް ހާލެއްގައި، ހަވާލާދޭ ސިޓީއަކީ ވަކި ހާއްސަ ވައްތަރެއްގެ ސިޓީއެއް ނޫނެވެ. ހަވާލާދޭ ސިޓީއަކަށް މިވަނީ އަމިއްލަ ރަސްމީ ނުވަތަ ރަސްމީ ރަސްމީ ސިޓީއެއްގައި، ސިޓީ ލިޔާ ބޭނުމަކާ ގުޅިގެން، އިޢުލާނަކަށް ނުވަތަ ސިޓީއަކަށް ހަވާލާދިނުމަށް ޓަކައި، ހަވާލާދޭ ޢިބާރާތެއް އިތުރުކޮށްގެން ސިޓީއެއް ލިޔުމުންނެވެ. ދަރިވަރުން ހަވާލާދޭ ޢިބާރާތް ގެންނަންވާނީ ސަލާމުގެ ޢިބާރާތަށް (ވެދުން ސަލާމަށް ފަހު ދަންނަވަމެވެ) ފަހުގައެވެ. ހަވާލާދޭ ޢިބާރާތް ފަށާފައި އޮންނަންވާނީ އައު ފެށުމަކުންނެވެ. ސަލާމުގެ އިބާރާތާ އެއް ހަމައިންނެވެ.
ހަވާލާދޭނީ ކޮން އެއްޗަކަށް؟
ޢާއްމު ގޮތެއްގައި ހަވާލާ މި ދެވެނީ
- ތަފާތު ބޭނުންތަކަށް ކޮށްފައި އޮންނަ އިޢުލާނުތަކަށް
- ތަފާތު ބޭނުންތަކަށް ލިޔެފައި އޮންނަ ސިޓީތަކަށް
- ތަފާތު ބޭނުންތަކަށް ލިބޭ ސިޓީތަކުގެ ޖަވާބުދިނުމަށް
ހަވާލާދޭ ޢިބާރާތް ލިޔާނީ ކިހިނެއް؟
ހަވާލާދޭ ޢިބާރާތް ދަރިވަރުން ލިޔުން އެންމެ ރަނގަޅީ ތިރީގައިވާ ދެ ގޮތުން ކުރެ ކޮންމެ ވެސް އެއް ގޮތަކަށެވެ. އެހެންކަމުން، ހަވާލާދޭ ޢިބާރާތް ލިޔުމަށް ޓަކައި ތިރީގައިވާ ދެ ގޮތުން ކުރެން ގޮތެއް އިޚުތިރާޔުކުރެވިދާނެއެވެ.

އިސްތިއުމާލު: ތިޔަ ސްކޫލުގެ އިޢުލާން ނަންބަރު GS178/IUL/2026/11 (10 މާރިޗު 2026)އާ ހަވާލާދީ ދަންނަވަމެވެ.

އިސްތިއުމާލު: ތިޔަ މިނިސްޓުރީގެ ނަންބަރު (IUL)/LT/2026/110 (10 މާރިޗު 2026) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
އިތުރު ތަފުސީލު:
އިޝާރާތުގެ ނަން: އިޝާރާތުގެ ނަމުގެ ގޮތުގައި ބޭނުންކުރާނީ "ތިޔަ" އެވެ.
އޮފީހުގެ/އިދާރާގެ ނަން: ސިޓީ ލިޔެފައިވާ ނުވަތަ އިޢުލާނުކޮށްފައިވާ އިދާރާގެ ނަން. ލިޔާނީ ހަމައެކަނި އިދާރާގެ ޢާއްމު ނަން. މިސާލަކަށް އޮމަދޫ ސްކޫލުން ލިޔާ ސިޓީއެއް ނަމަ ލިޔާނީ ހަމައެކަނި "ސްކޫލު" މިހެންނެވެ.
އިޢުލާން/ސިޓީ: ދަރިވަރު ހަވާލާދޭން އުޅޭ ބާވަތުގެ ނަން ލިޔުން. ސިޓީއެއް ނަމަ ސިޓީ. އިޢުލާނެއް ނަމަ އިޢުލާން.
ނަންބަރު: ނަންބަރުގެ ގޮތުގައި ލިޔާނީ އިޢުލާނުގައި ދީފައިވާ އިޢުލާނު ނަންބަރެެވެ. ސިޓީއެއް ނަަމަ ސިޓީގެ ނަންބަރެވެ.
އިޢުލާނު/ސިޓީ ޝާއިޢުކުރި/ފޮނުވި ތާރީޚު: ތާރީޚުގެ ގޮތުގައި ލިޔާނީ މީލާދީ ތާރީޚެވެ. ދުވަސް (ހިސާބު އަދަދުން/މަސް (ދިވެހި އަކުރުން)/އަހަރު (ހިސާބު އަދަދުން)

ތ. އޮމަދޫ ސްކޫލުގެ ޕްރިންސިޕަލް ޝަހީރާ ޙުސައިން
ސިޓީ ލިޔާނީ ތ. އޮމަދޫ، ޑަބިޔާގޭ ޝާނިމް ހަމީދެވެ.



ނިންމުން
މި ލިޔުމުގައި ވާހަކަ މި ދެކެވުނީ ހަވާލާދޭ ސިޓީއަކީ ކޮބާކަމާއި ހަވާލާދޭ ޢިބާރާތް ލިޔާނެ ގޮތާ ބެހޭ ގޮތުންނެވެ. އެގޮތުން، ހަވާލާދޭ ސިޓީއަކީ ވަކި ހާއްސަ އައު ވައްތަރެއްގެ ސިޓީއެއް ނޫންކަން އަހަރެމެންނަށް އެނގިގެން ގޮސްފިއެވެ. އަދި ހަވާލާދޭ ސިޓީއެކޭ މި ބުނެވެނީ އަމިއްލަ ރަސްމީ ސިޓީއަކަށް ނުވަތަ ރަސްމީ ރަސްމީ ސިޓީއަކަށް ހަވާލާދޭ ޢިބާރާތެެކޭ ކިޔޭ ޢިބާރާތެއް ސިޓީ ލިޔުމުގެ ބޭނުމާ ގުޅިގެން އިތުރުވުމުންކަން އަހަރެމެންނަށް އެނގިއްޖެއެެވެ. އަދި ހަވާލާދޭ ޢިބާރާތް ލިޔެވިދާނެ 2 ގޮތެއް ވެސް ފަހުމުވެއްޖެއެވެ. ވީމާ، މި ލިޔުމުގެ މަޤްޞަދު ހާސިލުވިކަމުގެ ފޮނި އުއްމީދުގައި ސުމޭކީ މި ގަލަން ނިއްވައިލީމެވެ.
advertisment
ހިޔާލު