މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންގެ އަދަދު ފާއިތުވި ދެ އަހަރު ދުވަހު ކުރި މަސައްކަތުން 48 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތި އަރުތަވެރިންގެ އިނާމު ދިނުމަށް ކުރިއަށް ގެންދިޔަ ހަފުލާގެ ހަތަރުވަނަ ދަންފަޅީގައި ވާހަކަ ދައްކަވުން މިއަދު ހަވީރު، މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މަތީ ސާނަވީއަށް ކިޔަވަމުން ދިޔަ އަދަދު 34 އިންސައްތައިން 48 އިންސައްތައަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންދެވުމަކީ އެއީ ވަރަށްބޮޑު ކުރިއެރުމެއް އަދި ކާމިޔާބެއް ކަމަށެވެ.
"މަތި ސަނާވީ މަރުހަލާގައި ކިޔެވުމަކީ ކިހާ މުހިންމުކަމެއްކަން ވިސްނައިދިނުމާއި ސިޔާސަތުތަކަށް ގެނައި ބަދަލުތަކާއެކުގައި ﷲ ގެ ވާގިފުޅާއެކު 48 އިންސައްތަ ދަރިވަރުން މިހާރު ދަނީ މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުން. އަޅުގަނޑުގެ ހިތުން މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކާމިޔާބެއް" ހުޅުމާލެ ސީއެޗްއެސްއީގައި ކުރިއަށް ދިޔަ ހަފުލާގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސްކޫލް މަދަރުސާފައި ކިޔަވަން އެންމެ ކުއްޖަކު އިތުރުކުރެވުނަސް، އެންމެ ކުއްޖަކަށް އިތުރަށް ފުރުޞަތު ދެވުނުކަމުގައި ވިޔަސް އެއީ ޤައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮލްމަންޓަށް، ޒުވާނުން ބާރުވެރިކުރުވުމާއި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އެޅިގެންދާ ބާރެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މަތީ ސާނަވީއަށް ވަންނަ ކުދިންގެ އަދަދު ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ހުރި މިންވަރަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު ވިދާޅުވީ، އޯއީސީޑީގެ ޤައުމުތަކަށް ބަލާއިރު އެ އަދަދު ހުރީ އެވްރެޖްކޮށް 56 އިންސައްތައިގައި ކަމަށާއި ފިންލެންޑްގައި އެ އަދަދު 50 އިންސައްތައާ ހަމައަށް ނުދާ ކަމަށެވެ. އެހެން ނަމަވެސް އޯއީސީޑީ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި އެ ޤައުމުތަކުގެ މަތި ސާނަވީގެ މުޅި ޖުމްލައަށް ބަލާލައިފިކަމުގައ ވަނީނަމަ 100 އިންސައްތައާ ގާތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"100 އިންސައްތައަށް ވާޞިލްވުމަށްޓަކައި އެކިއެކި ޕާތްވޭސްތަކަށް ޖާގަ ދެވިގެން އެންރޯލްމަންޓް މަތިވެފައި އޮތީ" ޑރ. އިސްމާއިލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ފަހަކާ ޖެހެންދެން ރޭއްޖޭގައި ބައްޓަން ކުރެވިފައި އޮތީ "އެކަޑަމިކް ޕާޓްވޭ" އެކަނި ކަމަށާއި ވަކިމިންވަރެއް ހާޞިލްނުކުރެވޭ ކުއްޖާ ބާކީވާފަދަ ގޮތަކަށް ނިޒާމެއް ކަމަށެވެ.
މިދިޔަ އަހަރު ކުރި އެންމެ މުހިންމު މަސައްކަތަކީ މަތީ ސާނަވީގައި ލާރނިންގ ޕާތްވޭސްތައް އުފެއްދުންކަން ބަޔާން ކުރައްވައި މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ، ވޮކޭޝަނަކް ހައިސްކޫލް ޕާތްވޭގެ އިތުރުން ވޯކްބޭސްޑް އެޕްރެންޓިސްޝިޕް ޕާތްވޭ ވަނީ އެކުލަވާލާފައި ކަމަށެވެ. މިދިޔަ އަހަރު މާލޭގެ ވޮލޭޝަނަލް ހައިސްކުލް އުފައްދައި އެތަނުގައި ދަރިވަރުން އެދަނީ ކިޔަވަމުން ކަމަށާއި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އާ އިމާރާތެއް އެޅުމަށް މަސައްކަތް އޮގަސްޓް މަހުގެ ތެރޭގައި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަން މިނިސްޓަރު އިއުލާން ކުރެއްވިއެވެ.
ވޮކޭޝަނަލް ހައި ސްކޫލުގެ މަސައްކަތް މިނިސްޓަރު ސިފަކުރެއްވީ، މީގެ ސާޅިއެތައް އަހަރެއް ކުރިން އުފެއްދި ސީއެޗްއެސްއަށެވެ. އެ ސްކޫލުން ފެށީ 40 ދަރިވަރުންނާއެކު ނަމަވެސް މިއަދު ހުޅުމާލެ އަދި މާލޭގައި ހުރި އެ ދެ ސްކޫލުގައި 3000 ދަރިވަރުން ކިޔަވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެންމެން ކުރާ މަސައްކަތުން ވޮކޭޝަނަލް ޕާތްވޭއާއި ވޯކްބޭސްޓް އެޕްރެންޓިސްޝިޕް ފުޅާކުރެވިއްޖެނަމަ ކައިރި މުސްތަގުބަލެއްގައި ގުރޭޑް 10 އެއް ނިންމާ ކުދިންގެ 70 އިންސަ ކުދިން މަތީ ސާނަވީގައި ކިޔަވަން ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރުން މިނިސްޓަރު ވިދާޅުވީ، އުނގެނުމުގައި، ވަޒީފާއަކަށް ތައްޔާރުވުމުގައި، ކޮންމެ ކުއްޖަކީ ވެސް ހުނަރެއް ލިބިފައިވާ ކުއްޖަކަށް ވާނެ ކަމަށެވެ.
"ކަމެއް ނެތިފައި ތިބި ޒުވާނުން މަދުވާނެ. އުފެއްދުންތެރިކަން އިތުރުވާނެ" ނިންމާލައްވަމުން މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.
މަތީ އަރުތަވެރިންގެ ހަފްލާގެ އެންމެ ފަހު ދަންފަޅި މިރޭ ކުރިއަށް ގެންދާނެއެވެ. ސާނަވީ އަދި މަތީ ސާނަވީން އެއްވަނަ ހޯދި ދަރިވަރުންނާއި ރާއްޖެއާއި ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ދިނުން މިރޭގެ ދަންފަޅީގައި ކުރިއަށް ގެންދާނެއެވެ.
advertisment
ހިޔާލު