ޢަބްދުﷲ ނަޞީޙް
ތަމްރީނާއި ފަންނީ ކުރިއެރުމަކީ ތައުލީމީ މުއައްސަސާތަކާއި، ވިޔަފާރިތަކާއި އަދި ސަރުކާރުގެ އިދާރާތަކުން ބޮޑެތި ހޭދަތަކެއް ކުރާ ދާއިރާއެކެވެ. ކޮންމެ އަހަރަކު ވެސް ވޯކްޝޮޕްތަކާއި، ސެމިނާތަކާއި، ކޮންފަރެންސްތަކާއި، ކޯޗިން އަދި މެންޓަރިން ފަދަ ޕްރޮފެޝަނަލް ލާނިންގެ އެކި ހަރަކާތްތަކަށް ޖަމާއަތްތަކުން ގިނަގުނަ މާލީ ވަސީލަތްތަކާއި، ވަގުތާއި، އިންސާނީ މަސައްކަތް ހޭދަކުރެއެވެ. ނަމަވެސް، މައިގަނޑު ސުވާލަކީ: އުނގެނުމުގެ ސަބަބުން ހަގީގީ ބަދަލެއް އައިކަން އަހަރެމެންނަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި ބައިވެރިންގެ އަދަދު ބެލުމަކުން ނުވަތަ ތަމްރީނު ސެޝަނާ މެދު ބައިވެރިން ހިތްހަމަޖެހޭތޯ އެހުމަކުން މިހާރު ފުދޭކަށް ނެތެވެ. ޒަމާނީ މުއައްސަސާތަކަށް ބޭނުންވަނީ އުނގެނުމުގެ ސަބަބުން މައުލޫމާތު މުއްސަނދިވެ، މަސައްކަތުގެ މާހައުލުގައި އުޅުމަށް ބަދަލު އައިސް، މުއައްސަސާގެ ހިންގުން ހަރުދަނާވެ، އަދި ފަރުދުންނާއި މުއައްސަސާއަށް އޭގެ މަންފާ ކުރާކަމުގެ ހެކިތަކެވެ.
އުނގެނުމުގެ ނަތީޖާ ވަޒަންކުރުމަށް އެންމެ ނުފޫޒުގަދަ އަދި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް އޮނިގަނޑަކީ 1950 ގެ އަހަރުތަކުގެ ފަހުކޮޅު ޑޮނަލްޑް ކާކްޕެޓްރިކް ތައާރަފުކުރެއްވި "ފޯ ލެވެލްސް އޮފް އިވެލުއޭޝަން" އެވެ. ފާއިތުވި 60 އަށް ވުރެ ގިނަ އަހަރު ތެރޭގައި، ތައުލީމީ، ސިއްހީ، ސަރުކާރުގެ، އަސްކަރީ އަދި ކޯޕަރޭޓް ދާއިރާތަކުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ބެލުމުގައި މި މޮޑެލް ވަނީ މަގުދައްކައިދީފައެވެ. ފަހަކަށް އައިސް، ގިނަ މާހިރުން ވަނީ މި އޮނިގަނޑަށް ފަސްވަނަ ލެވެލްއެއް އިތުރުކޮށްފައެވެ. އެއީ "ރިޓާން އޮން އިންޑިވިޖުއަލް" (ROI) އެވެ. މިއީ އުނގެނޭ މީހާގެ އަމިއްލަ ކުރިއެރުމާއި ދިގުމުއްދަތުގެ ކެރިއަރުގެ މަންފާތައް ބަލައިގަތުމަށް އިތުރުކުރެވުނު ބައެކެވެ. މި ފަސް ލެވެލް އެކުވުމުން، ބައިވެރިންގެ ވަގުތީ އިހުސާސްތަކުން ފެށިގެން މުއައްސަސާއަށް ކުރާ އަސަރާއި ފަރުދީ ކުރިއެރުމާ ހަމައަށް ހުރިހާ ކަމެއް ވަޒަންކުރެވޭ ފުރިހަމަ އޮނިގަނޑެއް ލިބިގެންދެއެވެ.
