"ޅައެތުމާ ކެރިއަރ އެކްސްޕޯ 2026″ ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމަށް ޅ. އޭއީސީގެ މުހިންމު ހަރަކާތެއް

"ޅައެތުމާ ކެރިއަރ އެކްސްޕޯ 2026″ ކާމިޔާބުކަމާއެކު ޅ. އަތޮޅު ތައުލީމީ މަރުކަޒުން ނިންމާލައިފިއެވެ. މިއީ ކުރިއަށްދާނެ ދާއިރާއެއް އިޚްތިޔާރު ކުރުމަށް ޅ. އޭއީސީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ. މި އެކްސްޕޯ ހުޅިވައިދެއްވީ ހިންނަވަރު ދާއިރާގެ މެމްބަރ މުޙައްމަދު އަބްދުއްރަޙްމާނާއި އެ ސްކޫލުގެ ޕްރިންސިޕަލް ސާމަތު އާދަމެވެ.

މި އެކްސްޕޯގެ މަޤްޞަދަކީ، ގްރޭޑް 8 އިން ފެށިގެން މަތީ ގްރޭޑްތަކުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުން، އެކުދިންގެ ކުރިމަގުގެ ތަޢުލީމީ އަދި ވަޒީފާގެ ދާއިރާތައް އިޚްތިޔާރުކުރުމުގައި ހޭލުންތެރި ނިންމުންތަކެއް ނިންމުމަށް އެހީތެރިވެދިނުމެވެ. ސާނަވީ ތަޢުލީމު ނިންމާ މަރުޙަލާއާ ދަރިވަރުން ގާތްވަމުން އަންނައިރު، ތަފާތު ވަޒީފާގެ ފުރުޞަތުތަކާއި، އެ ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ ފެންވަރާއި، ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ޅ. އޭއީސީން ބުނީ، ތަފާތު ވަޒީފާގެ ދާއިރާތަކާ ގުޅޭގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ކިޔެވުމަށް ހުރި ކޯސްތަކާއި، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ ޝަރުޜުތަކާއި، އިޚްތިޔާރުކުރަންޖެހޭ މާއްދާތައް ދެނެގަތުމަށް އެހީތެރިވުމާއި ވަޒީފާގެ ފުރުޞަތުތަކާއި، އެކި ދާއިރާތަކުން ލިބޭނެކަމަށް އުންމީދުކުރެވޭ އާމްދަނީއާ ބެހޭ މަޢުލޫމާތާއި ދަރިވަރުންގެ މުޢާމަލާތުކުރުމުގެ ހުނަރާއި، މަޢުލޫމާތު ހޯދައި ދެނެގަތުމުގެ ހުނަރު ތަރައްޤީކުރުމުގެ އިތުރުން އުފެއްދުންތެރިކަމާއެކު ކަންކަން ހުށަހަޅައިދިނުމާއި، އެކަކު އަނެކެއްގެ ފަރާތުން އުނގެނުމަށް ހިތްވަރުދިނުމަކީ ވެސް މި އެކްސްޕޯގެ މަގުޞަދެއް ކަމަށެވެ.

އެ ސްކޫލުން ބުނީ، މި އެކްސޕީވަޒީފާގެ ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ލިބި މުސްތަޤުބަލާ މެދު ގޮތް ނިންމުމުގެ ހުނަރު ދަރިވަރުންނަށް ލިބި، ކިޔެވުމަށް އޮންނަ ޝައުޤުވެރިކަން އިތުރުވެގެން ދިޔަ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *