ހިތަދޫ ސްކޫލްގެ ކެޑޭޓް ދަރިވަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު، 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހު އެ ސްކޫލުގައި ބާއްވައިފިއެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ރިޕޯޓްކޮށްފައިވަނީ ސާޖަންޓް އައިކް ޢަލީ އިބްރާހީމެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 5 ގެ ކޮމާންޑަރ، ފަރސްޓް ލެފްޓެނަންޓް ޢަބްދުﷲ ޙަސަންއެވެ.
މި ރަސްމިއްޔާތުގައި ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. ޢަބްދުއްލަތީފް ޢަލީ ދެއްވި ވާހަކަފުޅުގައި، މަޤާމުގެ ކުރިއެރުން ލިބުނު ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެ، ވަރަށް މުހިންމު ނުކުތާތަކެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި އެންމެ އިސްކަމެއް ދެއްވީ އަޚްލާޤާއި ސިފަވަންތަކަން ދެމެހެއްޓުމަށެވެ.

ކެޑޭޓުންނަކީ ތަރުތީބުވެފައިވާ، ހުޝިޔާރު ބަޔަކަށް ވާންޖެހޭނެ ކަމަށާއި، މިއަދު ލިބުނު މަޤާމުގެ ކުރިއެރުމާ އެކު އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ތިމާއަކީ ކަމަކަށް ޤާބިލު މީހެއްކަމުގެ ފަޚުރުވެރިކަން އިޙްސާސް ކުރުމަށް ދަރިވަރުންނަށް އިރުޝާދު ދެއްވިއެވެ. ނަމަވެސް، މަޤާމަކީ ހަމައެކަނި ޝަރަފެއް ނޫން ކަމަށާއި، އެއީ ބޮޑު މަސްއޫލިއްޔާތެއްކަން ހަނދާންކޮށްދެއްވަމުން، ލިބުނު ކުރިއެރުމާ އެކު ޒިންމާދާރުކަން އިތުރުކުރުމަށް އެދިވަޑައިގަތެވެ.

ކާމިޔާބީގެ ސިއްރަކީ ގުޅިގެން މަސައްކަތްކުރުންކަން ފާހަގަކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ، ކޮންމެ ކާމިޔާބު ދަރިވަރެއްގެ ފަހަތުގައި ވަރުގަދަ ޓީމެއް އޮންނަ ކަމަށެވެ. އެގޮތުން ސްކޫލާއި، މުދައްރިސުންނާއި އަދި ބެލެނިވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ވަޒަންކުރުމަށް އެދިވަޑައިގަތެވެ. އަދި ކެޑޭޓް ހަރަކާތުގެ ތެރެއިން ދަސްވާ ކަންކަމަކީ ހަމައެކަނި ޕެރޭޑް ގްރައުންޑަށް ޚާއްޞަ ކަންކަމެއް ނޫން ކަމަށާއި، އެއީ މުޅި ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ މުހިންމު ފިލާވަޅުތަކެއްކަން ފާހަގަކުރެއްވިއެވެ. ޤައުމުދެކެ ލޯބިވުމަކީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ މަތިވެރި ސިފަ،" ޕްރިންސިޕަލް ވިދާޅުވިއެވެ. ދަރިވަރުންގެ ކުރިއެރުމަށް ބައްލަވާލައްވަމުން ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ކެޑޭޓުންގެ ފެންވަރަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި، މިހާރު ފެންނަނީ ވަރަށް ބޮޑަށް ހަރުދަނާވެފައިވާ މަންޒަރެއް ކަމަށެވެ. އަދި މިކަމަކީ ދަރިވަރުން ގަދަ އަޅާ ކުރި މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި، އެ ހިތްވަރާއެކު ކުރިއަށް ދިއުމަށް ހިތްވަރު ދެއްވިއެވެ، އަދި މަޤާމުގެ ކުރިއެރުން ލިބުނު ހުރިހާ ދަރިވަރުންނަށް ވަނީ ތަހުނިޔާ ކިޔާފައެވެ.
މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނު ފަރސްޓް ލެފްޓެނަންޓް ޢަބްދުﷲ ޙަސަން ދަރިވަރުންނާއި މުހާތަބު ކޮށް ދެއްކެވި ވާހަކަ ފުޅުގައ ކެޑޭޓުން ކުރާ ހުވާގެ މަތިވެރިކަމާއި އެ ހުވާގެ މަތީގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުއްވިއެވެ.
ޝަރަފްވެރި މެހުމާނު ވިދާޅުވީ، މަޤާމުގެ ކުރިއެރުމަކީ ހަމައެކަނި ލިބޭ ޝަރަފެއް ނޫން ކަމަށާއި، އެއީ އިތުރުވާ ބޮޑު މަސްއޫލިއްޔާތެއް ކަމަށެވެ. ޚާއްޞަކޮށް، މަޤާމުގެ ކުރިއެރުން ލިބުނު ދަރިވަރުންނަކީ ހަގު ކެޑޭޓުންނަށް ނަމޫނާ ދައްކަންޖެހޭނެ ބައެއް ކަމަށާއި، ކޮންމެ ދަރިވަރެއްގެވެސް އަމާޒަކަށް ވާންޖެހޭނީ އެހެން ކުދިންނަށް މިސާލަކަށް ވާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކެޑޭޓް ހަރަކާތުގެ އެންމެ މުހިންމު އެއް އަސާސަކީ އަޚްލާޤާއި ސިފަވަންތަކަންކަން ފާހަގަކުރައްވައި، ލީޑަރޝިޕް ނުވަތަ އިސްނެގުމުގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޝަރަފްވެރި މެހުމާނު އިރުޝާދު ދެއްވިއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ކޮންޓްރޯލާއި، އަމުރަށް ކިޔަމަންވުމުގެ ސިފައަކީ ކާމިޔާބު ލީޑަރަކަށް ވުމަށް ކޮންމެހެން ބޭނުންތެރި ސިފަތަކެއްކަން ހަނދާންކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވައި، ރޭންކުތައް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާނު ފަރސްޓް ލެފްޓެނަންޓް ޢަބްދުﷲ ޙަސަން އާއި ނެޝަނަލް ކެޑޭޓް ކޯރގެ ސަދަން ރެޖިމަންޓް ކޮމާންޑަރ، މޭޖަރ މުހައްމަދު ޙާފިޒް އެވެ
އެބޭފުޅާގެ ވާހަކަފުޅު ނިންމަވާ ލެއްވީ މަޤާމުގެ ކުރިއެރުން ލިބުނު ހުރިހާ ދަރިވަރުންނަށް ތަހުނިޔާ ކިޔައިި، ކުރިއަށް އޮތް ތަނުގައިވެސް ސާބިތުކަމާއެކު ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވަމުންނެވެ.
ރަސްމިއްޔާތު ނިންމާލާފައިވަނީ ޤައުމީ ސަލާމުންނެވެ. މި ރަސްމިއްޔާތުގައި ސްކޫލްގެ އިސްވެރިންނާއި، މުދައްރިސުންގެ އިތުރުން ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވިއެވެ.
advertisment
ހިޔާލު