ކާކްޕެޓްރިކް މޮޑެލް ބިނާވެފައިވަނީ ކާމިޔާބު އުނގެނުމަކީ ހެޔޮ ނަތީޖާތަކެއްގެ ސިލްސިލާއެއް އުފައްދަންޖެހޭނެ ކަމުގެ މައްޗަށެވެ. ބައިވެރިން އުނގެނުމުގެ ތަޖުރިބާއަށް ގަދަރުކޮށް، އޭގައި ބައިވެރިވާންޖެހެއެވެ. އޭގެ ފަހުން އާ މައުލޫމާތާއި ހުނަރު ހޯދައި، އެ ހުނަރުތައް މަސައްކަތުގެ މާހައުލުގައި ބޭނުންކޮށް، މުއައްސަސާގެ ކުރިއެރުމަށް ހިއްސާވެ، އަދި އެންމެ ފަހުން އަމިއްލަ ނަފްސާއި ކެރިއަރުގެ ކުރިއެރުން ތަޖުރިބާކުރަންޖެހެއެވެ. ކޮންމެ ލެވެލްއެއް ބިނާވަނީ އޭގެ ކުރީގެ ލެވެލްގެ މައްޗަށެވެ. މީގެ ސަބަބުން ވަޒަންކުރުމުގެ މަސައްކަތަކީ މާނަހުރި އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވެގެންދެއެވެ.
ލެވެލް 1: ރިއެކްޝަން (އިހުސާސް) – އުނގެނޭ މީހާގެ ހިތްހަމަޖެހުމާއި ބައިވެރިވުން ވަޒަންކުރުން
ކާކްޕެޓްރިކް މޮޑެލްގެ ފުރަތަމަ ލެވެލް އަމާޒުވަނީ އުނގެނުމުގެ ތަޖުރިބާއާ މެދު ބައިވެރިންގެ ވަގުތީ އިހުސާސްތަކަށެވެ. މި ލެވެލްގައި ބަލަނީ ތަމްރީނަކީ ބޭނުންތެރި، ޝައުގުވެރި، އަދި ރަނގަޅަށް ފޯރުކޮށްދެވުނު ތަމްރީނެއްތޯއެވެ. ހިތްހަމަޖެހުމަކީ އެކަނި އުނގެނުން ހާސިލުވިކަމުގެ ކަށަވަރުކަމެއް ނޫން ނަމަވެސް، ހެޔޮ އިހުސާސްތަކުގެ ސަބަބުން އާ ޚިޔާލުތައް ބަލައިގަތުމަށް ބައިވެރިންނަށް ހިތްވަރު ލިބެއެވެ.
މި ލެވެލް ވަޒަންކުރަނީ ތަމްރީނަށްފަހު ފުރާ ސާވޭ ފޯމުތަކާއި، އިންޓަވިއުތަކާއި، ފޯކަސް ގްރޫޕް މަޝްވަރާތަކާއި ނުވަތަ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އާންމުކޮށް ކުރާ ސުވާލުތަކުގެ ތެރޭގައި ތަމްރީނުގެ މަގުސަދުތައް ސާފުތޯ، މުދައްރިބު ފޯރުކޮށްދިން މައުލޫމާތުތައް ފުރިހަމަތޯ، އަދި ތަމްރީނު ކުރިއަށްދިޔަ މާހައުލަކީ އުނގެނުމަށް އެކަށޭނަ ތަނެއްތޯ ބެލުން ހިމެނެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ބައިވެރިންގެ ޝައުގުވެރިކަން ހުންނަ މިންވަރުން، އިތުރަށް އުނގެނުމުގެ އަޒުމް ވަރުގަދަވެއެވެ. މެލްކަމް ނޯލްސްގެ 'އެޑަލްޓް ލާނިން' ތިއަރީގައިވާ ގޮތުން، ބޮޑެތި މީހުން އުނގެނުމަށް ބޮޑަށް ޝައުގުވެރިވަނީ އެ އުނގެނުމަކީ އެމީހުންގެ މަސައްކަތާ ސީދާ ގުޅުންހުރި އަދި އަމަލީ ގޮތުން ބޭނުންކުރެވޭނެ އެއްޗަކަށް ވާނަމައެވެ. އެހެންކަމުން، ހަމައެކަނި ތަގުރީރު ދިނުމުގެ ބަދަލުގައި، މަސައްކަތުގެ މާހައުލުގެ ގޮންޖެހުންތަކާ ގުޅުވައިގެން މުއާމަލާތްކުރެވޭ ގޮތަށް ތަމްރީނުތައް ބައްޓަންކުރަންޖެހެއެވެ.
