ބަންގްލަދޭޝްގެ ހައިކޮމިޝަނަރު ލިޔުއްވި ފޮތެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް ހަދިޔާކުރައްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަށް ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް ލިޔުއްވި އިލްމީ ފޮތެއް ހަދިޔާކުރެއްވުމުގެ ރަސްމިއްޔާތު މިދިޔަ އަންގާރަ ދުވަހު ބާއްވައިފިއެވެ.

ހަދިޔާކުރެވުނު މި ފޮތަކީ "ޕަވަރ އޮފް ބޮންޑިންގ އެންޑް ނޮން-ވެސްޓަން ސޮފްޓް ޕަވަރ ސްޓްރެޓެޖީ އިން އީރާން: ކޮމްޕެއަރިންގ ޗައިނާ އެންޑް އިންޑިއާސް އެންގޭޖްމަންޓް" މި ނަމުގައި، ބައިނަލްއަގުވާމީ ގުޅުންތަކާއި، ޚާރިޖީ ސިޔާސަތުތަކާއި، ސޮފްޓް ޕަވަރއާއި، ސުލްހައާއި ހަމަނުޖެހުންތަކާ ބެހޭ ދިރާސާތަކުގެ އިތުރުން ދެކުނު އޭޝިއާގެ ކަންކަމަށް އަލިއަޅުވާލައި ލިޔުއްވާފައިވާ މުހިންމު އިލްމީ މަސައްކަތެކެވެ. މި ފޮތަކީ މިޒަމާނުގެ ޖިއޯޕޮލިޓިކަލް މަސްރަހު ދެނެގަތުމަށާއި، ސަރަހައްދީ އަދި ދުނިޔޭގެ ކަންކަމަށް ޝައުގުވެރިވާ ދަރިވަރުންނަށާއި، ދިރާސާވެރިންނަށާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެ ވަސީލަތެކެވެ.

ހިޒް އެކްސެލެންސީ ޑރ. މުޙައްމަދު ނަޒްމުލް އިސްލާމަކީ ޚާރިޖީ ދާއިރާއާއި، އިލްމީ ދާއިރާއާއި، ދިރާސާކުރުމާއި، އަދި އާންމު ޚިދުމަތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ކެރިއަރެއް ބިނާކުރައްވާފައިވާ ބޭފުޅެކެވެ. ބަންގްލަދޭޝްގެ ހައިކޮމިޝަނަރުގެ ހައިސިއްޔަތުން ރާއްޖޭގައި ޚިދުމަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ވަނީ ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޚާރިޖީ ޒިންމާތަކުގެ އިތުރުން، އެމަނިކުފާނަކީ ސިޔާސީ އިލްމުވެރިއެއްގެ ގޮތުގައާއި، ދިރާސާވެރިއެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި ޚާރިޖީ ދާއިރާގެ އެކި ރޮނގުތަކުން ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ މުސައްނިފެކެވެ.

މި ރަސްމިއްޔާތުގައި، މި ފޮތް ގައުމީ ޔުނިވަރސިޓީގެ ލައިބްރަރީއަށް ވަނީ ހަދިޔާ ކޮށްފައެވެ. މިއީ ޔުނިވަރސިޓީގެ އިލްމީ ވަސީލަތްތައް މުއްސަނދިވެ، މަޢުލޫމާތު ބަދަލުކުރުމާއި، ސަގާފީ ގުޅުންތަކާއި، ބައިނަލްއަގުވާމީ އިލްމީ އެއްބާރުލުން އިތުރުވެގެންދާނެ ކަމެކެވެ. މި ދީލަތި އެހީތެރިކަމަށްޓަކައި ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ފޮތަކީ ބައިނަލްއަގުވާމީ ގުޅުންތަކާއި، ސިޔާސީ އިލްމާއި، ގަވަރނަންސް އަދި ޕަބްލިކް ޕޮލިސީ ފަދަ ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށާއި އިލްމީ ބޭފުޅުންނަށް ވަރަށް މުހިންމު މަރުޖިޢަކަށް ވާނެކަން ފާހަގަކުރެއްވިއެވެ. މި ފޮތުގެ ސަބަބުން ފާޑުކިޔުންތެރި ވިސްނުމާއި މާނަހުރި ދިރާސާތަކަށް ހިތްވަރު ލިބި، ސަރަހައްދީ އަދި ދުނިޔޭގެ މައްސަލަތަކަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް ޑރ. ޝެެހެނާޒު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ދަނީ ފެންވަރު ރަނގަޅު އިލްމީ ވަސީލަތްތައް ފަހިކޮށްދިނުމަށާއި، އިލްމީ ފެންވަރު މަތިކުރުމަށާއި، އުނގެނުމާއި ދިރާސާކުރުމަށް މަގުފަހިވާނެ ފަދަ ދެމެހެއްޓެނިވި ގުޅުންތައް ބައިނަލްއަގުވާމީ ފެންވަރުގައި ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *