ހިތަދޫ ސްކޫލުގެ ދަރިވަރުން ކޭމްބްރިޖް އޯ ލެވެލް އިނގިރޭސި އިމްތިހާނަށް ތައްޔާރުކުރުމުގެ ގޮތުން ބޭއްވި ދެ ދުވަހުގެ "އީއެސްއެލް އިމަރޝަން ކޭމްޕް" 2026 ޖުލައި 14 އާއި 15 ގައި ކާމިޔާބުކަމާއެކު ވަނީ ނިންމާލައިފައެވެ.

މި ކޭމްޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 60 އަށް ވުރެ ގިނަ އީ.އެސް.އެލް ކޭމްޕްތައް ހިންގަވާފައިވާ ތަޖުރިބާކާރު މުދައްރިސް އަޙްމަދު ނާޞިރު (ފ. ބިލެތްދޫ) އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި ޕްރޮގްރާމެކެވެ. މިއީ އައްޑޫ ސިޓީގެ ސްކޫލެއްގައި އެބޭފުޅާ މިފަދަ ކޭމްޕެއް ކުރިއަށް ގެންދެވި ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 104 ދަރިވަރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިތަދޫ ސްކޫލުގެ ގްރޭޑް 10 ގެ 100 ދަރިވަރުންނާއި، ނޫރާނީ ސްކޫލުގެ 4 ދަރިވަރުން ހިމެނެއެވެ. ދެ ދުވަހުގެ މުއްދަތަށް، ޖުމްލަ 12 ގަޑިއިރަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، ދަރިވަރުންގެ އިނގިރޭސި ބަހުގެ ހުނަރުތައް އިތުރުކުރުމަށާއި އިމްތިހާނަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.
މި ކޭމްޕުގައި އޯ ލެވެލް އިނގިރޭސި ސިލަބަހުގެ މުހިންމު ބައިތައް ކަމަށްވާ އެސޭ ރައިޓިންގ، އާޓިކަލް ރައިޓިންގ، ރިޕޯޓް ރައިޓިންގ، އީމެއިލް އަދި ރިވިއު ރައިޓިންގ އަށް ޚާއްޞަ ސަމާލުކަމެއް ދެވުނެވެ. މީގެ އިތުރުން، އިމްތިހާނު ކުރާ ފަރާތްތަކުން ދެއްވާ މުހިންމު އިރުޝާދުތަކާ ގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި، ޖުމްލަ އެކުލަވައިލުމުގެ ހުނަރުތަކާއި، ބަހުގެ ސައްހަކަން ބެލުމުގެ ކުއިޒްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ އިމްތިހާނުގެ އެންމެ ފަހު މަރުޙަލާގައި ދަރިވަރުންނަށް ބޭނުންވާ ފަންނީ އިރުޝާދާއި އަމަލީ ތަމްރީނު ފޯރުކޮށްދީ، އިމްތިހާނަށް ފުރިހަމައަށް ތައްޔާރުކުރުމެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދިޔަ އިންޓަރެކްޓިވް ފިލާވަޅުތަކާއި، ލިޔުންތެރިކަމުގެ ތަމްރީނުތަކުން ލިބުނު އިރުޝާދުތަކުގެ އެހީގައި، ދަރިވަރުން ވަނީ ލިޔުމުގެ ހުނަރުތައް ތަރައްޤީކޮށް އިމްތިހާނުތަކުގައި ރަނގަޅު ނަތީޖާ ހޯދުމަށް ބޭނުންވާ މުހިންމު އުކުޅުތައް ދަސްކޮށްފައެވެ.

އަލްފާޟިލް އަޙްމަދު ނާޞިރު ދެއްވި އަގުހުރި އިރުޝާދުތަކާއި، އިމްތިހާނަށް އަމާޒުކޮށް ދަރިވަރުންނަށް ފޯރުކޮށްދެއްވި އަމަލީ ތަޖުރިބާތަކަށްޓަކައި ހިތަދޫ ސްކޫލުގެ ފަރާތުން އެބޭފުޅާއަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރެއެވެ. މީގެއިތުރުން، މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުން ދެއްކެވި ފޯރިއާއި، ބެހެއްޓެވި ޝައުޤުވެރިކަން ފާހަގަކޮށް، ބައިވެރިވި ހުރިހާ ދަރިވަރުންނަށްވެސް ސްކޫލުން ޝުކުރު ދަންނަވައެވެ.

އީ.އެސް.އެލް އިމަރޝަން ކޭމްޕަކީ، ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށާއި، ކޭމްބްރިޖް އޯލެވެލް އިމްތިހާނުން ފަޚުރުވެރި ކާމިޔާބީއެއް ހޯދައިދިނުމަށް ހިތަދޫ ސްކޫލުން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކުގެ ރަމްޒެކެވެ. މިއީ ދަރިވަރުންނަށް ބޭނުންތެރި އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެ ސްކޫލުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
advertisment
ހިޔާލު