ލެވެލް 2: ލާނިން (އުނގެނުން) – މައުލޫމާތާއި، ހުނަރާއި، އަދި ވިސްނުން ތަރައްގީވި މިންވަރު ވަޒަންކުރުން
ހެޔޮ އިހުސާސްތަކެއް ހުރުމަކީ އުފާވެރި ކަމެއް ނަމަވެސް، ހަގީގީ އުނގެނުން ހާސިލުވިތޯ މުއައްސަސާތަކުން ބަލަންޖެހެއެވެ. ދެވަނަ ލެވެލްގައި ބަލަނީ ތަމްރީނު ޕްރޮގްރާމަށްފަހު ބައިވެރިންގެ މައުލޫމާތު، ހުނަރު، ވިސްނުން، އަމިއްލަ ނަފްސަށް އޮތް އިތުބާރު ނުވަތަ މަސައްކަތަށް އޮތް ޝައުގުވެރިކަން އިތުރުވި މިންވަރަށެވެ.
އުނގެނުން ވަޒަންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ތަމްރީނުގެ ކުރިންނާއި ފަހުން ދެވޭ އިމްތިހާނުތަކާއި، އަމަލީ ގޮތުން މަސައްކަތް ދައްކައިދިނުމާއި، ސިމިއުލޭޝަންތަކާއި، މަސައްކަތްތައް ހަވާލުކުރުމާއި، އަދި ރިފްލެކްޓިވް ޖާނަލްތައް ފަދަ ކަންކަން ހިމެނެއެވެ. ތައުލީމީ މުއައްސަސާތަކުން އާންމުކޮށް ކުއިޒްތަކާއި، ޕޯޓްފޯލިއޯތައް ބޭނުންކުރަނީ މި މަގުސަދުގައެވެ.
"ބްލޫމްސް ޓެކްސޮނޮމީ" އަކީ އުނގެނުން ވަޒަންކުރުމަށް ބޭނުންކުރެވޭނެ މުހިންމު ތިއަރީއެކެވެ. އޭގައި އުނގެނުން ހަ ބަޔަކަށް ބަހާލައިފައިވެއެވެ: ހަނދާން ބެހެއްޓުން، ދެނެގަތުން، ބޭނުންކުރުން، ތަހުލީލުކުރުން، ވަޒަންކުރުން، އަދި އާ އެއްޗެއް އުފެއްދުމެވެ. ހަރުދަނާ ފަންނީ ތަމްރީނެއްގެ ސަބަބުން ބައިވެރިޔާއަށް ހަމައެކަނި މައުލޫމާތު ހަނދާން ހުރުމުގެ ބަދަލުގައި، އެ މައުލޫމާތު ބޭނުންކޮށްގެން މަސައްކަތުގެ މާހައުލުގައި ހައްލުތައް ހޯދަން އެނގެންޖެހޭނެއެވެ.
