ރާއްޖޭގެ ތައުލީމުގެ ހާލަތު ބަދަލުކުރަން ފެށި ދަތުރުގެ ފެށުމަކީ، 45 އަހަރު ކުރިން އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން އުފެއްދި އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހެވެ. މި އޮފީސް އުފެއްދީ ހައެއް، އޮކްޓޯބަރު 1977 ގައެވެ. އޭރު އެ އޮފީހުގެ މައިގަނޑުމަސައްކަތަކީ ޔުނެސްކޯ އާއި ޔޫއެންޑީޕީ އާއި ޔުނިސެފްގެ އެހީގައި ފެށި، ރާއްޖޭގައި ކިޔަވައިދިނުމަށް ބޭނުންވާ މަންހަޖު ފަރުމާކުރުމާއި، ފޮތްތައް ތައްޔާރުކުމާއި ޗާޕްކުރުމާއި، މުދައްރިސުން ތަމްރީން ކުރުމާއި އަތޮޅުތެރޭގެ ސްކޫލުތައް ޢިމާރާތް ކުރުމާއި، ޢާންމުން ހޭލުންތެރިކުރުވުމަށް ތަޢުލީމީ ރޭޑިޔޯ ޕްރާގްރާމްތައް އުފެއްދުމާއި، ޖަމާޢަތުގެ ތަޢުލީމުގެޙަރަކާތްތައް ހިންގުމެވެ.
މި އޮފީސް އެ ދުވަސްވަރު ހިންގީ އަތޮޅު ފިހާރަ ހުރި އިމާރާތުގެ ބައެއްގައެވެ. މި އޮފީހުގެ ބެލުމުގެ ދަށުން 1977 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު، މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތް ވަކި ނިޒާމަކުން ފަށައިގަނެވުނެވެ. މުދައްރިސުން ތަމްރީނު ކުރުން ފެށުން ފާހަގަކުރުމުގެ ޚާއްޞަ ޖަލްސާ އޮތީ 14 މާރޗް 1977ގައެވެ.

އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި 1979 ވަނަ އަހަރު އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ (އީޑީސީ) އުފައްދައި، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް އުވާލިއެވެ. އަދި ދިވެހިބަހުން މިސެންޓަރަށް ކިޔާނީ"ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު" ކަމުގައި 1981 ވަނަ އަހަރު ހަމަޖެއްސިއެވެ.
އީޑީސީ ގައި ކުރަމުންދިޔަ މަސައްކަތްތަކުގެތެރެއިން މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތާއި ޚިދުމަތުގައި ތިބޭ މުދައްރިސުންނަށް ތަމްރީން ދިނުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި 1984ވަނަ އަހަރު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" އުފެއްދިއެވެ. 1998 ވަނަ އަހަރު "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" އުފެދި، މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތް "ފެކަލްޓީ އޮފް އެޑިޔުކޭޝަން" އަށް ބަދަލުވިއެވެ. ނަމަވެސް، ކުޑަދުވަސްކޮޅެއްގެތެރޭގައި ޚިދުމަތުގައި ތިބޭ މުދައްރިސުންނަށް ތަމްރީން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބަދަލު ކުރުމަށްފަހު 2003 ވަނަ އަހަރު، އެމަސައްކަތް ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒަށް ބަދަލުކޮށް، "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޔުނިޓް" އެ މަރުކަޒުގައި ޤާއިމުކުރިއެވެ.

ހަމައެހެންމެ، އީޑީސީ ގައި ކުރަމުންދިޔަ ނުރަސްމީ ތަޢުލީމުގެ މަސައްކަތް ފުޅާކުރުމުގެ ބޭނުން ބޮޑުވުމާއެކު އެމަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެކެއް، ޖެނުއަރީ 1986 ގައި ނުރަސްމީ ތަޢުލީމުދޭ ބައި" އުފެއްދިއެވެ. އަދި އެކެއް، އޮކްޓޯބަރ 2002 ގައި، މިއޮފީހުގެ ނަން "ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން" (ސީސީއީ) އަށް ބަދަލު ކުރިއެވެ. މިއޮފީހުގެ މަސްއޫލިއްޔަތަކީ ނުރަސްމީ ތަޢުލީމުގެ ޒަރީޢާއިން ޢާންމުންނަށް ތަޢުލީމާއި ހުނަރުވެރިކަން އުނގަންނައިދީ، އިޖުތިމާއީ އަދި އިޤުތިޞާދީ ތަރައްޤީގައި ޢާންމުން ބައިވެރިކުރުމަށް އެހީތެރިވެދިނުމެވެ. އަދި 2002 ވަނަ އަހަރުން ފެށިގެން ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅުންހުރި މަސައްކަތް، ސީސީއީގައި ފެށުނެވެ. މީގެއިތުރުން އީޑީސީ ގައި ކުރަމުންދިޔަ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މަސައްކަތްތައްވެސް ސީސީއީ އިން ކުރާގޮތަށް 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހު ސަރުކާރުން ހަމަޖެއްސިއެވެ. މިބަދަލާއެކު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޓީޗަރ ރިސޯސް ސެންޓަރުތަކުން ކުރަމުންދިޔަ މަސައްކަތް ވިލަރެސްކޮށް، ބެލެހެއްޓުމަކީ ވެސް ސީސީއީ ގެ ޒިންމާއެއްކަމުގައި ހަމަޖެހުނެވެ.
ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ބަދަލުގައި "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން" ( އެންއައިއީ) އުފެއްދުމަށް 30 އޮކްޓޯބަރ 2012 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުން ނިންމާ، އެ އަހަރުގެ ޑިސެމްބަރި މަހުގެ 12 ވަނަ ދުވަހު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ރަސްމީކޮށް ސަރުކާރުން އުފެއްދިއެވެ. މި އިންސްޓިޓިއުޓް އުފައްދައި، ހަވާލު ކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ސިޔާސަތާއި މިޞްރާބާއި ތަޞައްވުރު އެކުލަވާލުމަށް ބޭނުންވާ ދިރާސާތައް ހެދުމާއި އެހެނިހެން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤައުމީ މަންހަޖު އެކަށައެޅުމާއި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމާއި، ދިވެހިރާއްޖެއަށް އަންނަ ޒަމާނީ ކުރިއެރުންތަކާ ފައިހަމަވާގޮތަށް، ޚިދުމަތުގައި ތިބޭ މުދައްރިސުންނަށް ތަމްރީން ޕްރޮގްރާމްތައް ދާއިމީގޮތެއްގައި ހިންގުމެވެ.
ދިވެހިރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އުނގެނުމުގައި ދަރިވަރުންގެ ޝާމިލުވުން އިތުރު ކުރެވޭނެގޮތްތައް ހޯދައި ލަފާ ދިނުމާއި، ޖަމާޢަތުގެ ތަޢުލީމާއި ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ފުރުޞަތުތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢާންމު ކުރުމާއި ވޮކޭޝަނަލް، ޓެކްނިކަލް އެޑިޔުކޭޝަނާއި ދިވެހިރާއްޖޭގެ ޤަދީމީ މަސައްކަތްތައް އާލާކޮށް ދިރުވުމަކީ ވެސް މި އިންސިޓިޓިއުޓާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.
advertisment
ހިޔާލު