ޒަމާނީ ނިއުރޯސައިންސް ދިރާސާތަކުން ދައްކާގޮތުގައި، ހަމައެކަނި އަޑުއަހައިގެން ތިބުމުގެ ބަދަލުގައި، މަޝްވަރާކުރުމާއި އަމަލީ ގޮތުން ކަންކަން ކުރުން ފަދަ "އެކްޓިވް ލާނިން" އުކުޅުތަކުގެ ސަބަބުން މައުލޫމާތު ހަނދާނުގައި ހުންނަ މިންވަރު އިތުރުވެއެވެ. އެހެންކަމުން، އުނގެނުން ވަޒަންކުރަންވާނީ ހަމައެކަނި ދަސްކޮށްފައިވާ އެއްޗެއް ބުނެދިނުމަކުން ނޫނެވެ. އޭގެ ބަދަލުގައި އަމަލީ ގޮތުން އެ ހުނަރު ދައްކައިދޭ މިންވަރުގެ މައްޗަށެވެ.
ލެވެލް 3: ބިހޭވިއާ (އުޅުން) – އުނގެނުނު ކަންތައް މަސައްކަތުގެ މާހައުލަށް ބަދަލުކުރި މިންވަރު ވަޒަންކުރުން
ވަޒަންކުރުމުގެ މަރުހަލާތަކުގެ ތެރެއިން އެންމެ ގޮންޖެހުން ބޮޑު މަރުހަލާއަކީ، އުނގެނުނު ކަންތައްތައް ބައިވެރިން އެމީހުންގެ ދިރިއުޅުމުގެ ޢަމަލީ މަސައްކަތުގެ މާހައުލުގައި ބޭނުންކުރޭތޯ ބެލުމެވެ. ތިންވަނަ ލެވެލްގައި ބަލަނީ، އާ ތަމްރީނަށްފަހު ބައިވެރިންގެ އުޅުމަށް ބަދަލު އައިސް، އާ މައުލޫމާތާއި ހުނަރުތައް އަމަލީ ގޮތުން މަސައްކަތުގެ މައިދާނުގައި ބޭނުންކުރަން ފަށާފައިވޭތޯއެވެ.
ތަމްރީނަށްފަހު އަމަލީ ބަދަލެއް އަންނަނީ އަމިއްލަޒާތަކުންނެއް ނޫނެވެ. އެކަމަށްޓަކައި ވެރިންގެ އެއްބާރުލުމާއި، ކޯޗިންއާއި، އާ ހުނަރުތައް ބޭނުންކުރުމުގެ ފުރުސަތާއި، މުއައްސަސާގެ ހިތްވަރު ދިނުމުގެ އިތުރުން މެދުކެނޑުމެއްނެތި ފީޑްބެކް ބޭނުންވެއެވެ. މިފަދަ މަގުފަހި މާހައުލެއް ނެތް ނަމަ، ކިތަންމެ މޮޅު ތަމްރީނެއް ދިނަސް އޭގެ ހަގީގީ ބަދަލެއް ނުފެންނާނެއެވެ.
މި ލެވެލް ވަޒަންކުރުމަށްޓަކައި މަސައްކަތުގެ މާހައުލުގައި ބައިވެރިޔާ އުޅޭގޮތް ބެލުމާއި، ސުޕަވައިޒަރުންގެ ވަޒަންކުރުންތަކާއި، އެކުގައި މަސައްކަތްކުރާ މީހުންގެ ފީޑްބެކާއި، ޕާފޯމަންސް ރިވިއުތައް ނުވަތަ ޕްރޮފެޝަނަލް ޕޯޓްފޯލިއޯތައް ބޭނުންކުރެވެއެވެ. އާންމުގޮތެއްގައި މި ބަދަލުތައް ވަޒަންކުރަނީ ތަމްރީނަށްފަހު 30 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެއްގައެވެ.
އަލްބާޓް ބަންޑޫރާގެ 'ސޯޝަލް ލާނިން ތިއަރީ' ބުނާގޮތުން މީހުން ކަންކަން ދަސްކުރަނީ ބަލައިގެންނާއި، ނަމޫނާ ނަގައިގެންނާއި، އަމަލީ ގޮތުން ފަރިތަކޮށްގެންނެވެ. އެހެންކަމުން، ތައުލީމީ ދާއިރާގެ އިސްވެރިންގެ ޒިންމާއަކީ މުދައްރިސުން އާ އުކުޅުތައް ބޭނުންކޮށް ތަޖުރިބާކުރުމަށް ހިތްވަރުދޭ ފަދަ މާހައުލެއް ބިނާކުރުމެވެ.
ލެވެލް 4: ރިޒަލްޓްސް (ނަތީޖާ) – މުއައްސަސާއަށް ކުރި އަސަރު ވަޒަންކުރުން
ހަތަރުވަނަ ލެވެލްގައި ބަލަނީ އުޅުމަށް އައި ބަދަލުތަކުގެ ސަބަބުން މުއައްސަސާއަށް ލިބުނު ފައިދާއަކީ ކޮބައިތޯއެވެ. މިއީ އުނގެނުމުގެ މަސައްކަތާއި މުއައްސަސާގެ ސްޓްރެޓީޖިކް ލަނޑުދަނޑިތަކާ ސީދާ ގުޅުވައިދޭ މަރުހަލާއެވެ.
މުއައްސަސާގެ ބާވަތަށް ބަލައި، މި ނަތީޖާތަކުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ރަނގަޅުވުން، ޚިދުމަތުގެ ފެންވަރު މަތިވުން، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވުން، ޚަރަދު ކުޑަވުން ނުވަތަ މުވައްޒަފުން މުއައްސަސާގައި ދެމިތިބޭ މިންވަރު އިތުރުވުން ހިމެނިދާނެއެވެ. ސްކޫލްތަކުގައި ނަމަ، ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމާއި، ކްލާސްރޫމް މެނޭޖްމަންޓް ހަރުދަނާވުމާއި، ބެލެނިވެރިންގެ ހިތްހަމަޖެހުން ފަދަ ކަންކަމަކީ މި ލެވެލްގެ ނަތީޖާތަކެވެ.
ޒަމާނީ މުއައްސަސާތަކުން މި ނަތީޖާތައް ވަޒަންކުރުމަށް ކީ ޕާފޯމަންސް އިންޑިކޭޓާސް (KPIs) އާއި ޑޭޓާ އެނަލިޓިކްސް ބޭނުންކުރެއެވެ. ތަމްރީނުތަކަކީ މުއައްސަސާގެ އިސްތިރާޖީ ރޭވުންތަކާ އެއްގޮތަށް ކުރިއަށްދާ ކަންކަންކަން ކަށަވަރުކުރުމަކީ އޭގެ ސަބަބުން މުއައްސަސާއަށް ދިގުމުއްދަތުގެ ކާމިޔާބީ ލިބޭނެ ކަމެކެވެ.
ލެވެލް 5: ރިޓާން އޮން އިންޑިވިޖުއަލް (ROI) – ފަރުދީ ކުރިއެރުމާއި ކެރިއަރުގެ ތަރައްގީ ބަލައިގަތުން
މި ޒަމާނުގެ ތަމްރީނުދޭ މާހިރުން ވަނީ މި އޮނިގަނޑަށް ފަސްވަނަ ލެވެލްއެއް އިތުރުކޮށްފައެވެ. މިއީ ހަމައެކަނި މުއައްސަސާއަށް ލިބޭ ފައިދާއަށް ބެލުމުގެ ބަދަލުގައި، އުނގެނުމުގެ ސަބަބުން ފަރުދެއްގެ ގޮތުން ލިބުނު ކުރިއެރުމާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، ކެރިއަރުގައި ކުރިއަށްދިއުމުގެ ފުރުސަތުތަކަށް ބަލާ ބައެކެވެ.
ފަރުދީ ގޮތުން ލިބޭ ކުރިއެރުމުގެ ތެރޭގައި މުއާމަލާތްކުރުމުގެ ހުނަރު ރަނގަޅުވުމާއި، މައްސަލަ ހައްލުކުރުމުގެ ގާބިލުކަން އިތުރުވުމާއި، އަދި ވަޒީފާގެ މާހައުލުގައި ކުރިއަށްދާނެ މަގުތައް ތަނަވަސްވުން ހިމެނެއެވެ. އަމިއްލަ ނަފްސަށް އުނގެނުމުގެ ސަބަބުން ފައިދާވާކަން އިހުސާސްކުރެވޭ މުވައްޒަފުން މަސައްކަތަށްދޭ ސަމާލުކަން ބޮޑުވެފައި، މުއައްސަސާއަށް އޮންނަ ވަފާތެރިކަން ވެސް އިތުރުވެއެވެ.
އުނގެނުން ވަޒަންކުރުމުގެ މުހިންމުކަން
ބައެއް މުއައްސަސާތަކަށް ހެދޭ ގޯހަކީ ހަމައެކަނި ބައިވެރިންގެ އަދަދު ނުވަތަ ހިތްހަމަޖެހޭ މިންވަރު ބަލައިލުމުން ފުދޭކަމަށް ދެކުމެވެ. މިއީ ފަސޭހައިން ބެލޭނެ ކަންކަމަށް ވިޔަސް، ތަމްރީނުގެ ހަގީގީ ނަތީޖާއެއް މިއަކުން ނޭނގެއެވެ. ފުރިހަމަ ގޮތެއްގައި ވަޒަންކުރުމުން ނޫނީ އުޅުމަށް ބަދަލު އައިކަމެއް އަދި ނަތީޖާ ހާސިލުވިކަމެއް ކަށަވަރެއް ނުކުރެވޭނެއެވެ.
ކާމިޔާބުކަމާއެކު ކާކްޕެޓްރިކް މޮޑެލް ތަންފީޒުކުރުން
ކާމިޔާބުކަމާއެކު މިކަން ކުރުމަށްޓަކައި، ތަމްރީނު ފެށުމުގެ ކުރިން ސާފު މަގުސަދުތަކެއް ކަނޑައަޅައި، ނަތީޖާ ވަޒަންކުރާނެ މިންގަނޑުތައް އެކުލަވާލަންޖެހެއެވެ. ތަމްރީނު ކުރިއަށްދާއިރު ބައިވެރިން އަމަލީ ގޮތުން ބައިވެރިކޮށް، ތަމްރީނަށްފަހު ވަގުތުންނާއި ދިގުމުއްދަތުގައި އޭގެ ނަތީޖާ ބަލަމުން ގެންދަންޖެހެއެވެ. ވަޒަންކުރުމަކީ އެއްފަހަރު ކޮށްލާ ކަމެއްގެ ބަދަލުގައި، މެދުކެނޑުމެއްނެތި ކުރިއަށްދާ ސިލްސިލާ މަސައްކަތަކަށް ހަދަންޖެހެއެވެ.
ޑޮނަލްޑް ކާކްޕެޓްރިކްގެ މި އޮނިގަނޑަކީ ފަންނީ ތަމްރީނުތަކުގެ ފެންވަރު ބެލުމަށް އޮތް އެންމެ ފުރިހަމަ އެއް މަގެވެ. މިއަދުގެ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި، ތަމްރީނެއްގެ ކާމިޔާބީ ބަލަންވާނީ ހަމައެކަނި ބައިވެރިވި މީހުންގެ އަދަދަކުން ނޫނެވެ. އޭގެ ބަދަލުގައި، އެ ތަމްރީނެއްގެ ސަބަބުން މީހުންގެ މައުލޫމާތަށާއި، މަސައްކަތުގެ އުޅުމަށާއި، މުއައްސަސާގެ ނަތީޖާއަށް އަދި ފަރުދުންގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލުތަކުންނެވެ. އުނގެނުމަކީ ސާފު މަގުސަދުތަކެއްގެ މަތީގައި ބިނާކޮށް، ފަސް ލެވެލްގައި ވަޒަންކުރެވޭ އެއްޗަކަށް ވެއްޖެނަމަ، އެއީ މުއައްސަސާއާއި ފަރުދުންގެ ކުރިއެރުމަށް ލިބޭނެ އެންމެ ބޮޑު ބާރެވެ.
advertisment
ހިޔާލު